ދަ ޑިމޮކްރެޓްސްގެ އުރައްޕެއް ނެތްކަން ސާފު: ސިއްދީގު

އަމިއްލަ ފައިމަތީ، ހިނގާނެ ބާރުނެތް އިރު ބޮޑާބަސްތައް

ދަ ޑިމޮކްރެޓްސްގެ އުރައްޕެއް ނެތްކަން ސާފު: ސިއްދީގު

ކުރީގެ ރައީސް ނަޝީދަށް އުފައްދާފައިވާ "ދަ ޑިމޮކްރެޓްސް" ޕާޓީ ގެ އުރައްޕެއް ނެތްކަން ސާފު ކަމަށް ޕީޕީއެމްގެ ސެނެޓްގެ މެމްބަރެއް ކަމުގައިވާ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ. ސިއްދީގު ވިދާޅުވީ ޕީޕީއެމްއަށް ލާދީނީ ޖަމާއަތެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވާ ކަމަށެވެ.

ސެނެޓަރ އަހުމަދު ސިއްދީގު މިހެން ވިދާޅުވީ ޕީޕިއެމްގެ ފަހަތަށް ޑިމޮކްރެޓްސް ނާރާނެކަމަށް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވުމާއި ގުޅިގެން އޭނާގެ ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން އެއްވެސް އެހެން ޕާޓީއަކާ ކޯލިޝަން ހަދާނީ އެންމެން އެއްބަސްވާ ކެނޑިޑޭޓަކީ ރައީސް ޔާމިން ކަމަށް އެހެން ޕާޓީތަކުން އެއްބަސްވާކަމަށް ވާނަމަ ކަމަށް ޕީޕީއެމުން ދަނީ ބުނަމުންނެވެ.

އިލްޔާސް ލަބީބަށް ރައްދު ދެއްވުމުގެ ގޮތުން ސެނެޓަރ ސިއްދީގު ވިދާޅުވީ "އަމިއްލަ ފައިމަތީ، ހިނގާނެ ބާރުނެތް އިރު ބޮޑާބަސްތައް ބޭރުކުރަން ފެށުމުން، ދަ ޑިމޮކްރެޓްސް ޕާޓީ ގެ އުރައްޕެއް ނެތްކަން ސާފުކަމަށް"އެވެ. "ދަ ޑިމޮކްރެޓްސް" ޕާޓީއަކީ ލާދީނީ ޖަމާއަތެއް ކަމަށްވެސް ސިއްދީގު ސިފަ ކުރައްވައެވެ.

ސިއްދީގު އެހެން ވިދާޅުވާއިރު ޕީޕީއެމްއިން ދާދިފަހުން ވަނީ ދަ ޑިމޮކްރެޓްސްއާއެކު ސިޔާސީ މަޝްވަރާތަކެއް ބާއްވާފައެވެ. ދަ ޑިމޮކްރެޓްސް އާއެކު ޕީޕީއެމްނަމުގައި ކުރިޔަަށް ގެންދާ ސިޔާސީ މަޝްވަރާތަކަކީ ޕީޕީއެމްގެ ސެނެޓްގެ ރުހުމާ ނުލާ ކުރާކަމެއް ކަމަށް ބުނެ ޕީޕީއެންގެ ސެނެޓްގެ ގިނަ އަދަދެއްގެ މެމްބަރުން އެކަން ކުށްވެރިކޮށްފައިވެސް ވެއެވެ.