ޔާމީނު މަގުމަތިކޮށްލަން ޕީޕީއެމް-ޕީއެންސީ ތައްޔާރެއް ނޫން

ނަޝީދަށް ބަޅުރުކު ކުދީން ހީހީފާ ކުރަނީ މަލާމާތް

ޔާމީނު މަގުމަތިކޮށްލަން ޕީޕީއެމް-ޕީއެންސީ ތައްޔާރެއް ނޫން

ޕިީޕީއެމުން ޔާމީނު ދޫކޮށްލާ ނަޝީދު ބުނާހާ ގޮތެއް ހަދާނެކަމަށް ހީވާ ވަރަށް ނަޝީދަށް ނަޝީދު އޮޅިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުރެގެން މަޖިލީހުގެ ތެރޭގައި އިދިކޮޅަށްވުރެ އިދިކޮޅުވެގެން ނަޝީދު އުޅޭތީ މަޖިލީހުގައި ތިބި ޕީޕީއެމް-ޕީއެންސީ މެންބަރުން ނަޝީދާ ވާހަކަ ދައްކާލާ އުޅޭތީ އެ މީހުންގެ ބޮލަށް އެރި ސަވާރު ވެވިދާނެއޭ ނަޝީދަށް ހީވީތާއެވެ.

ބަލަގަ! ޕީޕީއެމް-ޕީއެންސީ މީހުން ވަކިން ރުޅިއަރާ ވަކީން ނަފްރަތުކުރާ އާދަމުގެ ދައިއެއް ނަޝީދު ނޫނީ އުޑުބަޅުކުރެއްވި ހިސާބުގައި ނުވެއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގެ ހިތް އޮތްލެއް ބޮޑުކަމުން ނަޝީދާ އެއް ބައިވެގެން ނެގެން އޮތް ފައިދާއެއް ނެގިޔަސް އެއްޔަކީ ނަޝީދުގެ މައްޗަށް ޕީޕީއެމުގެ ހިތްސާފު ވުމެއް ނޫނެވެ. 

ނަޝީދަށް ލައްކައެކޭ ހީވެގެން އިންޑިއާ އައުޓު ހުއްޓާލަން ބުންޏަސް އެ މީހުން އެކަމެއް ނުހުއްޓާނެއެވެ. ޕީޕީއެމް އެއްކޮށް ގަނޑުކޮށް ހިފަހައްޓަން އެ މީހުން ބޭނުންކުރާ ޝިއާރަކީ އިންޑިއާ އައުޓެވެ. ހަގީގަތެއް އޮތަސް ނެތަސް އިންޑީއާ އައުޓަކީ ޕީޕީއެމްގެ ގޮވެއްޔެވެ. ނަޝީދު ބުނެގެން އެ މީހުންގެ ސްޓޭންޑް ބަދަލު ކުރުމުގައި ޕީޕީއެމަށް އޮތް މޮޅެއް ނެތެވެ. ނަޝީދު މޮޅުކަމުން ޕީޕީއެމް ލައްވާ އިންޑިއާ އައުޓް ހުއްޓުވި ކަމުގެ ބައިސާ ކަނޑަން ނަޝީދަކަށް އެފުރުސަތެއް އެ މީހުން ނުދޭނެއެވެ. 

ޕީޕީއެމުން ރައީސް ޔާމީނު ދޫކޮށްލާ ނަޝީދު ބުނާގޮތް ހަދަން ނަޝީދަކީ ޕީޕީއެމަށް ކާކުހެއްޔެވެ. ރައީސް ޔާމީނަކީ ޕީޕީއެމް - ޕީއެންސީ ލީޑަރެވެ. އެ މީހުންގެ ރިޔާސީ ކެންޑިޑޭޓެވެ. ރައީސް ޔާމީނު ނޫން އެހެން މީހަކު ޕީޕީއެމް- ޕީއެންސީ އަކު ނުވިކޭނެއެވެ. ނަޝީދު ބުނާހާ މީހަކަށް ޕީޕީއެމް - ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭންޖެހޭ ސަބަބެއް އެ މީހުންނަކަށް ނުވިސްނެއެވެ. 

ބޯގަޅިކަމުން އަމިއްލަ އަތުން ޕާޓީ ގެއްލި ސަޕޯޓަރުން ގެއްލި ނަޝީދު މަގުމަތި ވީހެން ރައީސް ޔާމީނު މަގުމަތި ކޮށްލާން ޕީޕީއެމް-ޕީއެންސީ އޮތީ ތައްޔާރަކަށް ނޫނެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމަން ބޭނުންވެގެން އެމްޑީޕީގެ ތެރޭގައި ހުރެ ކުޅުނު ކުޅިން ނަޝީދު މުޖުތަމައުގައި ބާކީވެ އެކަހެރިވެ އުމުރުން އައްޑިހައިން މައްޗަށް ގޮސްފައިވާ މައުމޫނަށް ވީވަރުވެސް ނުވެ ބާކީ ވުމުން އެހެން މީހުންނަށް ހަނދަންވީގޮތް ކިޔާ ދިނަސް އަޑުއަހާނެ މީހަކު ނެތެވެ. 

ފުއްޕާފައި ފިކުރު ދިރުވަން ނިކުމެ އެއްކުރި ކަމަށް ބުނާ ފަންސާސް ހާސް މީހުންވީ ފައިތަޅާ ދަށުގައި ހެއްޔެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރާތީ ކަނޑާލި ކަމަށް ބުނި 39000 މީހުން މިއަދު ކޮބައިހެއްޔެވެ. ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ވޯޓުދިން 15000 މީހުން ވެސް ނަޝީދު ފަހަތަކަށް ނައިނޫން ހެއްޔެވެ. މަރަށް ފުރާނައަށް ރެޓުންނަށް 3000 މީހުން ހަމަކޮށްލެވުނީ ކިރިޔާއެވެ. ރައްޔިތުންގެ ތެރޭގައި މި ވަރަށް އިތުބާރު ގެއްލި ބާކީވެފާ ހުރި މީހަކު ޕީޕީއެމް- ޕީއެންސީއަށް ގޮތް ކިޔާތީ ބަޅުރުކު ކުދީން ހީހީފާ ކުރަނީ މަލާމާތެވެ.