ހުކުރުމިސްކިތުގެ އަސްލުގެއްލޭ ގޮތަށް ތަނބުޖެހީ އާދަމް ނަސީރު!

ހުކުރުމިސްކިތުގެ އަސްލުގެއްލޭ ގޮތަށް ތަނބުޖެހީ އާދަމް ނަސީރު!

ހައްދަވައިގެން ކަމެއް ނުކުރެވޭތާ ބޮޑެތި ދޮގު ހެދުންނޫން ކަމެއް ގައުމިއްޔަަތު ވަޒީރު އާދަމް ނަސީރު ވެސް ނުކުރެއެވެ. އެމްޑީޕީގެ ވެރިކަމުގައި މާލޭ ހުކުރު މިސްކިތުގެ އަސްލު ގެއްލޭގޮތަށް ކަންތައްތަކެއް ހުކުރު މިސކިތްތެރޭގައި ކޮށްފައި ހުރިކަމަށް ބުނެ މަޖިލީހުގައި އާދަން ނަސީރު ހެދީ ބޮޑު ދޮގެކެވެ. 

މާލޭ ހުކުރު މިސްކިތުގެ އަސްލު ގެއްލުވާނުލާ ޒަމާންތަކަށް ދެމިހުންނާނެހެން މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެމްޑީޕީ ސަރުކާރުން ކުރީ އަސާރީ ތަންތަނުގެ އާބާތުރަ ފިލުވުމުގެ ހާއްސަ އެކްސްޕާޓުން ލައްވައެވެ. އެމްޑީޕީ ސަރުކާރުން މާލޭ ހުކުރު މިސްކިތުގެ އަސްލު ގެއްލުވާނުލާ ޒަމާންތަކަށް ދެމެހެއްޓުމުގެ މަސައްކަތް ކުރީ ރާއްޖޭގައި ތިބި ފަންނީ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންނެވެ. މުޅި މަޝްރޫއަކީ އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ މަޝްރޫއެއްގެ ގޮތުގައި ތަރިކަ ރައްކާތެރިކުރުމާބެހޭ އިންޑިއާގެ އެކްސްޕާޓުން ލައްވައި ކުރުވަމުން ގެންދިޔަ މަސައްކަތެކެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ އެހީއެއްގެ ގޮތުގައި ކުރަންފެށި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރެވުނު މަސައްކަތަކީ ހުކުރު މިސްކިތުގެ ހަރިންމަފާރުގެ އެތެރެއިން ބިމުއަޑީގައި ވަށައިގެން އިތުރު ފާރެއް ލުމުގެ މަސައްކަތެވެ. ހަރިންމައިގެ އެތެރޭގައި ވަށައިގެން ބިމުއަޑީގައި ފާރެއް ބިނާކުރީ ހަރިންމައިން ބޭރުގައި ހުރި ގަސްގަހުގެ މުލުން މިސްކިތުގެ ގޯތިތެރޭގައި ހުރި ބިނާތަކާއި މަހާނަ ގައުތައް ސަލާމަތްކުރުމަށެވެ. ކަތުރުފަނި ފަދަ ފަނިފަކުސައިން ހުކުރު މިސްކިތް ސަލާމަތް ކުރުމަކީވެސް ބިމުއަޑީގައި ފާރެއްލުމުގެ އެއްބޭނުމެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ހުކުރު މިސްކިތު އެތެރޭގެ އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. މިސްކިތުގެ ގޯތި ތެރެއާއި މިސްކިތުގެ ބޭރުގެ މަސައްކަތްތައް މުޅިން ނިންމާ އެތެރޭގެ މަސައްކަތް ފެށުމުގެ ކުރީން ރައީސް ސޯލިހުވެރިކަމުގެ ދައުރު ހަމަވެއްޖެއެވެ. އެހެންކަމުން ރައީސް ސޯލިހު ވެރިކަމުގައި މާލޭ ހުކުރު މިސްކިތުގެ އެތެރޭގައި ތަނބު ޖަހާ ލިޔުންތައް ފުހެ ހަދާނީ ކިހިނެއް ހެއްޔެވެ. އެތެޜޭގެ އާބާތުރަ ފިލުވުމުގެ އެއްވެސް ކަމެއް ކުރިއްޔާ ކުރާނީ އާދަން ނަސީރު ވަޒީރަކަށް ވީފަހުންނެވެ. މުއިއްޒު ވެރިކަމަށް ފެށުނު ފަހުންނެވެ. 

އަސްލު ގެއްލޭގޮތަށް ހުކުރު މިސްކިތުގައި ތަނބުތަކެއް ޖަހާފައި ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގައި އާދަމް ނަސީރު އެބުނާ ތަނބުތަކަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޖަހަފައި ތަނބުތަކެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ހުކުރު މިސްކިތުގެ އަސްލު ގެއްލޭގޮތަށް ތަނބުތަކެއް ޖެހީ އޭރު އޮތް ތަރިކަ ކޮމެޓީގައި އާދަމް ނަސީރު ވެސް އިނދެގެންނެވެ.