ގާސިމަށް: ދަވާލަން ނުކުރެވި އޮތްކަމަކީ އިންތިހާބުތައް އެއްކުރުން
2008 ގެ ރިޔާސީ އިންތިހާބަށް ފަހު އައި ސަރުކާރުތަކުގެ ވާހަކަ ގާސިމް އިބްރާހީމް ނުދައްކާށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލާކު ކުރި ބޮޑު ފަންޏަކީ ކާކުކަން ދިވެހިންނަކަށް ނޯޅޭނެއެވެ.
އުފެދޭ ކޮންމެ ސަރުކާރެއްގެ ބޯކިބައިން ބޮޑު ފޮއްޗެއް ޖަހައިގަންނަން ގާސިމު ނުކުރަނީ ކީއްހެއްޔެވެ. ދައުލަތް ލޫޓުވާލައިގެން ނުހޯދަނީ ކޮން މޮޅެއް ހެއްޔެވެ.
މަޖިލީހޭ މެޖޯރިޓީއޭ ސަރުކާރޭ ކިޔަން ގާސިމު ލަދުނުގަންނަ ކަމެވެ. ރިޝްވަތުގެ ކަޅު ފައިސާއަށް ރައްޔިތުން ލަންބުވާލީ ގާސިމު⁹ ނޫން ދެވަނަ މީހެއް ނޫނެވެ. ކިންގމޭކަރ ހެދިގެން ދައުލަތަށް ނުދެނީ ކޮން ގެއްލުމެއް ހެއްޔެވެ.
އުމުރެއް ތިޔަ ހުސްކުރަނީ ދައުލަތް ނޮޅާކެއުމުގައެވެ. ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރެއްގެ އެތައް ވަޒީރަކަށް މަހު އެއްޗެތިކޮޅު ދެއެވެ. ކޮންމެ ޕާޓިއެއްގެ ޓިކެޓްގައި ހޮވިފައި ހުއްޓަސް ގަޔާވާ އެތައް މެންބަރުންނަކަށް މަހުން މަހަށް ބަނޑު ހަނޑޫ ދެއެވެ. ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގައި ވިލާއިން ފެން ނުއޮހޭ ބަޔަކު މަދުވާނެއެވެ.
ދައުލަތް ދޮވެލުމުގެ ބޭނުމުގައި އިންތިހާބުތައް ސަރުކާރަށް ނަގައިދޭން އަމިއްލަ މާލާއި މުދާ ހޭދަކުރަންޖެހޭތީ ހަރަދު ބޮޑުވެގެން އުޅޭނެ ކަމެއްނެތެވެ. ގާތުން ކުރާ ހޭދައިގެ އެތައް ގުނައެއް ސަރުކާރު މެދުވެރިކޮށް ގައުމުގެ މިލްކިއްޔާތުން އަބަދުވެސް ދަމައި ގަންނަކަން ނޭނގޭ މީހަކު ވެސް ނެތެވެ.
ކޮންމެ ފަހަރަކު ރިޔާސީ އިންތިހާބަށް ދޮންކުރަންދެން އޭރަކު ހުންނަ ރައީސަކު ޖަހާހާ ބެެރަކަށް ގާސިމު ނަށާކަން އެނގެއެވެ. މުއިއްޒު އެޅިހާ ބަތަކަށް ރިހަވެގެން އުޅޭނެކަން އެންމެނަށް އެނގެއެވެ. ހިތް ނުފުރުނަސް މިހާރު ދައުލަތުން ދެމެން އޮތް ވަރަކަށް ދަވާލެވުމުން މުއިއްޒު ގުއި ވެގެން އުޅޭތަން ވެސް ދެކޭނަމެވެ.
ދެއިންތިހާބު އެކުގައި ބޭއްވުމެއް މިވަގުތަކު ގާސިމަކަށް ގޯހެއް ނުވާނެއެވެ. މުއިއްޒު ބޭނުންކޮށްގެން ގާސިމު ދައުލަތުން ލޫޓްވާލަން އަދިވެސް ބައިވަރު އެބައޮތެވެ. މުއިއްޒު ރުއްސުމުގެ ބޭނުން ގާސިމަށް މިހާރު ބޮޑުވާނެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަރާބުކޮށް ގައުމު ހަލާކު ކުރުމުގެ މުގުލުގައި ގާސިމް ނެތް އިރެއް ނުދެއެވެ. އެހެން ކަމުން ދެ އިންތިހާބު އެކުގައި ބޭއްވުން ހަލާލުކުރަން ގާސިމެއް ކަމަކު ހަމަ ދައްކާނެ ކަމެއް ނެތެވެ.




