މިނިކާ ރާއްޖެ: ދުނިޔޭގެ އެންމެ ބިރުވެރި ރަށް
މީހުން ގޮސްއުޅުން މަނާކޮށްފައިވާ އޮންނަ ރަށެއް
ގިނަ ދަތުރުވެރިންގެ ހުވަފެނަކީ އެކަހެރި ރަށެއްގައި ޓްރޮޕިކަލް ޗުއްޓީއެއް ހޭދަކުރުމެވެ. ހުދު ވެލިގަނޑު އޮންނަ ގޮނޑުދޮށެއްގައި އަރާމުކޮށްލައިގެން، ކޮކްޓެއިލް ބުއިމެއް ހިފައިގެން ސާފު ކަނޑުގެ މަންޒަރު ބަލަން ތިބުމަށް ލޯބި ނުކުރާނީ ކާކުހެއްޔެވެ. މިގޮތުން ގިނަ މީހުންގެ ހިތަށް އަންނަނީ ދިވެހިރާއްޖެއާއި ސީޝެލްސްއާއި މޮރީޝަސް ފަދަ ތަންތަނެވެ.
އެހެން ނަމަވެސް އެފަދަ އެހެން ތަނެއް އިންޑިއާ ކަނޑުގައި އެބައޮތެވެ. އެތާނގެ ގުދުރަތީ ވެށި އޮންނަނީ ބައިނަލް އަގުވާމީ ގޮތުން ރައްކާތެރިކޮށްފައެވެ. އެރަށަކީ މީހުން ގޮސްއުޅުން މަނާކޮށްފައިވާ އޮންނަ ރަށެކެވެ. އެހެން ކަމުން އެތަނަށް ދިއުމަށް ރިސްކު ނަގާކަށް މީހުނެއް ނޫޅެއެވެ. އެރަށަކީ ނޯތު ސެންޓިނެލް އައިލެންޑްއެވެ. އެހެން ނޫނަސް ނޯތު ސެންޓިނެލް އައިލެންޑަށް ދިއުމަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ.
ޑްރޯން ފޮޓޯ: ނޯތު ސެންޓިނެލް އައިލެންޑުގެ ރަށްވެހިން
އަންޑަމާންގެ 572 ޖަޒީރާގެ ތެރެއިން އެއް ޖަޒީރާ ކަމުގައިވާ ނޯތު ސެންޓިނެލް އައިލެންޑުގައި ދިރިއުޅޭނީ ވަރަށް މަދުބައެކެވެ. އެރަށުގެ އާބާދީއަކީ ކިހާވަރެއް ކަމެއްވެސް ޔަގީންކަމާއެކު އެނގޭނެ ގޮތެއް ނޯވެއެވެ. އެރަށުގައި އުޅެނީ އެރަށުގެ އަސްލު ރައްވެހިން އެކަންޏެވެ. ސެންޓިނެލީސް ގަބީލާގެ މީހުން ނޫން ބަޔަކަށް ހިދުކޮޅަކަށްވެސް އެރަށުގައި މަޑުކޮށްލުމަކަށް އެމީހުން ފުރުސަތެއް ނުދެއެވެ.
ނޯތު ސެންޓިނެލް އައިލެންޑަކީ އިންޑިއާއިން ރައްކާތެރި ކުރެވިފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅާ މީހުން ދިޔުން މަނާކޮށްފައިވާ ރަށެކެވެ. ނޯތު ސެންޓިނެލް އައިލެންޑް އޮންނަނީ ބަންގާޅު ކަނޑުގައެވެ. ނޯތު ސެންޓިނެލް އައިލެންޑްއާއި އެންމެ ކައިރީގައިވާ ގައުމުތަކަކީ މިޔަންމާ އާއި ތައިލެންޑެވެ. ރަށް ހިންގަނީ އަމިއްލަ އިހުތިޔާރުގައި އެކަހެރިވެފައިވާ ގަބީލާއަކުންނެވެ. އެމީހުންނަކީ އެމީހުންގެ ސަރަޙައްދަށް ވަންނަ މީހުން އަނިޔާވެރިކަމާއެކު މަރާލުމަށް މަޝްހޫރު ބައެކެވެ. އެހެންކަމުން، މި ރަށުގެ ވަށައިގެން 5 ނޯޓިކަލް މޭލު (9.3 ކިލޯމީޓަރު) ގެ އެތެރެއަކީ މީހުން ވަނުން މަނާ ސަރަހައްދެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ދުނިޔޭގެ އެންމެ ނުރައްކާތެރި ގަބީލާ ކަމުގެ ލަގަބު ދެވިފައިވާ ސެންޓިނެލީޒުން މިތާނގައި ދިރިއުޅެމުން އަންނަތާ 60 ހާސް އަހަރު ވެއްޖެ ކަމަށް ލަފާ ކުރެވެއެވެ. ހޯދާބަލާ ބައެއް މާހިރުން އެކިދުވަސްވަރު އެތަނަށް ދިއުމަށް މަސައްކަތްކޮށްފައިވެއެވެ. ވަރަށް މަދު ބަޔަކު އަހަރުތަކެއް ވަންދެން މި މަނާ ސަރަޙައްދު ހުރަސްކޮށްފައި ވެސް ވެއެވެ. ގިނަ ފަހަރު އޭގެ ނަތީޖާއަކަށްވެފައިވަނީ މަރެވެ.
