ނޫސްވެރިންނަށް ހައްގު ހޯދައިދޭން ނޫޅެ ކޮންޓްރޯލްކަމިޝަން އުވާލާ!

ނޫސްވެރިންނަށް ހައްގު ހޯދައިދޭން ނޫޅެ ކޮންޓްރޯލްކަމިޝަން އުވާލާ!

ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުގެ އަގުވަޒަންކުރާ ވާހަކަ ރައީސް މުއިއްޒު ނުދައްކަވާށެވެ. މުއިއްޒު ވެރިކަމުގައި މިވީ ދެއަހަރުބައިހާ ދުވަހަށްވުރެ ނޫސްވެރިކަމުގެ މިނިވަން ކަމަށް އަރައިގަތް ދުވަހެއް ރާއްޖޭގެ ނޫސްވެރިން ނުދެކެއެވެ.

ނޫސްވެރިން ލައްވާ ދޮގު ވާހަކަ ވިއްކައިގެން ވެރިކަން ހޯދުމަށް ފަހު ނޫސްވެރިކަން އަޅުވެތިކުރަން ނުކުރައްވަނީ ކޮންކަމެއް ހެއްޔެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރިކޮށް ކަށަވަރުކޮށް ދެއްވިއްޖެހެއްޔެވެ. ފޮރުވާނެ އެއްޗެއް ނުއޮންނާނެ ކަމަށް ވިދާޅުވެފައި އެއްވެސް އެއްޗެއްށް ހާމަކޮށް ދެއްވުނު ހެއްޔެވެ. 

ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެއްބަސްވުންތައް ކޮބައިތޯއެވެ. ޗައިނާއާއި އެކުވެވުނު އެއްބަސްވުންތަކުން ބައެއް ފޮރުވީ ކީއްވެތޯއެވެ. ރަސްމާލެ ހިއްކަން ރާޖޫގެ ކުންފުންޏާއެކު ވީ އެއްބަސްވުން ކޮބައިތޯއެވެ. ވިޓޯލާއެކު ވެވުނު ބަންކަރިން އެއްބަސްވުމުގެ ހަގީގަތަކީ ކޮބައިތޯއެވެ. އާރުތީއައި ތަކަށް ޖަވާބުނުދީ ހިފަހައްޓަވަނީ މައުލޫމާރު ހޯދާލިބިގަތުމަށް ނޫސްވެރިންނަށް ފަސޭހައަކަށްތޯއެވެ. 

ދޮންއަމަޔާ ބެލްކަންޏާއި އައިޝާ އާއިމެދު އަމަލުކުރެއްވީ، އަމަލު ކުރައްވަނީ ނޫސްވެރިކަމުގެ ހައްގު ފުރިހަމައަށް ދެއްވުމަށްތޯއެވެ. އޮތް މީޑިއާގެ ސެލްފްރެގިއުލޭޓްރީ ބޮޑީ އުވާލާ ކޮންޓްރޯލް ކޮމިޝަނެއް ހެއްދެވީ ކާކު ބިރު ގަންނަވަންތޯއެވެ. ތަކުރާރުކޮށް ރަޖިސްޓްރީ އައުކުރަން ޖައްސާ ފީނަގާ މީޑިއާތައް ޖުރުމަނާކޮށް ރަޖިސްޓްރީ ބާތިލުކޮށް އުވާލެވޭ ވަރަށް މީޑިއާތައް ބަނދެލީ މީޑިއާއަށް ކޮން ހައްގެއް ކަށަވަރު ކުރައްވަން ތޯއެވެ. 

މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނެއް އޮއްވާ އެ ތަނުން މައްސަލަ ނުބަލުވާ ފުލުހުން ވައްދައިގެން އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށް އެނޫހުގެ އެތައް އާލާތެއް ފުލުހުންގެ ދަށަށް ގެންދިޔައީ ނުސްވެރިކަމުގެ ހިމާޔަތުގެ ކޮން ހަމައަކުންތޯއެވެ. އަދުގެ އެޑިޓަރުންގެ ޕާސްޕޯޓް ހިފަހައްޓާ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާއިރު ކޮންޓްރޯލް ކޮމިޝަންގެ ބޭނުމެއް އެބައޮތްތޯއެވެ. 

މިނިވަން އަދި މުސްތަގިއްލު ނޫސްވެރިކަމަކީ ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށާއި، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަން އެނގިވަޑައިގަތީ އަދިކިރިޔާތޯއެވެ. ކޮންޓްރޯލް ކޮމިޝަންގެ އިމުގެތެރެއަށް އަތްގަދަ ކުރައްވައިގެން ތިޔަ ފާޑަށް ނޫސްވެރިކަމަކަށް އެއްބާރުލުން ދެއްވާކަށް އުޅުއްވާނެ ކަމެއްނެތެވެ. ކޮންޓްރޯލް ކޮމިޝަން އުވާލައްވާފައި އެހެން ކަމަކާ އުޅުއްވަން އިސްތިއުފާ ދެއްވާފައި ގެއަށް އަވަހަށް ވަޑައިގަންނަވާށެވެ،