ކިންގް ޗާލްސާ 20 ސިކުންތަށް ދިމާވެގެން ފޮނުއެރުވުން

އިނގިރޭސި ރަސްގެފާނާއެކު ފޮޓޯއެއް ކަނޑާލެވުމަކީ ބޮޑު ހުދަންބަރެއް ހޮވުން

ކިންގް ޗާލްސާ 20 ސިކުންތަށް ދިމާވެގެން ފޮނުއެރުވުން

ރާއްޖޭގެ ވެރިކަން ޖަހައިގެން ރައީސާ ބައްދަލު ނުކުރެއްވިގެން އިގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއަށް އަވަހާރަފުޅު ނުލެއްޕެވޭތާ ކިތަންމެ ދުވަހެކެވެ. 28 ވަނަ ކޮޕް ސަމިޓް ބޭއްވިކަން އެއީ ކިންގް ޗާލްސްގެ ގައިނަސީބެވެ. މިދަޑިވަޅަށް އެ ރަސްގެފާނު އެހުންނެވީ ކެތް މަދުވެވަޑައިގެންފައެވެ. ވެއްޓި ފޮރޮޅިގެންވެސް ޑރ. މުއިއްޒާ ބައްދަލުވެ ވަޑައިގަތުމަށް ވުރެ މުހިންމު އެހެން އެއްވެސް ކަމެއް ކިންގް ޗާލްސްއަކަށް ނެތެވެ. 

މާތް ކަލާނގެ ކުޅަދުން ވަންތަކަމެވެ. ރައީސް މުއިއްޒާ ކިންގް ޗާލްސް ބައްދަލު ކުރެއްވީ ހެއްޔެވެ. ނޫނީ ސަމިޓްގެ ހަވާސާއިން ދިމާވީ ހެއްޔެވެ. ޔަގީނުން ވެސް ކިންގް ޗާލްސް މީހަކާ ބައްދަލުކުރާނީ ފިސާރި ހައިބަތުގައި ނިކަން ތަރުތީބުންނެވެ. މަގުމަތިން މީހަކާ ދިމާވީމާ ސަލާންކޮށްލާ ހާލު ކިހިނެތްތޯ އަހާލާ ބީދައަކުން އިގިރޭސި ރަސްގެފާނު މީހުންނަކާ ބައްދަލެއް ނުކުރައްވާނެކަން ޔަގީނެވެ. 

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް މުއިއްޒާ ޗާލްސް ވާހަކަ ދެއްކެވި ޔޯލައެވެ. ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ވާހަކަ ވެސް ދެއްކެވި ޔޯލައެވެ. ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ވާހަކަ ދައްކަވާނީ އަރި މައްޗަކަށް ޖެހިލައިގެންތިބެ މީހުން ޗުކުޗުކު ލާގޮތަކަށް ނޫނެވެ. އެއަށްވުރެ މާހައިބަވެތިކޮށެވެ.

ރަންކޮޅާއެވެ. ކަންވީކީ އެހެނަކުން ނޫނެވެ. ސަމިޓަށް ވަޑައިގެން ތިއްބެވި ބޭބޭފުޅުން ފެނި އެންމެ ފުރަތަމަ އަތްފައި ފިނިވެ ތުރުތުރު އަޅައިގަތީއެވެ. އޭރު ސަމިޓަށް ވަޑައިގެން ތިއްބެވި ބޭފުޅުން ސަމިޓްގެ ހަވާސާގައި އެއްބޭފުޅަކު އަނެއް ބޭފުޅަކާ ސަލާންގަލާން ކުރައްވަނީއެވެ. ކަމަށް އައުކަމުން މުއިއްޒަކަށް ރަނގަޅަށް މީހުނެއް ނޭގެއެވެ. އެކަމަކު ރާއްޖޭގެ މީހުނަށް ދައްކާލަން ފޮޓޯކޮޅެއް ހަދާލަންވާނެތާއެވެ. އެގޮތުން އިނގިރޭސި ރަސްގެފާނާއެކު ފޮޓޯއެއް ކަނޑާލެވުމަކީ ބޮޑު ހުދަންބަރެއް ހޮވުން ކަހަލަ ކަމަކަށް ވާނެތާއެވެ. 

ދެނަކާ ދެނެއް ނެތެވެ. މީހުންގަނޑުގެ ތެރެއިން ލޫދެމުން ފޫދެމުން ކިންގް ޗާލްސާ ހަމަކޮށް ސަލާންކޮށް ބޭނުންވާ ފޮޓޯ ނެގީއެވެ. ކިންގް ޗާލްސް އަރިހުގައި އެއްޗެއް ދަންނަވާލަން ލިބުނީ ވިއްސަކަށް ސިކުންތެވެ. ދެގައުމުގެ ޒަމާންވީ ގުޅުމާ ބެހޭގޮތުން ވިއްސަކަށް ސިކުންތުން ދެއްކޭނީ ކޮންވާހަކައެއް ހެއްޔެވެ. އެކަމަކު އައު ކުކުޅަކަށް ގައުނަމަވެސް ބިހެއް އެޅުނީމާ ވަރަކަށް ގޮވާނެތާއެވެ.