ޕީޖީ ޝަމީމަށް ހެދިހެން ފަނޑިޔާރު ސުއޫދަކަށް ނުހެދޭނެ!

ޕީޖީ ޝަމީމަށް ހެދިހެން ފަނޑިޔާރު ސުއޫދަކަށް ނުހެދޭނެ!

ކުރީގެ ޕްރިސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ މައްޗަށް އިތުބާރުނެތްކަމަށް ބުނެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނެވެ. ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ހުށަހެލި ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަން ފެށުމުން ރައީސުލްޖުމްހޫރިއްޔާއަށް ޕީޖީ ޝަމީމް އިސްތިއުފާގެ ސިޓީ ފޮނުއްވިއެވެ. ޝަމީމް އިސްތިއުފާ ސިޓީ ފޮނުއްވީ އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމުގެ މާކުރިންނެވެ. 

މަގާމުން އިސްތިއުފާ ދިނުމަށް ޕީޖީ ޝަމީމް ރައީސަށް ހުށަހެޅި ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓުނެގުމާ ހަމައަށްވެސް ޕީޖީ ޝަމީމްމުގެ އިސްތިއުފާގެ ސިޓީ ރައީސަށް ލިބުނު ކަމަކަށް ނުހެދިއެވެ. ރައީސް މުއިއްޒުގެ ހަސަދަވެރިކަމާއި ހުންނަ ތައައްސަބެއްގެ ބޮޑުކަމުން އަލްއުސްތާޒު ހުސައިން ޝަމީމަކީ އިސްތުފާ ދެއްވި ޕީޖިއެއްގެ ގޮތުގައި ރާއްޖޭގެ ގާނޫނީ ހަޔާތުގެ ތާރީހުގައި ލިޔެވޭކަށް މުއިއްޒު ބޭނުމެއް ނުވިއެވެ. މުއިއްޒު ބޭނުންވީ އަލްއުސްތާޒު ހުސައިން ޝަމީމަކީ އިތުބާރު ނެތިގެން ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރި މީހެއްގެ ގޮތުގައި ލިޔެވޭށެވެ. 

ވެރިކަމުގެ އާރާ ބާރު ބޭނުންކޮށްގެން އަލްއުސްތާޒު ހުސައިން ޝަމީމްގެ ފަތްފުށް ދާއިމީ ހަޑިއަކުން އެވަނީ ހަޑިކޮށްލާފައެވެ. އެކަމުގެ ސަބަބުން އަލްއުސްތާޒު ހުސައިން ޝަމީމުގެ ރެޕިއުޓޭޝަން ހުތުރު ވެގެން ދިޔައީއެވެ. ގާނޫނީ ފަންނުގެ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ރައީސް މުއިއްޒާއި ޕީއެންސީ އަށް ނިސްބަތްވާ މަޖިލީސް މެންބަރުން އަލްއުސްތާޒު ހުސައިން ޝަމީމް އަށް އެވަނީ ދީފައެވެ. 

އުސްތާޒް ޝަމީމަށް ދިން ކެހި ފަނޑިޔާރު ހުސްނުއްސުއޫދަށް ދެވިދާނެ ކަމަށް މުއިއްޒާއި އުޝާމާއި ގުރައިދޫ ހުސެން ރިޒާ ހީނުކުރާށެވެ. ގާނޫނީ ހަމަތަކުގެ މަތީން މައްސަލާތައް ސްޕްރީމްކޯޓްގައި ފައިސަލާ ކުރެއްވުމުގައި ސާބިތުވެ ހުންނެވީތީ ފަނޑިޔާރު ސުއޫދު ސްޕްރީމް ކޯޓުން ބޭރުކޮށްލަން ހުއްޓާނުލާ މުއިއްޒު މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ. ރަނގަޅު ދަނޑިވަޅެއް ބަލަންހުއްޓާ ރައްޔިތުންގެ މަޖިލިސް މުށަށްލާން ޖެހިމަޅި އަމިއްލަ އަތުގައި ބެދޭތަން ފެނިގެން ނެތް މައްސަލައެއް އުފައްދައިގެން ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއް ސަސްޕެންޑްކޮށްގެން މައްސަލަ ބަލާކަމީ ހަގީގަތެކެވެ. 

މުއިއްޒުގެ އަމުރަށް ޖޭއެސްސީގެ ނަމުގައި ގުރައިދޫ ރިޒާ އެވަނީ ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކޮށްގެން ރައްޔިތުން މަޖިލިސް މެދުވެރިކޮށް ތިން ފަނޑިޔާރުން މަގާމުން ވަކިކުރަން މަސައްކަތް ފަށާފައެވެ. ފަނޑިޔާރު ސުއޫދު ފޮނުއްވި އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ނުލިބޭކަމަށް ބުނެ މައްސަލަތައް ބަލާނެކަމަށް ޖޭއެސީން ނޫސްވެރިން ގާތުގައި ބުނީ ފަނޑިޔާރު ސުއޫދާއި އެހެން ފަނޑިޔާރުން ބިރު ގަންނަވަން ކަމަށް ހެއްޔެވެ. 

ރައިސް މުއިއްޒު ފަނޑިޔާރުގެއަށް ނުފޫޒުފޯރުވާ ފަނޑިޔަރުންނަށް ބިރު ދައްކާ ކަމަށް އެ ވިދާޅުވީ ސުއޫދު ފަނޑިޔާރު ކަމުގައި ހުންނަވައެވެ. އިހުތިޖަޖު ކުރުމުގެ ގޮތުން އިސްތިފާ ދެއްވާކަމަށް ވިދާޅުވަނީ ވެސް ފިސާރި ގަޓުހުރެގެންނެވެ. ޕީޖީ ޝަމީމަށް ހެދިހެން އިތުބާރު ނެތިގެން މަޖިލީހުން މަގާމުން ވަކިކުރާ ފަނޑިޔާރަކަށް ހުސްނުއްސުއޫދެއް ނުވާނެއެވެ. ނުވެސް ހެދޭނެއެވެ.