ގޯތިތަކާ ފްލެޓްތައް ނުދެންޏާ ވެރިކަން ހަނދާން ނައްތާލާ!

ނަޒާހަތުގެ ސިއްކަ ޖައްސައިގެން ކަތިލެވޭ ކަންބަޅިތަކަކަށް ކޮމެޓީ ނުހަދާ

ގޯތިތަކާ ފްލެޓްތައް ނުދެންޏާ ވެރިކަން ހަނދާން ނައްތާލާ!

ކުރީ ސަރުކާރު ތަކުގެ ވެރިކަމުގައި ކޮށްފައިހުރި ހުރިހާ ކަމެއް ކޮށްފައިވަނީ ސައްހަކޮށްތޯ ބެލުމަކީ އައު ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށްވިއްޔާ ބަލާނެ ލައްކަ ކަންކަން ހުންނާނެއެވެ.

ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމަށް ދެފަރާތުންމެ އިހުތިރާމް ކުރަން ޖެހޭނެއެވެ. އެއްބަސްވުމުގައިވާ ހައްގުތަކާ ވާޖިބުތައް ދެފަރާތުންމެ އަދާކުރަން ޖެހޭނެއެވެ. އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ވާނަމަ އެކަމެއް ހުއްޓުވުމުގެ ބާރު އޮތުމަކީ އާއްމުވެގެންވާ އަސާސީ ހައްގެއް ލިބުމަށް ހުރަސް އެޅުމަށް ދޭ ތަޅުދަނޑިއެއް ނޫނެވެ.

ފަރުދުންގެ ޒާތާގުޅޭ ގޮތުން ކުރިން ނިންމާފައި ހުންނަ ކަންކަން ކޮމެޓީ ހަދައިގެން ބަލާ ބަދަލު ކުރުމުގެެ ހައްގެއް ސަރުކާރަކަށް ނުއޮންނާނެއެވެ. ސަރުކާރަށް އެހައްގު ލިބިގެންވާނަމަ ކުރިން ނިންމާފައިވާ ލައްކަ ކަންކަން ބަލާ ބަދަލު ކުރަންޖެހޭނެއެވެ. މީހަކު ޝަކުވާއެއް ކޮށްލާއިރަށް ދައުލަތުން އެކަމަކާ ގުޅޭ ހުރިހާކަމެއް އެކޮޅުކޮޅުން ޖަހަން ޖެހެންޏާ ހަމައެކަނި ބަލާ އެކޮޅުކޮޅުން ޖަހަންވީ މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކާ ފްލެޓް ތަކުގެ މައްސަލައެއް ނޫނެވެ. 

ކުރީގެ ވެރިކަންތަކުން ބޮޑެތި އެގްރިމެންޓްތައް ހަދާ ފަޅުތަކާ ގިރިތަކާ ރަށްތަކާ މީސް މީހުނަށް ލީސްކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކޮރަޕްޝަން ހިމެެނޭހެން އެތައް ކަމެއް ކުރެވިފައި ހުރިކަން އެނގެއެވެ. ސާބިތުވެފައި ވެސް އެބަހުއްޓެވެ. އެހެނެކޭ ކިޔާ ކުރެވިފައިވާ ލީސް އެގްރިމަންޓްތައް ބާތިލެއް ނުވެއެވެ.  

ކުރީގެ ސަރުކާރުތަކުން ވަޒީފާ ދިނުމުގައާއި ވަޒީފާއިން ވަކިކުރުމުގައި ބައެއްކަންކަން ގޯސްކޮށް ކޮށްފައި ހުރިކަމަށް ވަޒިފާއާއި ބެހޭ ޓްރައިބިއުނަލުން ނިންމާފައި އެބަހުއްޓެވެ. އެހެންވީމާ ކުރީ ސަރުކާރުތަކުން ދީފައިވާ ހުރިހާ ވަޒީފާތައްވެސް ބާތިލުވާނެ ތާއެވެ. ގަވައިދާ ހިލާފަށް މީހުނަށް ވަރިކައިވެނި ކޮށްދީފައި ވެސް އެބަހުއްޓެވެ. އެކަން އެނގޭ ހިސާބުން ކުރީގެ ކޮށްފައިހުރި ހުރިހާ ކައިވެނީގެ އަގުދުތައްވެސް ބާތިލުވާނެއެތާއެވެ. 

މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން މީހެއްގެ ވަޒީފާއާއި ގުޅޭގޮތުން ސަރުކާރަކުން ނިންމާފައިވާ ގޮތާ ދެކޮޅަށް ޓްރައިބިއުނަލުން ކަމެއް ނިންމުމަކީ ވަޒީފާ ދިމުގެ މުޅި ޕްރޮސެސް ބާތިލު ވާކަމެއް ނޫނެވެ. ކަމެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ވާނަމަ އެކަމެއް ވަރަށް ސާފުކޮށް ޝައްކެއްނެތް މންވަރަށް ކާކު ކުރީ ކީއްކަން ބަޔާންކޮށް އެމައްސަލައަކަށް ގާނޫނީ ހައްލެއް ހޯދާދޭން ޖެހޭނީ ކޯޓުންނެވެ. 

ކޮމެޓީ ހަދައިގެން ހިޔާވަހިކަމުގެ ހައްގަށް އަރައިގަންނަން ބައެއްގެ ނިއްކުރީގައި ނަޒާހަތުގެ ސިއްކަ ޖައްސައިގެން ކަތިލެވޭ ކަންބަޅިތަކަކަށް އެމީހުން ހަދަން މުއިއްޒު އުޅޭނެ ކަމެއްނެތެވެ. އެއްބަސްވުމާ އެއްގޮތަށް ގޯތިތަކާ ފްލެޓްތައް ނުދެންޏާ ވެރިކަން ހަނދާން ނައްތާލާށެވެ.