ދިވެހި ފުޓްބޯޅަ ކުރިއަރާނީ ބޭރުން ފުރުސަތު ހޯދަދީގެން
މޮޅެތި ކުޅުންތެރިން އުފައްދާ އެކަޑަމީތައް އޮތީ ފުރުސަތު ދޭން ތައްޔާރަށް
ޒުވާން އުމުރުގައި ރާއްޖޭގެ ކުޅުންތެރިންނަށް ގައުމުން ބޭރުގައި ތަޖުރިބާތަކެއް ކުރެވިގެން ނޫނީ ރާއްޖޭގެ ފުޅުބޯޅަ ކުރިއަރާނެ ކަމަކަށް މަރުޒޫގް ދެކިވަޑައެއް ނުގަންނަވައެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ތަމްރީން ލިބިފައެއްް ނުވެއެވެ.
އުމުރުން 16 އަހަރާއި 20 އަހަރަ ދެމެދުގެ ކުޅުންތެރިންނަށް ރާއްޖޭ ބޭރުން ކުޅުމުގެ ފުރުސަތު ހޯދާ ދެވިއްޖެ ނަމަ އެކަމުގެ ރަނގަޅު އަސަރު ދިވެހި ފުޓްބޯޅައަށް ކުރާނެ ކަމަށް ވެއެވެ. ކުރި އަރަމުން ދާ ގައުމު ތަކުން ވެސް ބޭރު ގައުމު ތަކަށް ކުޅުންތެރިން ފޮނުވައިގެން އޭގެ ފައިދާ ކުރާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވަމުން މަރޭ ވިދާޅުވީ އެކަން ފާހަގަ ކުރަނީ ރާއްޖޭގައި ތިބި ކޯޗުންގެ ފެންވަރު ދައްވެގެން ނޫން ކަމަށެވެ.
ކުޅުންތެރިންނަށް އެކަށީގެންވާ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް މަރޭ ވިދާޅުވެއެވެ. ރާއްޖޭގައި އާމުކޮށް ކުޅުންތެރިން ކޯޗުންނާއި އެކު ހޭދަ ކުރަނީ ދެ ގަޑިއެއްހާ އިރު ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް އުމުރާ ބަލާއިރު އެކަށީގެންވާ ވަސީލަތާއި މާހައުލެއް ނެތް ކަމަށް މަރޭ ފާހަގަ ކުރައްވައެވެ.
ރާއްޖޭން ބޭރުން ކުޅުންތެރިންނަށް ފުރުސަތު ހޯދާ ދިނުމަކީ ހަރަދާ ފައިސާގެ ގޮތުން ބަލާއިރު މާ އަގުބޮޑު ކަމެއް ކަމަކަށް މަރޭ ދެކެވަޑައެއް ނުގަންނަވައެވެ. ދުނިޔޭގައި މޮޅެތި ކުޅުންތެރިން އުފައްދާ މައްޝޫރު އެކަޑަމީތައް އޮތީ ކުޅުންތެރިންނަށް ފުރުސަތު ދޭން ތައްޔާރަށް ކަމަށް މަރޭ ވިދާޅުވެއެވެ.
ރާއްޖޭގެ ގައުމީ ޓީމަށް ފަހަކަށް އައިސް ރަނގަޅު ނަތީޖާ ތަކެއް ނުހޯދި ދިއުމަކީ މަރޭ އެ ވިދާޅުވާ އެއްޗެއްގެ ތެދުކަން ސާބިތުވާ ކަމެކެވެ. ކުލަބް ލެވަލް ސަރަހައްދީ މުބާރާތް ތަކުން ވެސް ރާއްޖެއަށް ރަނގަޅު ނަތީޖާ އެއް ނުހޯދޭތާ ކިތަންމެ ދުވަހެކެވެ.