މުއިއްޒަށް މަޖިލިސް ދިނުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން
ތަރައްގީގެ ޕްރޮޖެކްޓް ހިންގުމަކާ މަޖިލީހުގެ މެންބަރަކާ ގުޅުމެއް ހަގީގަތުގައި ނޯވޭ!
ރައްޔިތުންގެ މަޖިލިސް އިންތިހާބު އައުމާއެކު ސަރުކާރު ހިންގާ ފަރާތަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅޭތަން ކޮންމެ ފަހަރަކު ފެނެއެވެ. އައު ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން އެނޫން އިންތިހާބެއް އަދި ނުބާއްވައެވެ. އެހެން އެކަންވަނީ ރާއްޖޭގެ ގާނޫނު އަސާސީ އޮންނަ ގޮތުންނެވެ.
މަޖިލީހުގެ މަސައްކަތަކީ ގާނޫނު ހެދުމާއި ބަޖެޓް ފާސްކުރުމާއި ސަރުކާރު ޖަވާބު ދާރީ ކުރުވުމެވެ. ކަން އެހެން އޮތަސް ރައްޔިތުން މަޖިލީހަކީ ވަކިބާރެއްގެ ގޮތުގައި އޮންނައިރު މަޖިލީހުގެ ކޮންޓްރޯލު ސަރުކާރަށް ހޯދަން އުޅެނީ ކަމެއްވެގެންތާއެވެ.
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެސަބަބުތަކަށް މަތިމަތިން ބަލަލާއިރު އަންނަނިވި ކަންކަން ފަހަގަ ކުރެވެއެވެ.
- ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓް ފާސްކުރުން.
- އެވަގުތަކު ސަރުކާރު ހިންގަން ތިބޭ ބަޔަކު ބޭނުންވާހާ ގޮތަކަށް ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުން.
- ދައުލަތުގެ މަގާމުތަކަށް އިސްކުރެވޭ މީހުންގެ ތެރެއިން މަޖިލީހުގެ ރުހުން ލިބިގެން އިސްކުރަން ޖެހޭ މަގާމުތަކަށް ސަރުކާރުން ބޭނުންވެގެން ރުހުން ހޯދަން ފޮނުވާހާ މީހަކީ ކޮންމެފަދަ މީހަކަސް އެ މީހަކަށް ރުހުން ހޯދުން.
- މިނިވަން މުއައްސަސާތައް ސަރުކާރުން ބޭނުންވާހާ ގޮތަކަށް އޮޕަރޭޓް ކުރުވުން.
- މުޅި ދައުލަތުގެ މާލީ ނިޒާމް ސަރުކާރުން ބޭނުންވާ އިރެއްގައި ބޭނުންވާހާ ގޮތަކަށް ކޮންޓްރޯލު ކުރުން.
- ޖުޑިޝަރީގެ ކޮންޓްރޯލް ސަރުކާރުގައި ބޭއްވުން
- ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ކޮންމެ ފަދަ ކަމެއް ކުރިޔަސް މަގާމުން ވަކި ކުރިޔަ ނުދިނުން.
ކޮންމެ ބަޔަކު ސަރުކާރުގައި ތިއްބަސް މަޖިލީހުގެ ކޮންޓްރޯލު ސަރުކާރަށް ހޯދެން އޮތްގޮތަކަށް ހޯދަން މަސައްކަތް ކުރަނީ އެހެންވެއެވެ. ރިޝްވަތުދީ ގަނެލައިގެންވެސް މެންބަރުން ސަރުކާރު ކޮޅަށް އަނބުރާލަން ސަރުކާރުތަކުން މަސައްކަތް ކުރަނީ އެހެންވެއެވެ.
ދާއިރާގައި ހިންގާންޖެހޭ ތަރައްގީގެ ޕްރޮޖެކްޓް ހިންގުމަކާ މަޖިލީހުގެ މެންބަރަކާ ގުޅުމެއް ހަގީގަތުގައި ނޯވެއެވެ. އެކަން އެނގެނީ ސަރުކާރަށް ތާއީދު ކުރިޔަސް ކޮންމެ ކޮންމެ މެންބަރަކަށް ސަރުކާރުތެރޭން ދާއިރާއަކަށް ރައްޔިތުންނަކަށް ކަންކަން ކޮށެއް ނުދެވެއެވެ. ކަންކަން ކުރެވެނީ އެ މެންބަރެއް ނުފޫޒު ސަރުކާރަށް އޮތް މިންވަރެއްގެ މައްޗަށެވެ.
ސަރުކާރުން މަޖިލިސް ކޮންޓްރޯލު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫނެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދެވޭނެ ތީއެއްވެސް ނޫނެވެ. މުޅި ދައުލަތް ރައީސްގެ މުށުތެރެއަށް ލުމަށެވެ. ހުދުމުހުތާރު ވެރިކަމެއް ކުރުމަށެވެ. ފާރަވެރި ވިޔަ ނުދީ ހިތުހުރި ކަމެއް ކުރުމަށެވެ. ދައުލަތް ދަވާލުމަށެވެ.
ހާއްސަކޮށް ރައީސް މުއިއްޒަށް މަޖިލިސް ދިނުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން ފަދަ ނުރައްކާތެރި ކަމެކެވެ. މިވީ ކުޑަ ދުވަސްކޮޅުވެސް ހަދާ ދޮގުންނާއި ކުރާ ކަންކަމުން ކަމުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ދިމާލަށް އެބަފެނެއެވެ.