ރައީސް އިބޫ ގެނެސްދޭ އައްޑޫގެ ތަރައްގީއެއް ނުހުއްޓުވޭނެ!

އައްޑޫ ރައްޔިތުން ބޭނުންވީ އައްޑޫ އާބާދުވެ އާރާސްތުވެ ކުރިއަރައި ދިއުން

ރައީސް އިބޫ ގެނެސްދޭ އައްޑޫގެ ތަރައްގީއެއް ނުހުއްޓުވޭނެ!

ސަރުކާރަކުން އައްޑޫގައި ކުރިއަށް ގެންދާ އެންމެ ބޮޑެތި މަޝްރޫއުތައް މިހާރު އެވަނީ ފެށިފައެވެ. އެކަމެއް ދެނެއް ނުހުއްޓުވޭނެއެވެ. އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މަރަދޫ ހިއްކި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ތެދުފުޅެކެވެ. ރާއްޖެ އަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަ ޖެހޭ ތަނަކީ އައްޑޫ ސިޓީއެވެ.  ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ފެންނަ މަންޒަރަކީ ރުވި، ގަސްތަކަށް ރޫފަ ޖެހި ކުރިލާ ހެދޭ މަންޒަރެވެ. 

ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅަށް ވިސްނާލުމުން އުންބީދު ހަގީގަތަކަށް ވާ ރަން ތަސއްވުރު ސިފަވެގެން ދެއެވެެ. ތެދުފުޅެކެވެ. ދުނިޔެއަށް ހުޅުވާލެވޭ ސިޓީ އަކަށް އައްޑޫ ސިޓީ ބަދަލު ކުރުމަކީ މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެކެވެ. އެ އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން ކުރަނީ އެކަމަށް ބޭނުންވާ ކަންކަމެވެ. އައްޑޫ ސިޓީ އަށް ބަދަލު އަންނާނީ އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންނެވެ. 

އައްޑޫގެ ތާރީހުގައި ހިންގޭ ބިމާ ގުޅޭ އެންމެބޮޑު މަޝްރޫއު މިހާރު އެވަނީ މެކުހަށް ޖަހާފައެވެ. 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ. 190 ހެކްޓަރުގެ ބިން އިތުރުވެ އައްޑުއަށް އެއަންނަނީ ތަރައްގީއެވެ.

ރާއްޖޭގެ ފަތުރުވެރިކަން 50 އަހަރު ފަހަނައަޅައި ދިޔަ އިރު، ދިވެހި ފަތުރުވެރިކަމުގެ ފުނަށް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. ހަންކެޑެއަކީ ރައްޔިތުންނަށް ހިއްސާވެވޭ މިބާވަތުގެ ފަތުރުވެރިކަމުގެ އެންމެ އެކަށޭނެ އައްޑޫ ސިޓީގެ ސަރަހައްދެވެ. ހަންކެޑެ ފަރުމާކޮށް ތަރައްގީ ކުރާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުންނެވެ. އިންޓަގްރޭޓެޑް ރިސޯޓާއި ސިޓީ ހޮޓަލާއި ގެސްޓްހައުސް ގެ އިތުރުން ވޯޓާ ވިލާ އެކުލެވަށާ ޖެހޭ މަޝްރޫއެކެވެ. މުޅި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައިލެވޭނެއެވެ.

ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮ ބަދަލު ހޯއްދުމަށް ނިކުތީ މިފަދަ ޕްރޮޖެކްޓްތައް އައްޑުއަށް ހޯދުމަށެވެ. މިއަދު އެދަނީ އައްޑޫ ސިޓީއަށް އެކަން ހާސިލުވަމުންނެވެ. 

ހަންކެޑެއާއިއެކު ފެނިގެން ދަނެ ހެޔޮ ބަދަލު: 

- ހަންކެޑެ ކުރިއަށް ދާނީ ފުރިހަމަ ޕްލޭނާ އެއްގޮތަށް
- ހަންކެޑެ މަޝްރޫއުން އައްޑޫގެ އެހެން ރަށްތަކަށް 600 އެނދު އިތުރުވާނެ.
- 2،682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް.
- މަޝްރޫއުތައް ނިމުމުން ޖުމްލަ 7،000 ޓޫރިސްޓު އެނދު އައްޑޫގައި އޮޕަރޭޓް ވާނެ

ޝަންގްރިއްލާ ހިންގަން ފަށޭނެ

ޝަންގްރިއްލާ ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގި ތަނެކެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އެ ރިސޯޓުގައި 284 ކޮޓަރި ހެދިއެވެ.

ދިމާވި ކަންތައް ތަކަށްފަހު ރިސޯޓު ހުޅުވެން އޮތީ އެ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލައިގެންނެވެ.

ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ރައީސް ހުންނެވީ ތައްޔާރަށެވެ. އޮތް ޒަމާންވީ ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ނުވާނެ ގޮތަށް ހިއްސާ ދޫކޮށް ލުމުގެ ކަންކަން އޮތީ ނިމިފައެވެ.  ހުސްވި މާރިޗު މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލު ކުރުމުގެ ލިޔުންތައް ސަރުކާރުން އެ ފަރާތާ ހިއްސާކޮށްފިއެވެ. އެކަން ނިމުމާއެކު، ބޭނުންވާ ބަދަލުގެނެވި، ޝަންގްރިއްލާ ހުޅުވި، ހިނގަން ފަށާނެއެވެ. 

ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އައްޑު އަށް 

އެސްޑީއެފްސީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އައްޑު އަށް އަންނާނެއެވެ. އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅައި ނިންމައިދެވޭނެއެވެ. 

އެކަމަށް ދޫކުރެވިފައިވާ 73 ބިމެއް އެބައޮތެވެ. އޭގެތެރެއިން 44 ފަރާތަކުން 58 ބިމުގައި ގެސްޓްހައުސް އިމާރާތް ކުރުމަށް މިހާރުވަނީ ނިންމާފައެވެ. މިއީ ވެސް ޖުމްލަ 2870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫއެކެވެ.  

އައްޑޫގެ ގޯތިތައް ފަޅުވެ، ގެތައް ވީރާނާވެ، ގަސްބޯވެ، ވާވަނުމަކީ އައްޑޫ ރައްޔިތުން ހެޔޮ ބަދަލަށްޓަކައި ވީ ގުރްބާނީއާއި، ކުރި އުންމީދުގައި އޮތް ކަމެއް ނޫނެވެ. އައްޑޫ ރައްޔިތުން ބޭނުންވީ އައްޑޫ އާބާދުވެ އާރާސްތުވެ ކުރިއަރައި ދިއުމަށެވެ. އެ މަގުތައް މިދަނީ ކޮށައި އަލިވެ އާރާސްތުވަމުންނެވެ.