އިންތިހާބު ވެސް ނިމިއްޖެ! ރާއްޖެއިން ހަރަދު ކުޑަކުރަން ފަށަނީ ކޮންއިރަކުން!
ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބޮޑެތި ލޮޅުންތަކާއެކު، އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް މިއަދު ވަނީ ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް، އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ދަނީ ފޯރަމުންނެވެ. މިކަމުގެ ސަބަބުން ގައުމުތަކުގެ އިގުތިސާދު ހީނަރުވެ، މާލީ ނިޒާމުތަކަށް ވަނީ ބާރުބޮޑުވެފައެވެ.
ކުރިއަރާފައިވާ އުފެއްދުންތެރި ގައުމުތަކަށް މިކަމުގެ އަސަރު ކުރާ މިންވަރު ބޮޑުއިރު، ރާއްޖެ ފަދަ އުފެއްދުންތެރިކަން ކުޑަ، ހުރިހާ ތަކެއްޗެއް ބޭރުން އެތެރެކުރާ ގައުމަކަށް މިކަމުގެ ނުރައްކާ މާ ބޮޑެވެ. ތެލާއި ކާބޯތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުމަކީ ރާއްޖޭގެ ރިޒާވަށް އިންތިހާއަށް ބާރުބޮޑުވާނެ ކަމެކެވެ. ނަމަވެސް، އިންތިހާބުތައް ނިމި ގައުމުގެ ހިންގުން ކުރިއަށްދާއިރުވެސް، ރާއްޖެއިން ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ފެންނާކަށް ނެތެވެ. ސުވާލަކީ، އަވަށްޓެރި ގައުމުތަކުން ފިޔަވަޅު އަޅަން ފަށާފައިވާއިރު، ރާއްޖެއިން މިކަމަށް ތައްޔާރުވަނީ ކޮން އިރަކު ބާވައެވެ؟
ރާއްޖޭގައި ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަން ބިރުވެސް ގަނެއެވެ. އެވާކަ ދައްކާލާ އިރަށް ގިނަ ފަހަރަށް އެންމެ ފުރަތަމަވެސް ކުރާކަންކަމަށް ވެފައި އޮންނަނީ އާސަންދަ ތާށިކޮށް އާއްމު ރައްޔިތުންގެ ޒަރޫރީ ހިދުމަތްތަކުގެ އަގު އުފުލުމާއި ސަބްސިޑީ ކަނޑާލުން ފަދަ ދިރިތިބުމާ ދިރިއުޅުމަށް ކޮންމެ ހެން ބޭނުންވާ ލާޒިމު ކަންކަމެވެ. ބޭކާރު ހަރަދާއި އިސްރާފާއި އަގުބޮޑު ދިރިއުޅުމަށް ކުރާ ހޭދައާއި ސަރުކާރު ކުޑަކުރުން ފަދަ ކަންކަން ކޮށްއުޅޭ ތަނެއް ނުފެނެއެވެ. މިފަހަރު އެހެން ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު، މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ އިގުތިސާދީ ގެއްލުންތައް ކުޑަކުރަން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން މިހާރުވެސް ވަނީ ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން ހަކަތަ އިގްތިސާދު ކުރުމަށްޓަކައި ސިވިލްސާވިސްއާއި ޕަބްލިކް ސާވިސްގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، މަސައްކަތު ހަފުތާ ކުރުކުރުމާއި، ޔުނިވަރސިޓީތައް އަވަހަށް ބަންދުކުރުން ފަދަ ފިޔަވަޅުތައް ދަނީ ތަންފީޒު ކުރަމުންނެވެ.
ސްރީ ލަންކާއިން ވަނީ ހަފުތާއަކު މަސައްކަތް ކުރާ ދުވަސްތައް ހަތަރު ދުވަހަށް މަދުކޮށް، ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިއީ މުވައްޒަފުން ދަތުރުފަތުރު ކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ. ތައިލެންޑުން ވެސް ވަނީ އަސާސީ ހިދުމަތްތަކާ ސީދާ ގުޅުން ނެތް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގައި، އޮފީސްތަކުގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ހިފެހެއްޓުމަށް އިރުޝާދު ދީފައެވެ.
މީގެ އިތުރުން މެލޭޝިއާއާއި ވިއެޓްނާމުން ވެސް ދަނީ ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ބަދަލުކޮށް، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރުއަޅަމުންނެވެ. މި ހުރިހާ ގައުމުތަކެއްގެ ވެސް މައިގަނޑު މަގުސަދަކީ ތެލާއި ހަކަތައަށް ކުރާ ހޭދަ މަދުކޮށް، ގައުމުގެ ރިޒާވް ހިފެހެއްޓުމެވެ. ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށް އެހެން ގައުމުތަކުން މިފަދަ ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖެއިން ވެސް މިކަމާ މެދު ފުންކޮށް ވިސްނައި، ހަރަދު ކުޑަކުރުމުގެ އަމަލީ މަސައްކަތްތަކެއް ފަށަންޖެހެއެވެ.




