އަންނިއާއި ޔާމީނުގެ ކޮރަޕްޝަން ފެނަކައިން
އަނބުރާ ހޯދަން އޭސީސީން އަންގަފައިވާ 20 މިލިއަން ރުފިޔާއަކީ 2018 ގެ ކުރީގެ ފައިސާ
ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ އެކި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ރައީސް ޔާމީނުގެ ވެރިކަމުގައާއި އޭގެކުރިން ހިންގާފައިވާ މުއާމަލާތްތަކުގެ ފައިސާ ތަކެއް އަނބުރާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފެނަކައަށް އަންގައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިވަގުތު ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުން އެބަދެއެވެ.
އެސީސީން ތަހުގީގުކުރާ ފެނަކައިގެ މައްސަލަތަކުގެ ތެރެއިން 2018 ގެ ކުރިން ހިންގާފައިވާ މުއާމަލާތް ތަކެއްގެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވާކަން ފެނަކައިން ވެސް ކަށަވަރުކޮށް ދެއެވެ. ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކުގައި ހޯދަން އޭސީސީން އެންގި 20 މިލިއަނަކީ 2012 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެން ފެށިގެން މިއަދާ ހަމައަށް ހިންގާފައިވާ އެކި މުއާމަލާތްތަކުގެ ފައިސާ ކަމަށް ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެއެވެ.
ފެނަކައިން ބުނާގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ ހަތަރު މުއާމަލާތަކާ ގުޅުންހުރި ފައިސާއެވެ.
އަނބުރާ ހޯދަން އޭސީސީން އަންގަފައިވާ 20 މިލިއަން ރުފިޔާ:
- ސަދަން ޔުޓިލިޓީ ކުންފުނީގެ ކުރީގެ ފިނޭންސް ޑިރެކްޓަރު ކިޔަވަން ދިއުމަށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނާ 240،000ރ.
- އަމިއްލަ ކުންފުންޏަކާ އެކު 2015 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަން ޖެހޭ ޖޫރިމަނާ ފައިސާ އުނި ނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރުމުގެ ސަބަބުން އެ ކުންފުންޏަށް (ފެނަކަ) އަށް ލިބުނު ގެއްލުމަށްވާ 1،017،170.44ރ.
- ޑޮލަރު ގަތުމަށް 2016 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކުރި މުއާމަލާތަކުން ލިބެން ޖެހޭ 17،857،970.10ރ.
- ފެނަކައަށް ބޭނުންވާ ބިލިން ސޮފްޓްވެއާއެއް ހޯދަން 2017 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކޮށްފައިވާ މުއާމަލާތަކުން ފެނަކައަށް ގެއްލިފައިވާ 1،389،342ރ.
ސަދަން ޔުޓިލިޓީ ކުންފުނިތަކަކީ ރައީސް ނަޝީދު ވެރިކަމުގައި އުފައްދާ ހިންގިތަންތަނެވެ. އެކުންފުނިތައް އެއްކޮށްލައިގެން ފެނަކަ އުފެއްދެވީ 2012 ގައި ރައީސް ވަހީދެވެ. އޭރުއްސުރެ ފެނަކައިގެ ތެރޭގައި ކޮރަޕްޝަން އޮތީ އަށަގަނެފާ އިންތިހާ ދަރަޖައަށެވެ. އޭސީސީން މިހާތަނަށް ވެސް ވަނީ އެކަންކަން ނުބަލާ ވަރަށް ބޮޑަށް އިހުމާލުވެފައެވެ.
އެހާ ކުރީގެ ކަންތައްތަކެއް ކުއްލިޔަކަށް އިންތިގާލީ މަރުހަލާއެއްގައި އޭސީސީން ތިލަކޮށް ލުމުމުގައި ސިޔާސީ މަސްލަހަތު އޮތްކަމަށް ބެލެވެއެވެ. ކުއްލިޔަކަށް އޭސީސީ ބާރުވެރިވެރި ވީތޯ ސުވާލު ކުރެވޭ ވަރުވެއެވެ. ކުރިން ރައީސް އޮފީހާ ފެނަކައިގާ ބުނެލައިގެން އެކަންކަން ނުކޮށް މިހާދުވަހު މަޑުން ތިބީތީ އޭސީސީގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދެއެވެ.