މަސްކަރާ ބޭނުންކުރެވޭ ގޮތުން އުމުރަށްވުރެ ދޮށިކަމަށް ދައްކުވައިދޭ
ސިފައަށް އަންނަ ބަދަލުތަކާ އެއްގޮތަށް މޭކަޕް ކުރާ އުކުޅުތަކަށް ބަދަލު ގެންނަންޖެހޭ
މަސްކަރާއަކީ ރީތިވުމަށް ބޭނުންކުރާ އެންމެ ފަސޭހަ އެއް ވަސީލަތެވެ. އެ ބޭނުންކޮށްލުމުން، ލޮލަށް ތާޒާކަން ލިބި، ރަނގަޅަށް ނިދި ހަމަކޮށްލައިގެން ހުރި ފަދަ އުޖާލާ ސިފައެއް ގެނެސްދެއެވެ. ނަމަވެސް، މި ފުރިހަމަކޮށްލުމަކީ ބައެއް ފަހަރު މުޅި މޭކަޕް ހަލާކުކޮށްލާ ކަމަކަށްވެސް ވެދެއެވެ.
މަސްކަރާ ބޭނުންކުރުމަކީ ހީވާހާ ފަސޭހަ ކަމެއް ނޫނެވެ. އޭގައި ހެދޭ ކުދިކުދި ގޯސްތަކުގެ ސަބަބުން މީހާގެ ސިފައަށް ނޭދެވޭ ބަދަލުތަކެއް އަތުވެދާނެއެވެ. ގިނަ ފަހަރަށް އަހަރެމެން މަސްކަރާ ޖަހަނީ ކުޑައިރުއްސުރެ އާދަވެފައިވާ ގޮތަށެވެ. ނަމަވެސް އުމުރުން ދުވަސްވަމުންދާ ވަރަކަށް، ސިފައަށް އަންނަ ބަދަލުތަކާ އެއްގޮތަށް މޭކަޕް ކުރާ އުކުޅުތަކަށްވެސް ބަދަލު ގެންނަންޖެހެއެވެ.
ސެލެބްރިޓީ މޭކަޕް އާޓިސްޓް ކެރޮލައިން ހެނާންޑޭޒް މިވަނީ މަސްކަރާ ބޭނުންކުރުމުގައި ހެދޭ އާންމު ގޯސްތަކާއި، އެކަންކަން ރަނގަޅުކުރާނެ ގޮތްތައް ހިއްސާކޮށްފައެވެ.
- އެސްފިޔަ ކާލް (ލަންބާލުން) ނުކުރުން
މަސްކަރާ ޖެހުމުގެ ކުރިން އެންމެ މުހިންމު ފިޔަވަޅަކީ އެސްފިޔަ ކާލްކުރުމެވެ. މިއީ ގިނަ ބަޔަކަށް ދޫކޮށްލެވޭ ކަމެކެވެ. އެސްފިޔަ ކާލްކުރުމުން ލޯ ބޮޑަށް ހުޅުވިފައި ހުރި ކަމަށް ދައްކުވައިދީ، ވަރުބަލިކަން ފިލުވައިދެއެވެ. ހެނާންޑޭޒް ލަފާދޭ ގޮތުގައި، އެސްފިޔައިގެ ބުޑުން ފަށައިގެން ފަރުވާތެރިކަމާއެކު ކާލްކޮށްލުމުން، މަސްކަރާ ނުޖަހާއިރުވެސް ލޮލަށް ޒުވާންކަމާއި ތާޒާކަން ގެނެސްދެއެވެ.
- ގަނޑުވެފައި ހުންނަ ގޮތަށް މަސްކަރާ ޖެހުން
ގިނައިން މަސްކަރާ ޖެހުމަކީ އެސްފިޔަ ފުރިހަމަވާނެ ކަމެއް ކަމަށް ހީވިޔަސް، މިއީ ހެދޭ ގޯހެކެވެ. އުމުރުން ދުވަސްވާ ވަރަކަށް އެސްފިޔަތައް ތުނިވެއެވެ. އެހެންކަމުން، ގިނަ އަދަދަކަށް މަސްކަރާ ޖެހުމުން އެސްފިޔަތައް ބަރުވެ، ތަތްވެ، ލޯ ކުޑަކަމަށް ދައްކުވައިދެއެވެ. މީގެ އިތުރުން، ލޯ ކައިރީގައި ހުންނަ ރޫތައް ބޮޑަށް ފާހަގަވާން މެދުވެރިވެއެވެ. މަޝްހޫރު މޭކަޕް އާޓިސްޓް ވޭން ގޮސް ލަފާދެނީ، މަޑުމަޑުން މައްޗަށް ފިރުމާލާ ގޮތަށް، އެސްފިޔަތައް ވަކިވަކިން ހުންނާނެހެން މަސްކަރާ ޖެހުމަށެވެ.
- މާ ގިނަ ދުވަސްވީ މަސްކަރާ ބޭނުންކުރުން
މަސްކަރާ ބޭނުންކުރަން ފަށާތާ ތިން މަސްވުމުން ބަދަލުކުރަން ޖެހެއެވެ. މިއީ ސިއްހީ ގޮތުންނާއި ރީތިވުމުގެ ގޮތުންވެސް މުހިންމު ކަމެކެވެ. މާ ގިނަ ދުވަސްވުމުން އޭގައި ޖަރާސީމު އުފެދި ލޮލަށް ބަލިތައް ޖެހުމުގެ ފުރުސަތު އޮވެއެވެ. އަދި މަސްކަރާ ހިކުމުގެ ސަބަބުން އެސްފިޔައިގައި ރީތިކޮށް ހަރެއް ނުލާނެއެވެ. އެހެންކަމުން، ކޮންމެ ތިން މަހަކުން އައު މަސްކަރާއެއް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.
- މާ ބޯކޮށް މަސްކަރާ ޖެހުން
ލޯ ކައިރި ކަޅުވެފައި ހުންނަ ނަމަ، މާ ގިނައިން ނުވަތަ ބޯކޮށް މަސްކަރާ ޖެހުމުން އެކަން އިތުރަށް ފާހަގަވެއެވެ. އަދި ލޯ ކައިރީގައި ހުންނަ ދުޅަކަމާއި ރޫތައްވެސް ބޮޑަށް ފާޅުވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ މަސްކަރާގެ އެންމެ ފަށަލައެއް ލުމަށްފަހު، އެސްފިޔަތައް ރީތިކޮށް ފުނާ އަޅާލައި، ގުދުރަތީ ސިފައެއްގައި ބެހެއްޓުމެވެ.
- މާ ގަދަ ކުލައެއް ބޭނުންކުރުން
ގިނަ މީހުން ބޭނުންކުރަނީ "ޖެޓް ބްލެކް" ނުވަތަ އެންމެ ގަދަ ކަޅު ކުލައެވެ. ނަމަވެސް، މިއީ ބައެއް ފަހަރު ލޮލުގެ ވަށައިގެން ހުންނަ އަނދިރިކަން ބޮޑަށް ދައްކުވައިދޭ ކަމެކެވެ. މީގެ ބަދަލުގައި ގަދަ މުށި ކުލައެއް ބޭނުންކުރުމުން، ލޮލަށް ބޭނުންވާ ފުރިހަމަކަން ލިބުމާއެކު، މޫނުމަތިން މަޑުމޮޅި އަދި ޒުވާން ސިފައެއް ފެންނާނެއެވެ.
މަސްކަރާ ބޭނުންކުރުމުގައި މަދު މިންވަރަކަށް، ސާފުތާހިރުކަމާއެކު، އަދި ރަނގަޅު އުކުޅުތައް ބޭނުންކުރުމުން މޫނުމައްޗަށް އުޖާލާކަމާއި ޒުވާންކަން ގެނެސްދޭނެއެވެ.


