މުއިއްޒުގެ އިންޑިއާ ދަތުރު ބީބީސީން ސިފަކުރާގޮތް!

ސަލާންޖަހަން ކުރާ ދަތުރެއް

މުއިއްޒުގެ އިންޑިއާ ދަތުރު ބީބީސީން ސިފަކުރާގޮތް!

މުއިއްޒު މިއަދު އިންޑިއާއަށް ފެށި ދުވަހުގެ ދަތުރަކީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އެހީއަށް އެދެން ކުރާ ދަތުރެއް ކަމަށް ބީބީ ސީން ސިފަކުރެއެވެ. ދިވެހި ރާއްޖެ އިގްތިސާދީ ދަތިކަމެއްގެ ތެރޭގައި އޮތުމުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް އީމެއިލުން ކުރި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ބުނެފައިވާކަމަށް ބީބީސީން ބުނެއެވެ.

ބީބީސީ ބުނާގޮތުން ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަނީ 440 މިލިއަން ޑޮލަރަށް (334 މިލިއަން ޕައުންޑް) ދަށަށް ގޮސްފައެވެ. މިއީ އެންމެ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ. މިހެންވުމުން ދިވެހިރާއްޖެ ވަނީ ދަރަނި ދެއްކުމަށް ނުކުޅެދިފައިކަމަށް ބީބީސީ ބުނެއެވެ. 

"އަޅުގަނޑުމެންގެ މާލީ ހާލަތު އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގޭ. އަދި އަޅުގަނޑުމެންގެ އެންމެ ބޮޑު ތަރައްގީގެ ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ބުރަ ލުއިކޮށްދިނުމަށާއި، އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް ރަނގަޅު ހައްލުތަކާއި ބަދަލުތައް ހޯދުމަށް އަބަދުވެސް ތައްޔާރަށް (އިންޑިއާ) ތިބޭނެ،" ކަމަށް މުއިއްޒު ބުނެފައިވާކަމަށް ބީބީސީ ބުނެއެވެ.

ތަޖުރިބާ ކާރުން ފާހަގަކުރާ ގޮތުގައި، މުއިއްޒު ދިއްލީއާ މެދު މިހާރު މި ގެންގުޅޭ ރަހުމަތްތެރި ރާގަކީ، މީގެ ކުރިން އޭނާގެ އިންތިހާބީ ކެމްޕޭނުގައި ގެންގުޅުއްވި ވާހަކަތަކާ ވަރަށް ތަފާތު އެއްޗެކެވެ. ކެމްޕޭނުގައި އޭނާ ވަނީ "އިންޑިއާ އައުޓް" ސިޔާސަތެއްގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއިން އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާފައެވެ.

ބީބީސީއަށް ދިން އިންޓަވިއުގައި މުއިއްޒު އޭނާގެ އިންޑިއާ ދެކޮޅު ކެމްޕޭނާ ބެހޭގޮތުން ސީދާ ވާހަކަ ނުދައްކާ ބުނިކަމަށްވަނީ " އެއްވެސް ތަފާތުވުމެއް ވާނަމަ، ހުޅުވިފައިވާ މަޝްވަރާއާއި އެކަކު އަނެކަކު ދެނެގަތުމުގެ ތެރެއިން އެކަން ހައްލުކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް." ކަމަށެވެ. އެހެން އެކަން އޮތް ނަމަ އިންޑިއާގެ އެހީގެ ޕެކޭޖަކުން ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެއެވެ.

ދުނިޔޭގެ އޭޖެންސީ މޫޑީސްއިން ވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށް "ދަރަނި ނުދެއްކުމުގެ ރިސްކު ވަނީ މާއްދީގޮތުން އިތުރުވެފައި" ކަމަށް ބުނި ނަމަވެސް މުއިއްޒު ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސަރުކާރަށް ދަރަނި ނުދެއްކުމުގެ ނުރައްކަލެއް ކުރިމަތިވެފައި ނުވާކަމަށެެވެ. މިވަގުތުގެ ހީނަރުކަން ހައްލުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމެއްގައި ބައިވެރިނުވާނެ ކަމަށެވެ. ހީނަރުކަން ހައްލުކުރުމަށް މުއިއްޒުގެ "އަމިއްލަ އެޖެންޑާއެއް އެބައޮތް،" ކަމަށް މުއިއްޒު ބުނެފައިވާކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.

އެހެން ނަމަވެސް މޫޑީސްއިން ބުނެފައިވަނީ 2025 ވަނަ އަހަރު ސަރުކާރުން ދައްކަންޖެހޭ ބޭރުގެ ދަރަނީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރަށްވުރެ ބޮޑުކަމަށެވެ. 2026 ވަނަ އަހަރު ދައްކަންޖެހޭ ވަރު 1 ބިލިއަން ޑޮލަރަށްވުރެ ވެސް ބޮޑުތަނުން ބޮޑުކަމަށެވެ. ރާއްޖޭގެ ރިޒާވްގައި އެވަރުގެ ހަކަތައެއް ނެތް އިރު ރިޒާވްގެ ހީނަރުކަން ހައްލުކުރުމަށް މުއިއްޒު ފައިސާ ހޯދަނީ ކޮންގޮތަކުންކަން ސާފެއް ނޫވާކަމަށް ބީބީސީ ބުނެއެވެ. އެހެންކަމުން މިކަމުގައި އޭނާގެ ދިއްލީ ދަތުރު ވަރަށް މުހިންމު ކަމަށް ބެލެވެއެވެ.