އިނގިރޭސީންނަށް ފޮނުވާ ސިޓީއަކުން ޗާގޯހެއް ނުލިބޭނެ!

މުއިއްޒު ނެގިނެގިފައި ޖެހުނަސް އެކަމެއް ދެނެއްް ނުވާނެ

އިނގިރޭސީންނަށް ފޮނުވާ ސިޓީއަކުން ޗާގޯހެއް ނުލިބޭނެ!

އިނގިރޭސި ސަރުކާރުން މޮރޮޝަސްއާއި ޗާގޯސް ހަވާލު ކުރިއްޔާ ކުރީ އެކަން އެެން ކުރުންނޫން އެހެން ގޮތެއް ނެތިގެންނެވެ. ދުނިޔޭގެ ގާނޫނުތަކާއި ހަމަތަކާ އުސޫލުތަކުން އެކަން ކުރަން ޖެހިގެންނެވެ. 

އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޮސް ހަވާލުކުރި ވާހަކަ އަޑުއިވިގެން އިނގިރޭސި ސަރުކާރަށް ލިޔެގެން މިހާރަކު ވާނެ ކަމެއް ކޮށްދެވޭނެ ކަމެއް ނުއޮންނާނެއެވެ. ރާއްޖޭން މުއިއްޒު ސިޓީއެއް ލިޔެފައި ފޮނުފާލާއިރަށް ދީދީފާ އަތުލިކަލޯ ހެދިގެން މޮރިޝަސް އަތުން އިނގިރޭސީންނަށް ޗާގޯސް އަތުލާފައި ރާއްޖެއާ ހަވާލު ކުރާނެ ހެއްޔެވެ. ކުރެވޭނެ ހެއްޔެވެ. 

ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ދިވެހި ރަސްރަސްކަލުންގެ ލިޔުއްވުންތަކުން ފެންނަން އެބަހުއްޓޭ ކިޔައިގެން މުއިއްޒު ނެގިނެގިފައި ޖެހުނަސް މިހާރަކު އެކަމެއް ދެނެއްް ނުވާނެއެވެ. މޮރިޝަސްގެ ސިޔާދަތީބާރު ހޯދަން މޮރިޝަސްއިން ކުރަމުން ދިޔައިރު ރާއްޖޭގެ ސަރުކާރުތައް އޮތީ ނިދާފައެވެ. ބައިނަލްއަގުވާމީ އެއްވެސް ޕްލެޓްފޯމެއްގައި ޗަގޯސް ހޯދުމަކަށް ވަކާލާތެއް ރާއްޖެއަކުން ނުކުރެއެވެ.

އދ އަށް ހުށަހަޅައިގެން ޗާގޯސް ހޯދަން މޮރިޝަސުން މަސައްކަތް ކުރިއިރު އެއްވެސް ކަމެއް ނުކޮށްތިބެފާ ހޭވަރިވީއިރު ޗާގޯސް ލިބުމުގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ. ދެއްކި ހަމައެއްް ދައްކައިގެން ޗާގޯސްގެ ސިޔާދަތީބާރު އޮންނަން ޖެހޭނީ މޮރިޝަސްއަށް ކަމަށް ދުނިޔޭގެ ކޯޓުން އެއޮތީ ލަފާދީ އދ ގެ އާއްމު މަޖިލީހުގެ ބަޑު އަގުލަބިއްޔަތުން އެކަން ބަލައިގެންފައެވެ. އެ އަސާސްތަކުގެ މައްޗަށް ބިނާކޮށް ޗާގޯސްގެ ސިޔާދަތީބާރު އޮތީ މޮރިޝަސްއަށް ކަމަށްބަލާ އިޓްލޮސްއިން އެވަނީ ޗާގޯސްކަނޑު ބައިކޮށްދީ ނިމިފައެވެ. އެންމެ ފަހުން ޗާގޯސް އިނގިރޭސީންގެ ކޮލޮނީއެއްގެ ގޮތުގައި އޮތް އޮތުން މޮރިޝަސްގެ މައްޗަށް ދޫކޮށްލާވެސް ނިމުނީއެވެ. ޗާގޯސްގެ ސިޔާދަތީބާރުގެ ކަންތަން އދގެ ސަލާމަތީ މަޖިލީހުން އެންޑޯސްކުރުން ނޫން ހުރިހާ އިޖުރާތެއް މޮރިޝަސްއާއި އެއްކޮޅަށް މިހާރު އެއޮތީ ނިމިފައެވެ. އިނގިރޭސީން ޗާގޯސް ދޫކޮށްލުމުން އދ ގެ ސަލާމަތީމަޖިލީހުން އެކަން ނިންމާކަށް ދެން ލަހެއްފަހެއް ނުވާނެއެވެ.  

