މެންބަރ ޝިޔާމަށް: ދަރަންޏާމެދު މުއިއްޒުގެ ހާސްކަމެއްނެތް
މުއިއްޒުގެ ވެރިކަމެއްގައި ގިނަކަންކަން މުއިއްޒުވާނެ
ގައުމުގެ ދަރަނި އޮތީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިޔަސް އިންތިހާބީ ރައީސް އެކަމާ ކަންބޮޑުވެ ވަޑައިގެން އުޅުއްވާތީއެއް ނުފެނެއެވެ. ހާއްސަކޮށް ބޭރުގެ ދަރަނި އޮތީ އިންތިހާ އަށް މައްޗަށް ގޮސްފައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިޔަސް އެކަމުގެ ކަންބޮޑުވެ ވަޑައިގަތުމެއް އިންތިހާބީ ރައީސްގެ ނެތެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ދައުލަތުގެ ދަރަނި ބޮޑުވުން ކަމަށް ޝިޔާމަށް ހީފުޅު ވަނީ ތާއެވެ. ރައީސް ކަމަށް ޑރ. މުއިއްޒު އިންތިހާބުވެ ވަޑައިގަތުމަށް ފަހު އެ މަނިކުފާނު ދައްކަވާ ވާހަކަފުޅު ތަކުންނާއި ކުރައްވަން އުޅުއްވާ ކަންކަމުން ދަރަނީގެ ކަންބޮޑުވެ ވަޑައިގަތުމެއް އެ މަނިކުފާނުގެ ނެތޭ ދެންނެވި ދާނެއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ވެވަޑައިގެންނެވި އަތްގުޅިނުކާ ބޮޑެތި ވައުދުތައް ފުއްދެވުމަށް ބިލިޔަން ބިލިޔަނުން ހިގާނެ ހަރަދުގެ ވާހަކަ ދައްކަން ފަށައިފިއްޔާ ދުނިޔެއަށް ނައިނަމައޭ ހިތަށް އަރާހާވާނެއެވެ. ހިލޭ ކޮށްދެއްވަން ވައުދުވި ހިދުމަތްތަކާއި ބޮޑުކޮށް ދެއްވަން ވިދާޅުވި މުސާރަތާކާއި ގާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ހިދުމަތް ތަކާއި ލުއިފަސޭހަ ތަކުގެ ވާހަކަ އިހަށް ނުދައްކަމާ ހިނގާށެވެ.
ޝިޔާމޫ ދަންނަވަންތޯއެވެ. ޑރ. މުއިއްޒަށް ވެރިކަމުގެ ގާނޫނީ ހުވާކޮށްލެއްވެން ވެސް އޮތީ 22.9 މިލިޔަން ރުފިޔާ ހަރަދު ކުރައްވައިގެނެވެ. އެއީ ހަމަ އެކަނި ހުވާކޮށް ލެއްވުމަށްޓަކާ ހޭދަކޮށްލައްވާ ކުޑަމިންވަރެކެވެ. އެ ވާހަކަވެސް ބާއްވަމާ ހެއްޔެވެ.
މިހާރު އެހުންނެވީ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވެ. ތާއީދު ހޯއްދަވަން އިތުރު ވައުދުތަކާ އަހުދުތައް ވެވަޑައިގަންނަވަން މިހާރު ޖެހި ވަޑައިގަންނަވާނީއެއް ނޫނެވެ. ދައުލަތުން އިތުރު ހަރަދުތައް ހިނގާނެ ކަންކަމުގެ ވާހަކަފުޅުތައް ދެއްކެވުމުގެ ބޭނުމެއް ނުއޮންނާނެ ނޫންތޯއެވެ. އެކަމަކު ހަލުވިކޮށް ފަހަފާ ހުރި ފަހާ ފޮއްޓެއްގެ ދަތްގަނޑެކޭ އަދިވެސް ތަފާތެއް ނެތެވެ.
މާލެ ސަރަހައްދުގެ ކަރަންޓްގެ ހަރަދު ކުޑަ ކުރުމަށްޓަކާ ވޯލްޑް ބޭންކުން ހޭދަކޮށްގެން މާލެ- ހުޅުމާލެ ހައިވޭގެ އަރިމަތީގައި ގާއިމުކޮށް ނިމުމަކަށް ގޮސްފައިވާ ސޯލަރ އެނަރޖީ މެގަ ޕްރޮޖެކްޓް އެތަނުން ނަންގަވާނެ ކަމަށް ވިދާޅުވެއްޖެއެވެ. ހައިވޭގެ ވިއު ރީތިވުން ނޫން އެހެން މަގްސަދެއް ބަދަލުކުރުމުގައި ނެތް އެ ޕްރޮޖެކްޓް އެހެން ރަށަކަށް ނުވަތަ ދެރަށަކަށް ބަދަލު ކުރުމަކީ ކުޑަކުޑަ ހަރަދެއް ހެއްޔެވެ. ދަރަންޏާ މެދު ކުޑަކޮށްވެސް ކަންބޮޑުވެ ވަޑައިގަތުމެއް އޮތްނަމަ ނިމުމަކަށް ގޮސްފައިވާ އެވަރުގެ ބޮޑެތި ޕްރޮޖެކްޓް އެފުށް މިފުށަށް ޖައްސަވާ ލުމަކަށް ނުވިސްނެވީހެވެ.
އެހާ ވަރުން ދަންޏާ އަމީނީ މަގުގެ ތާރުގަނޑުނަގާ އަލުން އެމަގަށް ތާރު އަޅަން ފަހަކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ތިލަމާލެ ބުރިޖު އޮތް ހިސާބުން ހުއްޓުވާ ފުށިދިއްގަރު ފަޅަށް ބުރިޖު އަނބުރާ ނުލާނެ ކަމެއްވެސް ނޭނގެއެވެ. ކުރާ ކޮންމެ ކަމެއް ދެފަހަރަށް ކުރުމުގެ އާދަ ކަށީގައި ހަރުލާފައި ހުންނަކަމުގެ ވާހަކައަކީ ދިވެހިންގެ މެދުގައި ނިކަން މަޝްހޫރު ވާހަކައެކެވެ. މުއިއްޒުގެ ވެރިކަމެއްގައި ކުރާކަންކަން މުއިއްޒުވުން އަދި މާ ގިނަ ވާނެތާއެވެ.