ދެވަނަ ބުރަށްދާން ރައްޔިތުން ބޭނުމެއްނޫން: ރައީސް
ރުޅި އިސްނުކޮށް ވިސްނުން އިސްކުރޭ: ރައީސް
ކުރިއަށް އޮތް ތަނުގައި ވެސް ހިޔާލު ތަފާތުވުން ތަކަށް ޖާގަ އޮންނާނެ ކަމަށާއި ރުޅި އިސްނުކޮށް ވިސްނުން އިސްކުރުމަށް ވާދަ ވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޭގައި ރައީސް ވިދާޅުވީ ވެރިކަން ދެމިގެން ދިޔައީ ވައުދުތައް ފުއްދުމުގައި ދެމި ތިބުމާއި ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ޖާގަ ދިނުމުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ގޮތެއް ހަދައިގެން ވެސް އިންތިހާބު ދެ ވަނަ ބުރަކަށް ގެންދިއުމަށް މަސައްކަތްކުރާ ބަޔަކު އެބަތިބި ކަމަށާއި އެއިން ކޮންމެ މީހަކު ވެސް ބޭނުން ވަނީ އަމިއްލަ ފައިދާއަށް ކަންތައްތައް ކުރުން ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ. ވާދަވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ދަންނަވާލަން ރައީސް ބޭނުންފުޅުވެ ވަޑައިގަތީ ރުޅި އިސްނުކުރައްވައި ވިސްނުން އިސްކުރެއްވުމަށެވެ. އަދިވެސް ފުރުސަތު ނުގެއްލޭ ކަމަށާއި ވާދަކުރައްވާ ބޭފުޅުން އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ރައީސް އެދިވަޑައިގަތެވެ.
ދެ ވަނަ ބުރެއްގައި ކޯލިޝަން ހަދައިގެން ހޯދޭނީ ކޮން މަންފާއެއްތޯއާއި ލިބޭނީ ކޯއްޗެއްތޯ ހިސާބު ޖަހައިގެން ތިއްބެވި ބޭފުޅުއެ ވިސްނުން ދޫކޮށްލެއްވުމަށް އެދި ވަޑައިގަތެވެ. މި ފަހަރު ދެ ވަނަ ބުރަކަށް ރިޔާސީ އިންތިހާބު ގެންދާން ރައްޔިތުން ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ރުޅި އިސްކުރުން ތިރިކުރައްވައިގެން ވިސްނުން އިސްކުރައްވައިގެން ނުކުމެވަޑައިގެން އެންމެން އެކީގައި ކުރިއަށް ދާންވީ ވަގުތު އަނެއްކާ މި އޮތީ އައިސް ޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.
ބޭކާރު ކަންތައް ދެން ނުކުރައްވާ ވަޑައިގެން ކުރިއެކޭ ވެސް އެއްގޮތަށް ގިނަ ބަޔަކު ހިމެނޭ ކޯލިޝަނަކާ އެކު ސަރުކާރެއް އުފައްދައިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ތައްޔާރުވުމަށް ރައީސް ނަސޭހަތްތެރިވެ ވަޑައިގަތެވެ.