ޝިޔާމަށް: ފަސް އަހަރޭ ރައްޔިތުންގެ ނިންމުމޭ ދެން ނުކިޔާ
ހަށިރައްކަލަށް ހެދެން އޮތް ފަންޑިތައެއް ނުހަދައެއް ނުވާނެ
ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ އެ މަޖިލީހުގެ ގަވާއިދުގެ 41 ވަނަ ބާބުގެ މާއްދާތަކަކަށް ބަދަލު ގެންނަން އާންމު ކޮމިޓީ ފާސްކުރުމުން ބަޔަކު މޭ ބޮޑު ވެއްޖެއެވެ. ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ހަށަހަޅުއްވައިގެން އާއްމު ކޮމެޓީން ފާސްކުރި އިސްލާހު ތަކަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރުމާ ގުޅޭ ބާބުގެ މާއްދާ ތަކެކެވެ. ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތައް ގަވައިދު ކަމުގައި ވެގެން ދާނީ މަޖިލީހުން ފާސްކުރުމުންނެވެ.
އާއްމު ކޮމެޓީން މަޖިލީހުގެ ގަވައިދުގެ 41 ވަނަ މާއްދާއަށް ގެނައުމަށް ފާސްކުރި އިސްލާހު ތަކަކީ އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މައްސަލަ ނުހިންގާ ހުއްޓުވާފައި ބޭއްވިޔަ ނުދިނުމަށް ގެންނަން ފާސްކުރި އިސްލާހު ތަކެކެވެ. އެގޮތުން ކޮމިޓީން ފާސްކުރި އިސްލާހީ ބަދަލުތަކަކީ؛
- ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
- ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
- އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
- ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ
- ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
- އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް
މަޖިލީހުގެ ގަވައިދަށް ބަދަލުތަކެއް ގެންނަން އާއްމު ކޮމެޓީން ނިންމީ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައަށް އަވަހަށް ގޮތެއް ނިންމުމަށް މަރުހަލާތައް ފަސޭހަ ކުރުމުގެ ގޮތުންނެވެ.
އާއްމު ކޮމެޓީން މައްސަލައަށް އަވަހަށް ގޮތެއް ނިންމުމަށް މަރުހަލާތައް ފަސޭހަ ކުރުމަށް ނިންމުމުން ބަޔަކު ފަޔަށް ހިނިއަރައިގެން ތެޅެގެންފިއެވެ. ގަވައިދަކަށް އިސްލާހެއް ގެނަޔަކަސް މޭބޮޑުވެގެން ތެޅެފޮޅެ ގަންނާކަށް އަދި ނުޖެހޭ ނޫން ހެއްޔެވެ. އަމިއްލައަށް މިސްކިތް ހުޅުޖެހިކަމަށް ތިޔަ ހެދެނީ މާ އަވަހަށެވެ.
ގާނޫނާއި އެއްގޮތަށް ހެޔޮވެރިކަމެއް ކުރާބަޔަކު ތެޅެފޮޅޭ ހިސާބަކަށް އަދި ނުދެއެވެ. ކުޑަކުޑަ ކުއްލިއެއް ޖަހާލިޔަސް ދެންމެ ދެންމެ ވެއްޓިދާނެއޭ ހީވަނީ ތާއެވެ. ނައިފަރު ޝިޔާމްމެނަށް އެކަމަކީ ބޮޑު ކަމަކަށް ވާނެކަން އެނގެއެވެ. މަޖިލީހުގެ ގޮނޑިގެއްލި ވަޒީރުކަން ގެއްލެންޏާ އަސަރު ފަށެއް ކުރާނެއެވެ. ހޭނުބަހައްޓާ ޓްވީޓްވެސް ކުރެވޭނެއެވެ.
ހަށި ރައްކަލަށް ހެދެން އޮތް ފަންޑިތައެއް ނުހަދައެއް ނުވާނެއެވެ. ސަހުސު އޮޅުވާލައިގެން ހީލަތާ މަކަރުން ވެރިކަމެއް ހޯދައިގެން އުޅެންޏާ ތިބޭނީ މޭ ކަރަކަރައެވެ. ތުރުތުރު އަޅައަޅައެވެ. ގުޑުގުޑު ޖެހިޖެހިއެވެ. ގުޑުގުޑު ނާޅާނީ ފުރިފާ ހުރި އެއްޗެއް ނަމަތާއެވެ.
ރައްޔިތުން ވެރިކަމެއް ދެނީ ފަސްއަހަރު ދުވަސް ވަންދެން ހަދާނެ އެއްޗެއް ހަދާކަށް ނޫނެވެ. ކުރިން ބުނިހާ އެއްޗެއް ކެންސަލްކޮށްގެން ތިބެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދޭ، ގާނޫނު އަސާސީއާއި ހިލާފޭ، ސްޕްރީމް ކޯޓޭ މިހާރަކު ކިޔާނެ ކަމެއް ނެތެވެ. ހުސް ގޮނޑިއެއް ދައްކައިގެން މީހެއްގެ ފޮޓޯގެ ނިވަލުގައި ހުރެގެން ހެއްދެވިހާ ދޮގު ހަދައިގެން ވެރިކަމަށް އަރާ ކީހާ ޅެން ފަރިއްސަށް ހަދާފާ ފަސް އަހަރޭ ރައްޔިތުންގެ ނިންމުމޭ ދެން ނުކިޔާށެވެ. ވެރިކަމުން އަޒުލު ކުރުމަކީ ގާނޫނު އަސާސީ ނިކަން ރަނގަޅަށް ދަންނަ ކަމެކެވެ.