ކިރާމަހަށް އަގުނުދީ ލިބޭ ފައިސާއަށް ހަދަނީ ކިހިނެތް!

މަސްވެރިން ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ސަރުކާރުން ޓަކައިގަތީތަ؟

ކިރާމަހަށް އަގުނުދީ ލިބޭ ފައިސާއަށް ހަދަނީ ކިހިނެތް!

މަސްވެރިންގެ އަތުން މިފްކޯއަށް ގަތްމަހަށް އެންމެ ފަހުން ފައިސާ ލިބިފައިވަނީ ހުސްވިއަހަރުގެ ނޮވެންބަރ 17 ގެ ކުރިން ކަމަށް މަސްވެރިން މައުލޫމާތުދެއެވެ. އޭގެ މާނައަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލު ވީއްސުރެ މަސްވެރިންނަށް މަހުގެ އަގުދީފައެއް ނުވެއެވެ. މުއިއްޒު ސަރުކާރަށް ވީފަހުން ބައެއް މަސްވެރިންނަށް ކޮންމެވެސް ވަރަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ކަން ކޮންމެ ހެނެއް އޮތަސް މަސް ކިރުވުމަށްފަހު ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ނުދީ އޮތްކަމާމެދު ބަހުސެއް ނެތެވެ. މަސްވެރިންނަށް އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭތާ ދެ މަސް ދުވަހަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މަސްވެރި އާއިލާތައް ހާލުގައިޖެހި ކެތް ނުކުރެވިގެން މުޒާހަރާއަށް މިހާރު އެއޮތީ ނިކުމެއެވެ.

މަސްވެރިން އެދިގޮވަނީ ލަސްނުކޮށް ސަރުކާރުން ކިރުވާފައިވާ މަހަށް އަގު ދިނުމަށެވެ. މަސްވެރިކަމާ ބެހޭ މިނިސްޓަރު ޝިޔާމް އެދެނީ ވަގުތު ކޮޅަކަށެވެ. މަސްވެެރި އާއިލާތަކަށް ނިކަމެތިކަމެއް ނާންނާނެކަށް ބުނަމުން މިނިސްޓަރ ޝިޔާމު އެދެނީ "ހަމަ ކުޑަ ވަގުތުކޮޅެއް" މަސްވެރިން ދިނުމަށެވެ. އަންނަ މަހުގެ ފަހަކާއި ހަމައަށް ވަގުތު ދިނުމަށެވެ. އެހެންނަމަވެސް މަސްވެރިން ތިބީ ސަރުކާރުގެ ބަހަށް ހެއްލި އިތުބާރު ކުރާގޮތަކަށް ނޫނެވެ. މަސްވެރިން ބުނަނީ ވަގުތު ދެވިއްޖެ ކަމަށެވެ. މާރޗް 5 އަންނަންދެން މަޑުނުކޮށް މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށް މަސްވެރިން ބުނެއެވެ.

މަސްވެރިން މުޒާހަރާ ކުރަނީ މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިޔަން ރުފިޔާ ނުދީ ލަސްވާތީއެވެ. މަސްވެރިން ކުރި ހަލާލު މަސައްކަތަށް ލިބެންޖެހޭ ފައިސާ ނުލިބިގެންނެވެ. މަސްވެރިން ދަރާވިކި ކާބޯތަކެތި ނުލިބި ފެނާއި ކަރަންޓް ނުލިބޭ ހިސާބަށް މަސްވެރި އާއިލާތަކުގެ ހާލަތު ދަށަށް ދިޔުމުންނެވެ. މަސްވެރިން މުޒާހަރާ ކުރަނީ އެ މީހުންގެ ހައްގު ހަލާލު އެއްޗެއް ހޯދާށެވެ. ސަރުކާރުގެ ހެޔޮފުޅު ކަމުން ދޭއެއްޗެއް ނުދީގެނެއް ނޫނެވެ. 

ދިވެހިރައްޖޭގެ ބޭންކުތަކާއި ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއާ އެކީގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް ވަޒީރު ބުނީމާ އުފެދޭ ސުވާލު ވަރަށްވެސް ބޮޑެވެ. މާރޗް 5 ގެކުރިން ފައިސާ ދައްކާ ނިންމާނެ ކަމަށް މިނިސްޓަރަށް ބުނަން ކެރެނީ އެހެން ވެގެން ކަމަށް މިނިސްޓަރު ބުނީމާ ހައިރާންވެއެވެ. 

މަސްވެރިން އަތުން ސަރުކާރަށް ކިރުވި ހުރިހާ މަހަކަށް ހެދީ ކިހިނެއް ހެއްޔެވެ. އެހުރިހާ މަހުން އެންމެ ޓަނެއްގެ މަސް ވެސް ނުވިކެނީ ހެއްޔެވެ. މަސްވެރިންގެ އަތުން ކިރިމަހަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ސަރުކާރުން އެހުރިހާ މަސްވިއްކައިގެން ހޯދިހާ ފައިސާއަށް ހެދީ ކިހިނެއް ހެއްޔެވެ. މަސް ވިއްކައިގެން ހޯދި ފައިސާއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އެފައިސާ ހަރަދުކުރީ ކޮންކަމަކަށް ކީއްވެހެއްޔެވެ. ހައްތަހާވެސް ސުވާލެވެ.

މަސްވެރިން ކިރުވި މަސް ވިއްކައިގެން އެއްވެސް ފައިސާއެއް ނުލިބި މަސްތައް ގުދަން ކުރެވިފައި ހުރީހެއްޔެވެ. ދުނިޔޭގެ ބާޒާރަށް މަސްތައް ގެންދިޔުމަށް އަރުވައިގެން ދިޔަ ބޯޓުތައް ފެތުނީ ހެއްޔެވެ. ނޫނީ ކަނޑުފޭރޭ ބަޔަކު ފޭރުނީ ހެއްޔެވެ. ވައިގެމަގުން އުފުލަނިކޮށް ބޯޓުތައް ވެއްޓުނީހެއްޔެވެ. ނޫނީ މަސްވިއްކައިގެން ލިބުނުހާ ފައިސާ ދައުލަތުން ބަޔަކު ދަވާލީހެއްޔެވެ. މަސްވެރިން ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ސަރުކާރުން ރާވައިގެން ޓަކައިގަތީ ތާއެވެ. މަސް ކިރުވާހެން އޭގެ އަގުދޭން ޖެހޭނެކަން ސަރުކާރަށް ނޭނގެނީތާއެވެ.

މަސްވެރިން މިފްކޯއަށް މަސްކިރަނީ ހިލޭ ސާބަހަކަށް ނޫނެވެ. މަސްވެރިން ސަރުކާރަށް ކިރާމަސް ވިއްކައިގެން ސަރުކާރަށް މަހުގެ އަގު ލިބޭނެއެވެ. މަސްވިއްކައިގެން ލިބޭ ފައިސާ ސަރުކާރުގައި ނެތިގެން އުޅުމަކީ ސީރިއަސް މައްސަލައެކެވެ. މަސްވެރިން ކިރާމަހަށް އަގުދޭން މަސްވިސްކައިގެން ލިބޭ ފައިސާ ހުންނާނެއެވެ. އެ ފައިސާ ނެތިގެން ދިވެހިރައްޖޭގެ ބޭންކުތަކާއި ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއާ އެކީގައި ޝިޔާމް ކުރަން އޮތީ ކޮން މަސައްކަތެއް ހެއްޔެވެ.