އިންޑިއާއަށް ފުރަމުންވެސް މުއިއްޒުދިނީ ބަހުގެ ހަމަލާއެއް!
ޕޯޑިއަމަކަށް އެރޭ އިރަށް ކިޔޭ ނުކިޔޭއެއް މުއިއްޒަކަށް ނޭގެ!
ރާއްޖޭގެ ރައީސް ކަމުގައި މިހާރު ހުރި މުއިއްޒަކީ ބުއްދި ގޯސްވެފައި ހުންނަ މީހަކީ ހެއްޔެވެ. ދުވަހަކުވެސް ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގެއެވެ. އަމިއްލަ ހާލަށް ކޮޅަށް ނުހުރެވޭ ހާލުގައިވެސް ގަދަ ބަސްބުނުމާ ގޮތް ދޫނުކުރުން ހިފާފައި ހުންނަނީ ކަށީގެ މަދުގައެވެ.
ރާއްޖެ އިސްލާމް ދީން ގަބޫލުކޮށް އެދީނުގެ ހިޔަލުގައި އުޅޭތާ އަށްސަތޭކަ އެތައް އަހަރެއް ވެއްޖެއެވެ. މުއިއްޒު ނޫނަސް ރާއްޖޭގައި އެތައް ބަޔކު ވެރިކަންވެސް ކޮށްފިއެވެ. ރާއްޖެ އިސްލާމްވީ ދުވަސް ވެސް ރާއްޖޭގައި ފާހަގަ ކުރީކީ މިއަދަކު އެކަންޏެއް ނޫނެވެ. ރާއްޖެ އިސްލާމް ވީދުވަސް ފާހަގަ ކުރުމުގެ ގޮތުންވެސް އަދި އެނޫން ގޮތަކުންވެސް މާތްވެގެންވާ އިސްލާމުދީނާ ގުޅުވައިގެން އަވައްޓެރި ގައުމަކަށް މުއިއްޒު ނޫން ވެރިއަކު ކުޑައިމީސް ކޮށްފައެއް ނެތެވެ. ރާއްޖޭގެ ތާރީހީ އެއްވެސް ފަތްފުށަކުން ރާއްޖެ އިސްލާމްވުމާ ދެކޮޅަށް އަވަށްޓެރި އެއްވެސް ގައުމަކުން އެއްވެސް ކަމެއް ކުރިކަން އެނގޭކަށް އަދި ނެތެވެ.
ރާއްޖެ އިސްލާމްދީނަށް އެނބުރިފައި ވަނީ މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްގައި ކަމަށް މުއިއްޒު މިއަދު ބުނެފިއެވެ. މުއިއްޒު އެބުނާ ސަރަހައްދީ ބާރުން ދީނާ ހެދި މެދު ނުކެނޑި ރާއްޖެއަށް ގޯނާގުރަން ޖެހޭނީ އޭރު ދިވެހިން އެމީހުން ތިބި ދީން ނޫން ދީނެއްގައި ތިބި ނަމަތާއެވެ. އޭރު ދިވެހިންވެސް ތިބީ ކުފުރުގެ ދީނެއްގައެވެ. އެހެން ކަމަށްވާނަމަ އެބުނާ ބާރަކުން އެމީހުންގެ ދީނަށް ދިވެހިން ވައްދަން އެބުނާ ރާއްޖެއާ ގޯނާ ކުރަން ޖެހޭ ސަބަބެއް ނެތެވެ. ޕޯޑިއަމަކަށް އެރޭ އިރަށް ކިޔޭ ނުކިޔޭއެއް މުއިއްޒަކަށް ނޭގެއެވެ.
މުއިއްޒު މިއަދު ދެއްކި ވާހަކައިން ދޭހަވީ އެކައްޗަކީ އޭރުވެސް ސަރަހައްދީ ބާރުގެ ގޮތުގައި އޮތް ގައުމަކުން އެ މީހުންގެ ދީނުގައި ދިވެހިން އުޅޭތީ ނުރުހިގެން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން ދިޔަކަމަށެވެ. އެހެންވެ "ދިވެހީން އެ ނުރައްކާ އަންނަ ފަރާތުގެ ދީނާއި ސަގާފަތުން މުޅިން ވަކިވެ އަމާންވެގަތީ"އެވެ. ކިހާ ދެކޮޅު ނުޖެހޭ ތާކުންތާކު ނުޖެހޭ ވާހަކައެއް ހެއްޔެވެ. މާމޮޅު ވާހަކައަކަށް ވެގެން ޕޯސްޓްހަދާ މުޅި މީޑިއާގައި ފަތުރަމުން ބާރަށް އަތްޖެހޭ އިރު އެ ބަޔަކަށް ވެސް ވާނުވާ ނޭނގެއެވެ.
ދެކޮޅުނުޖެހޭ ވާހަކައެއް ގޮތުގައި ދެއްކިޔަސް މުއިއްޒު އެދެއްކީ ވަރަށްވެސް ހައްސާސް ވާހަކައެކެވެ. އޭރު ރާއްޖެއަށް ހަމަލާދީ ގޯނާކުރީ ސަރަހައްދީ ބާރަކުން ކަމަށް ބުނި ބުނުމަކީ އާދައިގެ ވާހަކައެއް ނޫނެވެ. އޭރުވެސް މިހާރުވެސް މި ސަރަހައްދުގެ ބާރަކީ އިންޑިއާއެވެ. މުއިއްޒު އެބުނަނީ އެހާކުރިއްސުރެ އިންޑިއާއިން ރާއްޖެއަށް ހަމަލާދީ ގޯނާ ކުރަމުން ގެންދާ ވާހަކައެވެ. އެއީ އެއްވެސް ބައެއް ކަމަށް އެއް އިރަކުވެސް ދިވެހިން ނުބަލާ ވާހަކައެވެ.
މުއިއްޒު ވެރިކަމަށް އައުމަށާއި ވެރިކަން ލިބުނު ފަހުން އިންޑިއާއަށް ކޮށްލިވަރުން ގޯސްވެފައިވާ ގުޅުން ރަނގަޅުކޮށް އެހީތެރިކަން ހޯދަން އިންޑިއާއަށް ފުރަން ތައްޔާރުވެފައި ހުރެގެންވެސް ހަސަދަވެރި ކަމުގެ ހުޅުގަނޑު އަނެއްކާވެސް ފަޅާލީއެވެ. އިންޑިއާގެ ކަކޫމައްޗަށް މުއިއްޒު ތިރިވުން ނޫން ގޮތެއް ނެތިގެން ފަހަތުން ހިނގާ އާދޭސް ކޮށްގެން ހޯދި ސްޓޭޓް ވިޒިޓަށް ފުރަނީ މާދަމާއެވެ. ދަތުރަށް އަރަމުންވެސް ޕޯޑިއަމެއް ލިބުނީމާ ނަންނުބުނެ އިންޑިއާއަކީ ރާއްޖެއާ ގޯނާކުރާ ހަލަދޭ ބައެކަމަށް ދޭހަވަގޮތަށް ގަދަ ބަސްބުނެފައި މާދަމާ އިންޑިއާއަށް އެރީމާ އެމީހުންގެ ހިތްކަޅުވާނެ ކަންވެސް ބުރާންތި ކަމުން އެނގެނީއެއް ނޫނެވެ.