ކާޅުބައެއްހެން ނިކުމެ ކުރީސަރުކާރޭ ގޮތްވަސް ވާނެކަމެއް ހަރާން!
ދަރަނިތައް މެނޭޖުކޮށް އަދާކުރުމަކީ އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއް
ފަހަރަކު މީހަކު މީޑިއާ ކުރި މައްޗަށް ނިކުމެ މޮޅުވާހަކައެއް ބުނިމާ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ވަނީ ހެއްޔެވެ. އެއްބަކަު އަނެއް ބައެއްގެ ބޮލަށް ކެނދުމުން ދަރަނި އަދާވަނީ ހެއްޔެވެ. އެއްސަރުކާރުން އަނެއް ސަރުކާރަށް ވެރިކަން ބަދަލު ވައިރު ދަރަނި ނެތި ބަދަލުވީ ކޮން އިރަކު ހެއްޔެވެ.
ބޮޑެތި ކަރިސާތަކާއި ވަބާތައް ކުރިމަތިވެ އާއްމު ހާލަތުން ބޭރު އެތައް ކަމެއް ކުރަންޖެހުމުން ހިނގަން ނުޖެހޭ އެތައް ހަރަދެއް ހިނގާ ދަރަނިވެރިކަން ބޮޑުވާނެއެވެ. އެހެނެކޭ ކިޔާ ރައްޔިތުންގެ ޑިމާންޑްތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކޮންމެ ހާލަކާއި ލައިގެންވެސް ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރެއް އޮތިއްޔާ ނުކޮށެއް ނުވެއެވެ.
އެއްވެސް ސަރުކާރަކީ ދަރަނިން ހުސްވެގެންވާ ސަރުކާރެއް ނޫނެވެ. ދަރަނި ނެގުމާ ދަރަނި އަދާކުރުމަކީ ސަރުކާރުތަކުގެ ތޮބީއަތެވެ. ކޮންމެ ސަބަބަކާ ހުރެގެން ވިޔަސް އަދި ކޮންމެ ބަޔަކު ކުރިކަމަކުންވިޔަސް ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. ދަރަނިތައް މެނޭޖުކޮށް ދަރަނި އަދާކުރުމަކީ އެއިރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެކެވެ.
ވެރިކަން ބަދަލުކުރަނީ ވެރިކަމުގައި އޮތް ސަރުކާރު ކަމުނުގޮސްގެންނެވެ. ވެރިކަން ނިމުމުން އެމީހުންގެ ޒިންމާ އެ ނިމުނީއެވެ. ވެރިކަން ބަދަލުވެ ވެރިކަމަށް އެހެން ބަޔަކު އައުމުން ގައުމު ހިންގުމަކީ އޮތް ސަރުކާރެއްގެ ކަމެކެވެ. ކުރީ ސަރުކާރު ކިޔަކިޔާ ތިއްބަކަސް ނަތީޖާއެއް ހާސިލެއް ނުވެއެވެ. އޭރުން އަބަދުވެސް ޖެހޭނީ ދިފާއަށް ކުޅޭށެވެ. ގެއްލޭނީ ވަގުތާއި ހަކަތައެވެ. ދަރަނި އޮންނަނީ ނުދެއްކިއެވެ. ކުރީ ސަރުކާރޭ ހުއްޓާ ނުލާ ކީމާ ކުރީ ސަރުކާރުގައި އުޅުނު މީހުން ދަރަނި އަދާކޮށްދޭނެ ހެއްޔެވެ.
ސިޔާސީ ބޯޅަޖަހަން ނޫޅެ އިހުލާސްތެރި މަސައްކަތެއް ކުރާކަށް އަދިވެސް ނުވޭހެއްޔެވެ. ރައްޔިތުންގެ ރުހުމާ ތާއީދު ހޯދަން މީޑިއާ ސްޓަންޓް ޖެއްސިޔަސް ކާކަކީ ކާކުކަން ދިވެހިންނަށް އެނގެއެވެ. ޖައްސާ މީޑިއާ ސްޓަންޓަކުން ގައުމުގެ ހާލަތު ބަދަލެއް ނުކުރެވެއެވެ. ހާލަތު ބަދަލުވާނީ އިހުލާސްތެރި ކަމާއެކު ކުރާ ތެދުވެރި މަސައްކަތުންނެވެ.
ދަރަނިވެރި ވުމުގައި ކުރީ ސަރުކާރުގައި އުޅުނު ބައެއްގެ ފަސަދައާއި ހިޔާނާތެއް އޮތްނަމަ މޫނަކަށް ކަނދުރާއަކަށް ނުބަލާ ތަހުގީގުކޮށް ޝަރީއަތްކޮށް ދޭންޖެހޭ އަދަބެއް ދީބަލާށެވެ. ހޯދަންޖެހޭ ފައިސާއެއް ހޯދާބަލާށެވެ. ތިން އިރު ކާބޭހެއްހެން މީޑިއާތަކަށް އަރާތިބެ އުޑުގަޖެހިފަ ބިމުގަޖެހުނަސް ވާނެ ކަމެއް ހަރާމުން ހަރާމެވެ. ކާޅުގޮވާހެން ރާގުރާގަށް ކުރީ ސަރުކާރޭ ގޮތްވަކަސް ރައްޔިތުންގެ ތާއީދު އިތުރުވެ ދަރަނި އަދައެއް ނުވާނެއެވެ. ދަރިން ސެންޓެއްވެސް ބޮލުން ނައްޓައެއް ނުލެވޭނެއެވެ.