އެންމެ ފަހުން އެ ރަށަށް ގާނޫނާ ހިލާފަށް ދަތުރެއް ކުރި މީހަކީ ކްރިސްޓިއަން ދީނަށް ގޮވާލުމުގައި އުޅުނު އެމެރިކާގެ މީހެއް ކަމުގައިވާ ޖޯން އެލަން ޗައު (26އ.) އެވެ. އެއީ 2018 ވަނަ އަހަރުއެވެ. މިޝަނަރީއަކުން ފޮނުވި ކްރިސްޓިއަން ވާއިޒު ރާވާފައިވަނީ ސެންޓިނެލީޒުންނާއެކު ދިރިއުޅެ އެމީހުންނަށް ކްރިސްޓިއަން ދީނަށް ގޮވާލުމަށެވެ. އެމީހުންގެ ބަހަކީ ބޭރުގެ އެއްވެސް މީހަކަށް ނޭނގޭ ގަބީލީ އަމިއްލަ ބަހަކަށްވުމާއެކު އެމީހުންނަށް އިނގިރޭސި ބަސް އެނގުމަކީ ވަރަށް ދުރު ކަމެކެވެ. އެހެން ނަމަވެސް 26 އަހަރުގެ ޖޯން އެ ރަށަށް އެކި ފަހަރު މަތިން ޒިޔާރަތް ކޮށްފައިވެއެވެ.
ސެންޓިނެލް އަށް ދިޔުމަށް އޭނާ ދަނީ އަންޑަމާންގެ ވެރިރަށް ކަމުގައިވާ ޕޯޓް ބްލެއަރއަށެވެ. ފަތުރުވެރިއެއްގެ ވީޒާގައި ފަތުރުވެރިއެއްގެ ގޮތުގައެވެ. އެގޮތަށް އެރަށަށް ޒިޔާރަތް ކުރުމަށްފަހު އެތާނގެ މަސްވެރިންނަށް 400 ޑޮލަރު (301 ޕައުންޑް) ދީގެން ގާނޫނާއި ހިލާފަށް ނޯތު ސެންޓިނެލްއަށް ގެންގޮސްދޭން އެދިގެން އެ ރަށަށް ދަނީއެވެ.
އެކިފަހަރު ޖޯން އެ ރަށަށް އަރާ އެ ގަބީލާގެ މީހުންނަށް ހަދިޔާ ހުށަހަޅައި، އެމީހުންނާ މުއާމަލާތް ކުރަން މަސައްކަތްކުރި ނަމަވެސް އަދާވާތްތެރި ރައްދެއް ލިބުމާއި ގުޅިގެން އެނބުރި ދެއެވެ. އޭނާ ލިޔެފައިވާ ޑައިރީއެއްގައިވާ ގޮތުން، އޭނާ އެރަށަށް ދިޔަ ފަހަރެއްގައި ކުޑަކުއްޖަކު ލޮންސިއެއްގެ ތޫނު ކޮޅުން އޭނާ ހިފައިގެން ހުރި ބައިބަލްގައި ޖެހިއެވެ.
އެންމެ ފަހުން ޖޯން އެ ރަށަށް ކުރި ދަތުރުގައި އެރަށަށް އެރުމަށް ދަތުރުކުރި އޮޑިން ފޭބީ ރަށުގެ އައްސޭރިއާ 700 މީޓަރު ދުރަށެވެ. ގޮވައިގެންދިޔަ މަސްވެރިންގެ ބަހާ ދެކޮޅަށް ޖޯން ކަނޑަށް ފޭބީ ފެނަށް ނުފޭދޭ ވައްތަރުގެ ބައިބަލްއެއް ހިފައިގެންނެވެ. ކަނޑަށް ފޭބުމަށްފަހު ގެންދިޔަ ކެނޯއެއްގައި އައްސޭރިއާ ދިމާއަށް ދަތުރު ކުރިއެވެ. އެއީ އޭނާ އަނބުރާ ނައި ދަތުރެވެ.
އަންޑަމަންގެ މަސްވެރިން ބުނާ ގޮތުގައި އެ ގަބީލާގެ މީހުން އޭނާގެ ހަށިގަނޑު ދަމަމުން ގެންގޮސް ރަށުގެ އައްސޭރީގައި ވަޅުލިތަން އެ މަސްވެރިންނަށް ފެނުނެވެ. އިންޑިއާގެ އިދާރާތަކުން މަސައްކަތްކުރި ނަމަވެސް ޖޯންގެ ހަށިގަނޑު ލިބިފައެއް ނުވެއެވެ. ޖޯން ހޯދުމަށް އެ ރަށަށް ދިޔަ ތަހުގީގު ޓީމަށް ވެސް އެ ރަށު މީހުންގެ ފަރާތުން ނުރައްކާތެރި ކަންތައްތަކާއި ކުރިމަތިވެ ތަހުގީގުކުރުން ޖެހުނީ ހުއްޓާލާށެވެ. އެހެން ނަމަވެސް ޖޯންއަށް އެ ރަށަށް ދެވޭގޮތް ހަދައިދިން އަންޑަމަންގެ 07 މަސްވެރިން އެ މައްސަލައިގައި ހައްޔަރު ކުރިއެވެ.
ނޯޓް: މި ލިޔުމުގައި ބުނެފައިވާ ނޯތު ސެންޓިނެލް އައިލެންޑްއަކީ އެވެލާ ޒަމާނުއްސުރެ ދިވެހިން ކިޔާއުޅޭ އަންޒަމާނުކަރަ (އަންޑަމަން އައިލެންޑްސް)ގެ މިނިކާރާއްޖެ ކަމުގައި ބެލެވެއެވެ.