މާލީ ފުދުންތެރިކަމާ ސިއްހަތާ ހުރިގުޅުން
މާލީ ފުދުންތެރިކަމަކީ ކޮބާ!
މާލީ ފުދުންތެރިކަމަކީ މިހާރު އަދި ކުރިއަށް އޮތްތަނަށް ވެސް ލިބޭ އާމުދަނީއިން ދިރިއުޅުމުގެ މައިގަޑު ކަންކަން ފުދައިގެން ދިރިއުޅެވޭނެ ހާލަތުގައި ހުރުމެވެ. ދިރިއުޅުމުގެ ފުރިހަމަ ހިތް ހަމަޖެހުމާއި އުފާތައް ހާސިލް ކުރުމުގައި ފައިސާގެ ދަތިކަމުގެ ނުތަނަވަސްކަން ނެތުމެވެ.
ތިމާ އަދި ކިތަންމެ މާލީ ޕްލޭނެއް ކޮއްފައި އޮތަސް އަދި އެ ޕްލޭނުގައި މަސައްކަތް ކުރިއަސް ހަގީގަތަކީ ދިރިއުޅުމުގެ ހާލަތު މެދުވެރިކުރާ ގޮތަކުން މާލީ ދަތިތަކާ ދިމާވެދާނެ އެތައް ސަބަބުތަކެއް ހުރެދާނެއެވެ. މިސާލަކަށް ސިއްހީ ކުއްލި ހަރަދުތަކާއި ދަރިން ނުވަތަ ތިމާގެ ކިޔެވުމާ ގުޅުންހުރި ހަރަދުތަކާއި ލޯނު ދެކުން ފަދަ ކަންކަން ހިމެނެއެވެ.
މާލީ ދުޅަހެޔޮކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރަނީ ކިހިނެއް؟
ނަފްސާނީ ދުޅަހެޔޮކަމާއި މާލީ ދުޅަހެޔޮކަމާ އޮންނަނީ ގުޅިލާމެހިފައެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި މާލީ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ސްޓްރެސް އަކީ ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާ ކަމެކެވެ. ގިނަ ބަޔަކަށް އެންމެ ބޮޑަށް ސްޓްރެސް ކުރިމަތި ވަނީ މާލީ ދަތިތަކުގެ ސަބަބުންނެވެ. އާއިލީ، ސިޔާސީ އަދި މަސައްކަތުގެ ސްޓްރެސް އަށް ވުރެވެސް މާލީ ސްޓްރެސް މާބޮޑެވެ. މާލީ ނުތަނަވަސް ކަމުގެ ސަބަބުން ކަންބޮޑުވެ، މާޔޫސްވެ، ހާސްކަން އުފެދެއެވެ.
ޒަރޫރީ ބޭނުންތައް ނުފުދޭނަމަ މި ކަމުގެ ސަބަބުން ނަފްސާނީ ބަލިތަކުން އަރައިގަންނަން އިތުރަށް އުނދަގޫވެއެވެ. ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ނުލިބި، އެހީތެރިކަން ހޯދުމަކީ އުނދަގޫ ކަމެކެވެ.
މާލީ ދުޅަހެޔޮކަމުގެ ސަބަބުން ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރަނީ ކިހިނެއް؟
މާލީ ގޮތުން ނުތަނަވަސްކަން ބޮޑުނަމަ އެކަމުގެ އަސަރު ޖިސްމާނީ ދުޅަހެޔޮ ކަމަށް ކުރެއެވެެ. މި ގޮތުން ކުރިމަތި ވެދާނެ ބައެއް މައްސަލަ ތަކުގެ ތެރޭގައި:
· ބޮލުގައި ރިއްސުން ނުވަތަ މައިގްރެއިން
· ދިފާއީ ނިޒާމު ބަލިކަށިވުން
· ލޭގެ ޕްރެޝަރު މައްޗަށް ދިއުން
· ހަޖަމު ކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް
· ހިތުގެ މައްސަލަތައް
· ނިދުމުގެ މައްސަލަ
އަދި މީގެ އިތުރުން ތަޖުރިބާކާރުން ފާހަގަ ކުރާގޮތުގައި ސިއްހީ މައްސަލަތައް ޖެހުމުގެ ފުރުސަތު ދެގުނައަށް ބޮޑުވެއެވެ. ހަމަ އެހެންމެ މި ކަމުން ދުރުވުމުގެ ނިޔަތުގައި ބައެއް މީހުން މާގިނައިން ކެއުމާއި މަސްތުވާ ތަކެތި ބޭނުންކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަ ތަކަށް އަހުލުވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަތުން ދާ ފައިސާ އިތުރުވެ މާލީހާލަތު ދަށަށް ދެއެވެ. އަދި ސިއްހަތަށް މީގެ ނޭދެވޭ އަސަރުކުރެއެވެ.
މާލީ ދުޅަހެޔޮކަން ރަނގަޅު ކުރާނީ ކިހިނެއް ހެއްޔެވެ؟
ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރަނގަޅުވާނީ މާލީ ދުޅަހެޔޮކަން ވަރުގަދަ ވުމުންނެވެ. މާލީ ޙާލަތު ރަނގަޅު ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން މުހިންމެވެ.
މާލީ ގޮތުން ފުދުންތެރި ދިރިއުޅުމަކަށް އެންމެ ބޭނުންތެރި އެއް ކަމަކީ ފައިސާގެންގުޅެން އިގުމެވެ. މީގެ މާނައަކީ ލިބޭ އާމުދަނީއިން ހަރަދު ބަރަދު ދެކޮޅުޖައްސަން ދަސްކުރުމެވެ. މިގޮތުން ބަޖެޓެއް ހަދާށެވެ. މި ބަޖެޓުގައި ހަގީގަތުގައި ކުރަންޖެހޭ ހަރަދުތައް ކަނޑަ އަޅާށެވެ. އަދި ހަރަދު ވާވަރު ބަލައި ރަނގަޅަށް ބަޖެޓް ޓްރެކް ކުރަން ވާނެއެވެ. ކޮންމެހެން ކުރަން ޖެހެނީ ކޮން ހަރަދު ތަކެއްތޯއާއި ނުކޮށް ދޫކޮއްލެވެން ހުރީ ކޮން ހަރަދު ތަކެއްކަން ނިންމަން ވާނެއެވެ. އަދި ލިބޭ އާމުދަނީ ހަމައެކަނި ހަރަދު ކުރާ އިއްޗަކަށް ނަހަދާ އެއިން އިންވެސްޓްކޮށް ފަހަށް ރައްކާ ކުރާށެވެ.
އެހީ ހޯދަންޖެހޭ ހާލަތުގައި އެހީއަށް އެދެންޖެހޭ ފަރާތް ތަކުން އެހީއަށް އެދޭށެވެ. މަލީ ދަތިތަކުން އަރައިގަތުމައްޓަކައި ހޯދަން ޖެހޭ އިތުރު ތަމްރީނާ ކުލާސް ތަކުގައި ބައިވެރިވާށެވެ.