މުއިއްޒު ގައުމު ވައްޓާލަނީ ކުރިއަށްވުރެ މާ ބޮޑު އަނދަވަޅަކަށް
ތިޔަ ޖަހަން އުޅެނީ ކޮން މަރު ސަކަރާތެއް
ވެރިކަމަށް އަރާ ތިޔަ އުޅެގަތް ގޮތަކުން މުއިއްޒު ވެރިކަމަށް ގެންނަން ވޯޓުދިން އެތައް ބަޔަކު މުއިއްޒު ދޫކޮށްލައިފިއެވެ. މަކަރާ ހީލަތާ ބުހުތާން ދޮގު ހަދައިގެން ވެރިކަން ހޯދުނަސް މުއިއްޒުގެ ކިބައިން ކުރި އުންމީދު ކަނޑާލައިފިއެވެ.
ރައީސް ޔާމީނު ފަކީރު އަދިވެސް އެހުންނެވީ ބަންދުގައެވެ. އިންޑިއާ ސިފައިންނޭ ކިޔައިގެން ހެދީ ރޯ ބުހުތާން ދޮގެވެ. ކުރީގެ ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީއަކުން ކަނޑުވިއްކާލި ކަމަށް ބުނި ސިޓީ މުއިއްޒު ސަރުކާރުން އާއްމު ކުރިއިރު އޭގައި ހައްބަ ހަލާުލު މުކައްބަވެސް ނެތެވެ.
ރާއްޖޭގެ ކަންކަން ކޮންމެހެނެއް އޮތަސް ވަރިހަމަތާއެވެ. ދުނިޔޭގައި ބަޔަކު ކުރަންޏާ ކުރާހާ ކަމެއް ވާނީ ކުރަންތާއެވެ. ފޫކޮޅުގައި ކާށިފޮއްޗަކާ ލައިގެން ކާނެ މަސް ފޮއްޗެއް ނެތަސް ވަރިހަމަތާއެވެ.
ރާއްޖޭން ޑްރޯން އަރުވައިގެން ސަރަހައްދު ބަލަހައްޓަން މުއިއްޒު ސަރުކާރުން ނިންމައިފިއެވެ. އާނއެކެވެ. ސަރަހައްދު ބަލަހައްޓަން ޑްރޯން ބޭނުން ކުރުމަކީ ދުނިޔޭގައި އައުކަމެއް ނޫނެވެ. ކިތަންމެ ބަޔަކު ކޮށްއުޅޭކަމެކެވެ.
އެހެނެއް ކަމަކު އެވަރުގެ ވަރުގަދަ އޮޕަރޭޝަނެއް މެދުނުކެނޑި ހިންގާލެވޭ ވަރުގެ ފޯރުންތެރި ކަމެއް ދިވެހި ދައުލަތަކު ނުހުންނާނެއެވެ. އާއްމު ރައްޔިތުންނަށް އަތްފޯރާފަށަށް ކާބޯތަކެއްޗާއި ބޭސް ފަރުވާއާއި އަސާސީ ހިދުމަތްތައް ފޯރުވާ ނުދެވިގެން އުޅޭއިރު ތިޔަ ޖަހަން އުޅެނީ ކޮން މަރު ސަކަރާތެއް ހެއްޔެވެ.
ބަޔަކު ސެޓެލައިޓް ޖައްވަށް ފޮނުވާ ރޮކެޓް އަރުވާ ހެއްޖަކަސް އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ. ގައުމީ އާގު ބޯޓު ކުންފުންޏަށް ކަތީބަކު ލައިގެން އާގު ބޯޓު ދުއްވަން އުޅޭހެން ކަންކަމެއް ނުވާނެއެވެ.
ކުރީ ސަރުކާރުން ދިންގޮތަށް އެއްވެސް ބަދަލެއް ނުގެނަސް ހަވާލުކުރަން ބުނި މާލޭ މީހުންގެ ގޯތިތަކާ ފުލެޓްތައް ދޭކަށް ނޫޅެއެވެ. އެކަމާ ކަންބޮޑުވެގެން އުޅޭ މީހުން ފުލުހުން ފޮނުވައިގެން ތަޅާ ރޯނާ ގަންނަވާލިޔަކަސް ވައުދުވީ ގޮތަށް ކަންކުރެވޭ ކަމަކަށް ނުވާނެއެވެ.
