އައްޑުއަށް 2 ޖަނަރޭޓަރ ހޯދީ މުޒާހަރާ ކޮށްގެން

އައްޑުއަށް 2 ޖަނަރޭޓަރ ހޯދީ މުޒާހަރާ ކޮށްގެން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އައްޑޫ ރައްޔިތުންގެ ލޮލުގައި ރައީސް މުއިއްޒު ވަރުގަދަ އަނދުނެއް އެޅުވިއެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކުރިމަތިވެފައިވާ ޒަމާންވީ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލު ހޯދާދޭކަމުގެ ހުވަފެން ދެއްކީއެވެ. އައްޑޫ ސިޓީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމެއްގައި ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްގެން އައްޑޫން ރައްޔިތުންގެ މަޖިލީހުގެ 7 ގޮނޑި ހޯދީއެވެ. 

ކަނިފުށި ކަލޭގެޖެހި ކޮކަޑިއެކޭ އައްޑޫ ކަރަންޓް އަޕްގްރޭޑް ކުރަން ވީ އެއްބަސްވުމެކޭ ތަފާތެއް ނެތެވެ. މުއިއްޒު ގެވެރިކަމަށް ދޮޅުއަހަރު ވެގެން ދާއިރު ކަރަންޓް އަޕްގްރޭޑް ކުރުމުގެ އަސަރެއްވެސް އައްޑުއަކުން ނުފެނެއެވެ. ކަރަންޓަށް ދިމާވާ ކޮންމެ ކަމެއް ކުރީސަރުކާރު ބޮލަށް ކަޑާލައިގެން އައްޑޫ ރައްޔިތުން ގަޅަހެއްދުން ނޫން ކަމެއް މުއިއްޒު ސަރުކާރުން ނުކުރެއެވެ. 

އަޕް ގްރޭޑް ކުރަންކުރަން ތިއްބާ އައްޑޫގައި ކަރަންޓް ކެނޑުމަކީ ބޮޑުގެރި ބޭރަށް ހިންގާހެން ހިނގާކަމަކަށް ވެއްޖެއެވެ. މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރުވެގެން ދާއިރު ކުރީ ސަރުކާރުން އަރައިގަނެ އައްޑޫ ކަރަންޓް މައްސަލައަށް ކުޑަވެސް ހައްލެއް ހޯދާ ނުދެވުނެވެ. އައްޑޫ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރަން ހަވާލުވީ ކުންފުނިވެސް ވީތަނެއް ނޭގެއެވެ. 

ކޮންމެ ގަޑިއަކުން ގަޑިއަކުން ކޮންމެވެސް ސަރަހައްދަކުން ކަރަންޓް ކަނޑާލައިގެން ނޫނީ ނުވާވަރަށް އައްޑޫގެ ކަރަންޓްގެ ހާލަތު ގޯސްވީއެވެ. ކުޑަމިނުން އައްޑޫ ސިޓީއަށް ކަރަންޓް ދެވޭވަރުގެ ކެޕޭސިޓީއެއް އުފެއްދޭވަރު ވީކަމަކަށް ސަރުކާރަކުން ނުހެދިއެވެ. ހަމައެއް ލަމައެއްނެތި ކަރަންޓް ކެނޑުމުގައި ހައްދު ފަހަނައަޅާގޮސް އައްޑޫ އާއްމު ރައްޔިތުންނަށް އާއްމު އުނދަގުލަކަށް ކަރަންޓްކެނޑުންވެގެން ދިޔައީއެވެ. 

ކަރަންޓް ނެތިގެން ގައިން ބޮލުން ތާހިރު ނުވެވޭ ވަރަށް ގޯހުން ގޯހަށް ދިޔައީއެވެ. އަގުބޮޑު އިލެކްޓްރިކް އެތައް އާލަތެއް ހަލާކުވެ ފޫނުބެއްދޭވަރުގެ ގެއްލުން ލިބެން ފެށީއެވެ. އެހެނެއް ކަމަކު މުޒާހަރާ ނުކޮށެއް މުއިއްޒަކަށް އެކަންކަމެއް ނޭނގޭނެއެވެ. އަޑެއް ނީވޭނެއެވެ. މުއިއްޒުގެ މުޅި ވިސްނުމަކީ ދޮގާ ސަޅިބައިސާއިން ކަންކަން ނުކޮށްދީ ހިފެހެއްޓުމެވެ. ކުރާނަން ކޮށްދޭނަމުގެ ހުވަފެން ދައްކާ ކުރީ ސަރުކާރު ބަދުނާމްކޮށްގެން ރައްޔިތުން ޅޮސްއުދޯއްޔަށް ލުމެވެ. 

މުއިއްޒު އުންމީދު ކުރި ގޮތާ ހިލާފަށް ބަސްއަހައިގެން ހިމޭނަކުން އައްޑޫ މީހުން ނުތިއްބެވެ. ހިމޭނުން ނުތިބެވޭ ވަރަށް އައްޑޫ ރައްޔިތުން ކަރަންޓް ވިހަވެގެން މަގަށް ނިކުތީއެވެ. ހައްގު މިންވަރު ހޯދަން މުޒާހަރާ ކުރަން ފެށީއެވެ. މުޒާހަރާކުރީ ސިޓީ ކައުންސިލާއި އާއްމު ރައްޔިތުން އަތުގުޅާ ލައިގެންނެވެ. 

މުޒާހަރާ ކުރަން ފެށުމުން އައްޑޫއަށް ބޭނުންވާ ވަރުގެ ދެ ޖަނަރޭޓަރ ސެޓް ފޮނުވާނުދީ މުއިއްޒަށް ފަރަކު ނުޖެއްސުނެވެ. މާހެޔޮފުޅުކަމުން ކޮށްދިން ކަމަކަށް ހަދަން ކިތަންމެ ވަރަކަށް އުޅުނަސް އައްޑޫއަށް ދެ ޖަނަރޭޓަރ ސެޓް ފޮނުވީ ރައްޔިތުންގެ ޕްރެޝަރ ބޮޑުވެ އެެން ގޮތެއް ނެތިގެންކަން އައްޑޫ ރައްޔިތުންނަށް އެނގެއެވެ. މުއިއްޒު ލައްވާ ކަމެއް ކުރުވޭނީ ރައްޔިތުން މަގަށް ނިކުމެ މުޒާހަރާ ކޮށްގެންނެވެ. އައްޑޫ ރައްޔިތުންގެ ހިއްވަރަށް ސާބަސް ހައްގެވެ.