އިޒުރޭލުން ނާންނަ ބަޔަކު ނާންނަނީ ޕާސްޓްޕޯޓް ބޭންކޮށްގެނެއްނޫން.

އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމުގައިވެސް މުއިއްޒު ވަނީފޭލިވެފާ!

އިޒުރޭލުން ނާންނަ ބަޔަކު ނާންނަނީ ޕާސްޓްޕޯޓް ބޭންކޮށްގެނެއްނޫން.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މެމްބަރުން ހޮވީ ނުހަނު އުންމީދާއި އެއްކޮށެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ ނަގާ، ޕީއެންސީ މަޖިލިސް މެކުހަށް ޖަހާލާނެ ކަމަށް ގިނަ ބަޔަކު އުންމީިދުކުރިއެވެ. ވާނީވެސް އެހެންތާއެވެ. ދިވެހި ރާއްޖޭގެ ދުވެލި އަވަސް ކުރުމަށް ގެނެވުނު ސަރުކާރެއް ވިއްްޔާއެވެ.

ޕީއެންސީގެ ބިޔަ ޕީޖީ ގްރޫޕުން މަޖިލިސް ހުވާ ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރިން އައުން މަނާކުރުމާ މެދު އާ މަޖިލީހުން ގެންގުޅޭނެ ސިޔާސަތާމެދު ނޫސްވެރިން ކުރި ސުވާލުތަކަށް ދިން ޖަވާބު ދިޔައީ ބޯ މަތިން ލާފައެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމު ފަލާހު ވިދާޅުވީ ބޭރުގެ ދެ ގައުމެއްގެ ދޭތެރޭ ހިނގާ މައްސަލަތަކެއްގައި، ސަރުކާރުން އެ ކަމުގައި އެންމެ ވިސްނާފައި، އެންމެ ރައްޔިތުންނަށާއި ގައުމަށް ފައިދާ ހުރި ގޮތަކަށް އިރާދަކުރެއްވިއްޔާ ނިންމަން ޖެހޭ ކަންކަން ނިންމާނެ ކަމަށެވެ. މި ޖަވާބާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ޕީއެންސީއަށް އަމާޒުވިއެވެ. މައްސަލައަކީ ދެ ޤައުމެއް ދޭތެރޭ ހިނގާ މައްސަލައެއް ނޫންކަމަށަށް އެއްވާނަކަށް އެންމެން ކިޔައިގަތެވެ.  އެއީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް އެތައް ބަޔަކު ބުނެ އަޑުއުފުލިއެވެ. 

ކިހާރީތި ހެއްޔެވެ. ކުއްލިއަކަށް ފެނުނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވިތަނެވެ. ޖަލްސާއިން ނިންމީ އިޒްރޭލުގެ ޕާސްޕޯޓް ބޭނުންކުރުމަށް ގާނޫނީ ހުރަސްތަކެއް ހުރިތޯ ބަލައި އެހުރަސްތައް ނައްތާލުމަށެވެ. ރައީސްގެ ގަރާރަކުން ކުރެވެން އޮތްކަމެއް ނުކޮށް ދިގުދަންމާލާނެ ގޮތެއް ރޭވީއެވެ. އިޒްރޭލު ޕާސްޕޯޓް ބޭން ކުރާކަށް ވަޒީރުންގެ މަޖިލީހަކުން ނުނިންމައެވެ. 

ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު ރައީސް އޮފީހުން ނެރުނީ މާސިންގާ ދޮގު ހަބަރެކެވެ. ނޫސްތަކަށް މައުލޫމަތުދޭން ފޮނުވި ލިޔުމުގައި އޮތީ " އިސްރާއީލްގެ ޕާސްޕޯޓް ބޭންކުރަން ސަރުކާރުން ނިންމައިފި" ކަމަށެވެ. ދެނަކާ ދެނެއްނެތެވެ. ރާއްޖޭގެ މީޑިއާތަކާއި ދުނިޔޭގެ މީޑިއާގައި އޮތީ ރާއްޖޭން އިޒްރޭލް ޕާސްޕޯޓް ބޭން ކޮށްފިކަމަށެވެ. ކޮންފަދަ ބޮޑު ދޮގެއް ހެއްޔެވެ. ރައީސް އޮފީހުން މިހާވަރަށް އޮޅުވާލާ ދޮގުނުހަދާ ކަން އޮތްގޮތް ސާފުކޮށް ކިޔާދިނުމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. އެބުނާ ގާނޫނީ ގޮންޖެހުންތައް ހައްލުކުރަން ފެންހިފޭ ގޮތަކަށް މަޖިލީހާއެކު އެއްވެސް ކަމެއް ކުރިކަން އެނގޭކަށް ނެތެވެ. 

އިސްލާމްދީން ހިމާޔަތްކުރުމަށް ވައުދުވެގެން ވެރިކަމުގައިހުރި މުއިއްޒުގެ ޕީޖީ ގްރޫޕުގެ ފެންވަރަކީ މިއީއެވެ. މާދަމާ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަންވީމަ މިވެރިންނަށް ވާނެ ގޮތެއް އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. މުޅި ދުނިޔެ އެކަމަކަށް ރޮއެ ހިތާމަކުރާ ކަމެއްގައި ދިވެހި ސަރުކާރުން ތިބެނީ ވާނުވާ ނޭނގިފައެވެ. އިޒްރޭލުގެ ޕާސްޕޯޓު ދުނިޔޭގެ އެތައް ގައުމެއްގައި ބޭން ކުރެވުނު އިރު، "ސައްތައިން ސައްތަ މުސްލިމް ގައުމަކަށް" ޒަޔަނިސްޓުންގެ ޕާސްޕޯޓު ބޭން ނުކުރެވުނެވެ. ކިތަންމެހާވެސް ލަދުވެއްޗެވެ. އެކަމުގައިވެސް އޮތީ އޮޅުވާލުމެވެ. އިޒްރެލު މީހުން އަންނަގޮތަށް ރާއްޖެއަށް އެބައާދެއެވެ. ނާންނަ ބަޔަކު ނަންނަނީ އިޒްރޭލު ސަރުކާރުން ރާއްޖެއަކީ ރައްކާތެރި ތަނެއްނޫން ކަމަށް ކަނޑައަޅާ ރާއްޖެ ނުދިއުމަށް އެތާނގެ މީހުނަށް އިރުޝާދު ދީގެންނެވެ. ރާއްޖޭން ޕާސްޕޯތް ބޭން ކޮށްގެނެއް ނޫނެވެ.