ސޮލާގެ ތަޞައްވުރުން މާފުށި ސިޓީއަކަށް!
މިކަން ހާސިލް ކުރެވޭނީ އެމްޑީޕީއާއި އެކު
ހިނގަމުންދާ ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަންގެ ތެރޭން މާފުށީގައި އޮތް ތަރާވީސް ހަފްލާއެއްގައި އެރަށު ކައުންސިލް ރައީސް ފާޅުކުރެއްވީ މާފުށި ސިޓީ އަކަށް ބަދަލު ވެގެންދާ ތަޞައްވުރެވެ.
ކުއްލި އަކަށް ސިޓީއެއްގެ ވާހަކަ އުފަން ކުރެއްވުމުން މިއީ ކިހިނެއް ހަގީގަތަކަށް ވާނެ ހުވަފެނެއްތޯ ސޮލާ ކުރެން އަހާލީމެވެ. އޭނާގެ ޖަވާބުތައް ހުރި ގޮތުން މާފުށި ސިޓީއަކަށް ބަދަލުވުމަކީ އުނދަގޫ ކަމެއް ނޫނެވެ.
ސޮލާ ވިދާޅުވީ ތަަރައްގީއަކީ ތޯތޯ އެއްޗެއް ނޫންކަން ރައީސް ސޯލިޙް ސާބިތު ކޮށްދެއްވައިފި ކަމަށެވެ. ބިންދަތި ކަމަށް ދެންނެވުމުން ބޮޑު ބިމެއް މާފުއްޓަށް އިތުރު ކޮށްދެއްވާ ހަމަ މި ދައުރުތެރޭ އެބިމުން މާފުށި ރައްޔިތުންނަށް ގޯތި ދެއްވަން ތައްޔާރު ވެއްޖެ ކަމަށެވެ. ސުނާމީގަައި ވަށްމާފުށި ކިޔާ ފަޅުރަށް ގިރާލި ވާހަކަ ދެންނެވުމުން އެރަށް އޮތް ތަނުގައި އެވަނީ ޕިކްނިކް އައިލެންޑަށް ބިން ހިއްކަވާ ދެއްވާފަ ކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިން ގިނަ މާފުއްޓަށް ބޭނުންވާ ވަރަށް ބަނދަރު ބޮޑު ކުރުމާ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިއްޖެ ކަމަށް ވިދާޅުވިއެވެ.
ސޮލާ ވިދާޅުވީ މާފުށީގެ ފަޅުގެ ބޮޑު ޖާގައިގެ ބޭނުން ހިފާ ރައީސް ޞޯލިޙްގެ އަންނަ ރިޔާސީ ދައުރުގައި މާފުށި ސިޓީ އަކަށް ބަދަލު ކުރުން ފެއްޓޭނެ ކަމަށް ސޮލާ ވިދާޅުވިއެވެ. އެއީ ކިހިނެެއް ކުރާ ކަމެއްތޯ އަހާލުމުން ވިދާޅުވީ ސިޓީ އަކަށް ބޭނުންވަނީ ބޮޑު އާބާދީ އެއް ކަމަށާ ރައީސް ސޯލިޙްގެ އަންނަ ދައުރުގައި އެކަމަށް ބޭނުންވާ ބޮޑު އަނެއް ބިން މާފުށީ ފަޅުން ހިއްކޭނެ ކަން އޭނާއަށް ޔަގީން ކަމަށެވެ.
ބްރިޖަކުން ގުޅާލެވޭ އެރަށުގެ ވަކި ޕަސެންޓެއްގެ ބިމުގައި ކޮންޑޮމީނިއަމް ސްޓައިލްގެ ރިއަލް އިސްޓޭޓް އިންވެސްޓަރުންނަށް ހުޅުވާލާނެ ކަމަށެވެ. އެއާ އެކު ވަކި ޝަރުތު ތަކެއް ހަމަވާ ދިވެހި ރައްޔިތުންނަށް މަތީ މާކްސް ލިބޭ ގޮތަށް މާފުށީގެ ރަށްވެހިކަން މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށެވެ. އެގޮތުން މާފުށީގެ ރަށްވެހިންގެ ތެރެއަށް ދެން އިތުރުވާނީ ޑިގްރީ ހަދައިގެން ތިބި އެކި ފަންނުގެ ޕްރޮފެޝަނަލުން ކަމަށް ސޮލާ ވިދާޅުވިއެވެ. އެއީ ޑޮކްޓަރުންނާ އިންޖިނޭރުންނާ އާކިޓެކްޗަރުން ފަދަ މާފުށީގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ އާބާދީ ކަމަށް ވިދާޅުވިއެވެ.
ސޮލާ ވިދާޅުވީ އަލަށް ހިއްކޭ މާފުށީގެ ބިމުގައި މިހާރު 15 އަހަރުވެފައި ތިބި މާފުށީ ކުދިން ބިންވެރި ކުރެވޭނެ ޖާގަ އުފެއްދޭނެ ކަމަށެވެ. މާފުށީ ކައުންސިލްގެ ރައީސް ވިދާޅުވާ ގޮތުން މިކަން ހާސިލް ކުރެވޭނީ އެމްޑީޕީއާއި އެކު ކަން އޭނާއަށް ޔަގީނެވެ. ސޮލާގެ ތަޞައްވުރަށް ފުންކޮށް ވިސްނާލާ އިރު މާފުށި ސިޓީއަށް ބަދަލު ނުވެވޭނެ އެއްވެސް ސަބަބެއް ނެތެވެ.