މިމަހު މުސާރަދޭން ޕެންޝަންފަންޑް | އަންނަމަހު ނޮޅާލާނީ ކޮންތަނެއް

ފާސްކުރި 64.2 ބިލިޔަންގެ އަހަރީ ބަޖެޓުން އަހަރު ދެބައިވީއިރު މުސާރަ ދެވެންނެތް

މިމަހު މުސާރަދޭން ޕެންޝަންފަންޑް | އަންނަމަހު ނޮޅާލާނީ ކޮންތަނެއް

ފައިދާ ހުރި ރަނގަޅު އިންވެސްޓްމަންޓަކަށް ޕެންޝަން ފަންޑުގެ ބޯޑުމެންބަރުންނާއި އިސް މުވައްޒަފުންނާއި ފަންނީ މާހިރުން ދެކޮޅު ހަދާ އިންކާރެއް ނުކުރާނެއެވެ. 2.4 ބިލިޔަން ރުފިޔާގެ ޓްރެޝަރީ ބޮންޑެއް ސަރުކާރަށް ވިއްކަން ފަންނީ ގިނަ ބަޔަކު ދެކޮޅު ހަދާނީ އެކަމުގެ ނުރައްކާތެރިކަން ބޮޑު ކަމުންނެވެ. 

ޕެންޝަން ފަންޑްގެ އިސް މުއައްޒަފުންތަކަކާއި ފަންނީ މާހިރުން އިސްތިއުފާ ދިނަސް ބޯޑް ބަދަލުކޮށްގެންވެސް ރައީސް އެކަން ކުރީ ކިއްވެގެން ހެއްޔެވެ. ގަދަކަމުން އެކަން ކުރަން ދިމާ ކުރި ސަބަބެއް އޮންނަން ވާނެއެވެ. ފައިސާ ޗާޕްކުރުން ކަމަށް ވިޔަސް ނުވިޔަސް ސަރުކާރުގައި ފައިސާ ހުރިނަމަ އެހާވަރުން ޕެންޝަން ފަންޑުން ދަރަންޏަށް ސަރުކާރަށް ފައިސާއެއް ނުނަގާނެއެވެ. 

ފައިސާ ޗާޕް ނުކުރާން ވައުދުވެގެން ވެރިކަމާ ހަވާލުވެހުރެ ފައިސާ ޗާޕްކުރުމަށް ވާގޮތަށް ޕެންޝަން ފަންޑުން ޓްރެޝަރީ ބޮންޑްގެ ގޮތުގައި ގަދަކަމުން ސަރުކާރަށް ފައިސާ ހޯދާނީ ވަރަށް ބޮޑަށް ގޮތް ހުސްވީމައެވެ. އިތުބާރު ހުރި މަސްދަރުތަކުން އެނގޭ ގޮތުގައި ޕެންޝަން ފަންޑުން 2.4 ބިލިޔަން ރުފިޔާ ހޯދީ މިހިނގާ ޖުލައި މަހުގެ މުސާރަ ދެވެން ސަރުކާރަށް ނެތިގެންނެވެ.

މުސާރަ ދެވެން ނެތިގެން މީގެކުރިންވެސް ރާއްޖޭގައި ހުންނަ އެސްބީއައި އާއި ސިލޯނު ބޭންކާއި އިސްލާމިކް ބޭންކާއި ހެޕީމާކެޓް ފަދަ ކުންފުނިތަކުން ބޮންޑުގެ ނަމުގައި ސަރުކާރަށް ދަރަންޏަށް ފައިސާ ހޯދާފައިވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން ބުނެއެވެ. ސަރުކާރުގެ ހަރަދުތަކަށް ހޭދަކޮށްކޮށް ބީއެމްއެލްއާއި ސަރުކާރު ކުންފުނިތައް އޮތީ ނޭވާ ހޮޅިއަށް އެޅެފައި ކަމަށްވެއެވެ. ސަރުކާރުން އެއް ބޮންޑު އަދާކުރަން އަނެއް ބޮޑު ނަގާ ނަގާ އެތެރޭގައި ނުދަރާ ބެންކެއް ބޮޑު ކުންފުންޏެއް ނެތެވެ.

ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ހަމަ ރަނގަޅަށް ސަރުކާރު ކޮށިއަރައިގެން އުޅޭކަން އެނގޭވަރުވެއެވެ. ކުއްލިއަކަށް ކުންފުނިތަކުން %33 މީހުން ކަނޑާލަން އުޅުމާއި އެއްވެސް ބަލާލުމެއްނެތި ޕެންޝަން ފަންޑު ނޮޅާލުމުން މުއިއްޒު ނޭފަތުކުރި ފެނުޖެހިއްޖެކަން އެނގެއެވެ. 

64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްގެން ހަރަދުކުރާތާ އަހަރު ދެބައިވީއިރު މުސާރަދެވޭނެ ފަދަ ނެތިގެން އުޅުމަކީ ބިރުވެރި ކަމުގެ ރަނގަބީލެކެވެ. އަހަރު ދެބައިވީއިރު ބަޖެޓްގެ ހާލު އެހާވަރަށް ދެރަވީމާ އަހަރު ނިމެން ދާއިރު ބެންކްރަޕްސީ އިއުލާނު ނުކޮށް ފަރުޖެއްސޭނެ ބާވައެވެ. 

ޕެންޝަން ފަންޑުން 2.4 މިލިޔަން ރުފިޔާ ދަރަންޏަށް ނަގައިގެން މިމަހުގެ މުސާރަދެވިދާނެއެވެ. މިމަހަށް ޕެންޝަން ފަންޑު ނޮޅާލާފާ އަންނަ މަހުގެ މުސާރަ ދޭން ނޮޅާލަން އޮތީ ކޮންތަނެއް ހެއްޔެވެ.