މުއިއްޒުގެ އަދަވާތްތެރިއަކީ އެމްޑީޕީއެއް ނޫން.
ހުވާގެ އިޖުރާތާ މެދު ސުވާލު އުފައްދުވަނީ ނަޝީދު
އެމްޑީޕީއަކުން އިންތިހާބީ ރައީސް ހުވާ ކުރެއްވިޔަ ނުދޭކަށް ނޫޅެއެވެ. ރީތިގޮތުގައި ސަރުކާރު ބަދަލުކުރުމަށް އެއް ބާރުލުން ނުދިއެއް ނޫޅެއެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ގައުމު ހަލަބޮލި ކުރާކަށް އެއްވެސް ކަމެއް ނުކުރެއެވެ. އެމްޑީޕީން ސައިޒު އޮޅިގެން ނޫޅެއެވެ.
ދެވަނަ ބުރުގެ ނަތީޖާ އިއުލާންކޮށް ނިމުމުގެ ކުރީން ބަލި ގަބޫލުކޮށް އިންތިހާބީ ރައީސަށް މަރުހަބާ ކިޔުމުގެ ކެރުންތެރިކަން އެމްޑީޕީގައި ހުރިކަން ވަނީ ސާބިތު ކޮށްދީފައެވެ. ވެރިކަން ބަދަލު ކުރުމުގެ ކަންކަން ހަމަޖެއްސުމަށް އެހީތެރި ވުމަށް އިސްވެ ބޭފުޅަކު އައްޔަނުކޮށް ބަދަލުގެ ކަންކަން އޮމާން ކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ފުރިހަމައަށް ދަނީ ދެމުންނެވެ. ނަތީޖާ ގަބޫލުނުކޮށް މުޒާހަރާކޮށް ޝަރީއަތަކަށް ނުދެއެވެ.
ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެ ހެޔޮވެރިކަމެއް ކުރެއްވުމަށް ޑރ.މުއިއްޒަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ އެމްޑީޕީން ދީފައެވެ. އެހެން ކަމަށްވާނަމަ އިންތިހާބީ ރައީސް ގާނޫނީ ގޮތުން މަގާމްގެ ހުވާކުރެއްވިޔަ ނުދޭން އެމްޑީޕީ އެއްވެސް ކަމެއް ނުކުރާނެ ކަން ޔަގީނެވެ.
އިންތިހާބީ ރައީސް ދައުލަތް ހިންގުމާ ހަވާލުވުމުގެ ހުރިހާ ކަމަކީ އެއިން ކަމެއްގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލެއް އުފެދޭ ކަމެއް ކަމުގައި ވުމަކަށް އެމްޑީޕީ ނޭދެއެވެ. އެކަމަކީ އެއްވެސް ރައްޔިތަކު ވެސް އެދޭނެ ކަމެއް ނޫނެވެ.
ހުވާ ކުރެއްވުމުގެ އިޖްރާތު ސައްހަ ނޫންކަމުގެ ސުވާލު އުފައްދައިގެން ވެރިކަމަށް ލޮޅުން އަރުވާލުމަށް ފުރުސަތު އެ ހޯދަނީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަކީ އިތުބާރު ނެތިގެން މަޖިލީހުގެ 49 މެންބަރުން ސޮއިކޮށް މަޖިލީހުގެ ރިޔާސަތުން ބޭރުކުރުމަށް ހުށަހަޅާފައިވާ ބޭފުޅެކެވެ. މަޖިލިސްގެ ރައީސް ވަކިކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާތެއް ވޯޓަށް އެހުމުގެ ޖަލްސާ ނޫން ވަނީ ފުރިހަމަ ވެފައެވެ. މަޖިލީހުގެ އިތުބާރު ގެއްލިފައިވާ ރައީސްގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާ ލައްވާ ގާނޫނީ ހުވާ ކުރުވަައިގެން ހުވާ ކުރުވުމުގައި ގާނޫނީ ސައްހަކަމެއް ނެތޭ ކިޔައިގެން މުއިއްޒުގެ ވެރިކަން ހަރާބު ކުރަން ނިކުންނަނީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު މިހާރު ކުރަން އެއުޅެނީ އެކަމެވެ. އެމްޑީޕީން ކުރަން އުޅޭކަމަކީ ނަޝީދަށް އެފުރުސަތު ނުދިނުމެވެ. އެހެންކަމެއް ނޫނެވެ.
ރައީސް ނަޝީދުގެ ހެޔޮ ނިޔަތް އޮތްނަމަ އިސްތިއުފާދީ އިތުބާރު އޮތް ރައީސަކަށް ރިޔާސަތު ދޫކޮށްލީހެވެ. ނޫނީ މަޖިލީހުން އިތުބާރު ނެތްތޯ އޮތްތޯ ބެލުމަށް ވޯޓް ނަގަން ފުރުސަތު ދިނީހެވެ.
އެހެނެއް ކަމަކު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމަށް ހަގީގީ އަދާވާތްތެރިޔާ އޮޅިއްޖެއެވެ. އިސްވެ ބަޔާންވެ ދިޔަ ސަބަބަށް އެކަނި ބެއްޔަސް މުއިއްޒުގެ ހަގީގީ އަދަވާތްތެރިއަކީ ރައީސް ސޯލިހެއް އެމްޑީޕީއެއް ނޫންކަން އެނގެއެވެ. މިހާރު މުއިއްޒުގެ ހަގީގީ އަދާވާތްތެރިއަކީ ރައީސް ނަޝީދެވެ.