ކަންކަން ވެފައިވާ ގޮތުން މޮރިޝަސްއާ ކިތަންމެ ދުރުގައި ޗާގޯސް އޮތަސް ޗާގޯސްއަކީ މިހާރު މޮރިޝަސްގެ ތަނެކެވެ. އެހެނީ އެއް ކޮންޓިނެންޓަލް ޝެލްފުން ގުޅިފައިވުމަކީ އެއް ސިޔާދަތީބާރެއް ހިއްސާކުރުން ލާޒިމުކުރާ ކަމެއްވެސް ނޫނެވެ. އެއް ކޮންޓިނެންޓަލް ޝެލްފް ހިއްސާ ކުރާތީ އެއް ސިޔާދަތީބާރެއް އޮންނަން ނުޖެހޭ ކަން ކަށަވަރުވަނީ މަލިކާއި ލެކެޑިވްސްއަށް ރާއްޖޭގެ ސިޔާދަތީބާރު ނުހިނގާތީއެވެ. 

މޮރިޝަސްއާއި ޗާގޯސް މާދުރުގައި އޮތުމަކީ ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީބާރު އޮންނަން ނުޖެހޭ ސަބަބެއްވެސް ނޫނެވެ. ދުރުވެގެން ސިޔާދަތީ ބާރު ނުހިނގާނެ ނަމަ އަންޑަމަން-ނިކަބަރއަށް އިންޑިއާގެ ސިޔާދަތީބާރެއް ނުހިނގާނެއެވެ. އެހެން ކަމުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ދައުވާ ކުރުމުގެ ހައްގެއް ރާއްޖެއަކަށް ނެތެވެ. ރާއްޖެއާއި އެއްގޮތް ކަންތައް ތަކެއް ހުރުމަކީ ރާއްޖޭގެ ބަޔަކަށް ޗާގޯސްވާންޖެހޭ ކަމެއްނޫނެވެ.

ޗާގޯސްއަކީ މޮރިޝަސްެ ސިޔާދަތީބާރުގެ ދަށުގައި އޮތްތަނެއްކަން މުޅިދުނިޔޭން މިހާރު އެވަނީ ގަބޫލުކޮށްފައެވެ. މުއިއްޒު އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ޗާގޯސްގެ ސިޔާދަތީބާރު ރާއްޖެއަށް ލިބުނިއްޔާ ލިބޭނީ މޮރިޝަސްއިން ރާއްޖެއަށް ޗާގޯސް ހަދިޔާކޮށްގެންނެވެ. ބައިނަލްއަގުވާމީ ކޯޓެއްގައި ޗާގޯސްް މައްސަލައިގައި މޮރިޝަސްގެ މައްޗަށް ރާއްޖެއަށް ގަދަވެގަނެވޭނެ ގޮތަކީ ނެތްގޮތެކެވެ. ރާއްޖެއަށް މިހާރު ޗާގޯސް ލިބޭން އޮތް ހަމަ އެކަނި ގޮތަކީ މޮރިޝަސްއާ ހަނގުރާމަ ކޮށްގެން ޗާގޯސް އަތުލުމެވެ. މުއިއްޒުގެ ހިއްވަރެއް ހުރިއްޔާ އެކަން ފަހަރެއްގައި ވެދާނެއެވެ. އިނގިރޭސި ސަރުކާރަށް ފޮނުވާ ސިޓީއަކުން ޗާގޯހެއް ނުލިބޭނެއެވެ.