ކެންޕޭނަށް ގޮސް އުޅުނު އިރު ކަންފަތް ދޮށުގައި ސިއްރު ސިއްރުން މީހުން އެދުނީ ވަޒީފާއިން ވަކި ނުކޮށް ބައިތިއްބާ ދޭށޭ ގައިމު ބުންޏެވެ. އެކަމަށްޓަކައި ވަކި ނުކުރާން ބުނި ވަޒީފާ ތަކުން މީހުން ކަނޑަނީ ދޮންކަޅު އަންގާ ނުލައެވެ. ވަޒީފާއިން ވަކިނުކުރާނެ ކަމަށް ބުނި ފެނަކަ މުއައްޒަފުން ކަނޑާލުމުން ނިކުމެ އެތިބީ މަގުމަތީ މުޒާހަރާގައެވެ. ދޭން ބުނި ގޯތިތަކާ ފްލެޓްތައް ހަވާލުނު ކޮށްގެން އެއްވާނަކަށް އެތިބަ ޖެހެނީއެވެ.
އެކަމަކު އަތްގުޅިނުކާ މުސާރަގައި މީހުންތައް ސިޔާސީ މަގާމުތަކަށްލާ މަތި ބަރުކުރަނީއެވެ. ކުށުގެ ރެކޯޑެއް ތަނެއް ދޮރެއް ބަލަނީއެއް ނޫނެވެ. މެންބަރުން ގަތުމާ މުއައްސަސާތަކާ ކުންފުނިތައް އުފައްދަނީ އަޑު ކިޔާލާފައެވެ.
ސިޓީ ކައުންސިލް ބާރުވެރިކޮށް އެޗްޑީސީ އުވާލާ ސިޓީ ކައުންސިލާ ހަވާލުކުރަން ބުނި ހުޅުމާލެ ވެސް ސަރުކާރުން ބައްކުރަނީއެވެ. ވަޒީރުން ފޮނުވައިގެން މާލެ ސިޓީ ކައުންސިލް ކޮށާ ކުދިކޮށް ވިހާ މަރުވާ ބަލަހައްޓާ ތަނަކަށް ބަދަލުކޮށްލަނީއެވެ.
އިންޑިއާއަށް ގޮތްދޫ ނުކުރާން އަތު އޮތް ޑޯނިއަރ މަތިން ދާބޯޓް ބޭނުން ނުކުރުމުން އައްޑޫން ޒުވާނަކު ކަނޑުވެ ގެއްލި ދިއައީއެވެ. ހެލްކޮޕްޓަރ ހުރެމެ އެ ބޭނުން ނުކުރާން ބޮޑާވެ ގަތުމުން ގއ. ވިލިގިލިން ބަލިމީހަކު ހާލުބޮޑުވެ މާލެ ގެެނެވޭ ގޮތްނުވެގެން ރައްޔިތުން މަގަށް ނިކުމެ ހޮސްޕިޓަލްގެ ނަން ހެލްތު ޕޯސްޓަށް ބަދަލު ކުރީއެވެ.
މުއިއްޒެވެ. އަދިވެސް ހޭއަރާކަށް ނުވޭ ހެއްޔެވެ. ތިޔަ ހުރި ބޮޑަކަމާއި ގޮތް ދޫނުކުރުން ދޫކޮށް ހަމަ ބިމަށް ފައިބާކަށް ނުވޭހެއްޔެވެ. ހަމަ ތެދެކެވެ. ކުރީގެ ވެރިކަން ތަކުގައި ހެދިގޯސް ނުހަދާ ހެޔޮވެރިކަމެއް ކުރަން ލިބުނު ފުރުސަތުގައި ގައުމު ތިޔަ ވައްޓާލަނީ ކުރިއަށް ވުރެވެސް މާ ބޮޑު އަނދަ ވަޅަކަށެވެ.