މުއިއްޒު ފަލާހަށް: އެތައް ސަތޭކަ މިލިޔަން ނެގިއޭ ބުނުމަކުން ނުފުދޭ

މުއިއްޒު ފަލާހަށް:  އެތައް ސަތޭކަ މިލިޔަން ނެގިއޭ ބުނުމަކުން ނުފުދޭ

ވެރިކަމުގައި ދަޢުލަތުން ވަގަށްނަގާފައިވާ އެތައްސަތޭކަމިލިއަން ރުފިޔާއެއް ހަލާލު ފައިސާއަށް ހެދޭނެކަމަށް ހީނުކުރައްވާށޭ ވިދާޅުވެ ރައީސް ޔާމީނަށް ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހު ދެއްވި ރައްދަށް ރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް އުސްތާޒު އަހުމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ. 

އުސްތާޒު މުއިއްޒު ވިދާޅުވަނީ އެތައް ސަތޭކަ މިލިޔަން ރުފިޔާއަށް ހިޔާނަތްތެރި ވިކަމަށް ޕީއެންސީ ޕީޖީ ލީޑަރ ފަލާހު ވިދާޅުވުމަކުން ނުފުދޭނެ ކަމަށެވެ. މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އެ މައްސަލައިގައި ފަލާހު ކުރައްވާނީ ކީއްތޯ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ސުވާލު އުފެއްދެވިއެވެ. 

އުސްތާޒު މުއިއްޒު ވިދާޅުވީ ވަރަށް ބޮޑު ތެދެކެވެ. ރައީސް ޔާމީނު ވެރިކަމުގައި ދައުލަތަށް އެވަރުގެ ބޮޑު ގެއްލުމެއް ދީފައިވާކަން އެނގިތިބެ މައްސަލަތައް ނުބަލާ ފަލާހުމެން މިހާރު ތިޔަ ތިއްބަވަނީ ކީއްވެފައި ހެއްޔެވެ. ރައީސް ޔާމިނު ވެރިކަމުގެ މައްސަލަތައް ރަނގަޅަށް ބަލައިފިއްޔާ ޔާމިނަށްވުރެ ކުރިން ޖަލުގެ ތޭރިތަކުގެ ފަހަތައް ފަލާހުމެނަށް ވެދެވަޑައިގަންނަން ޖެހިވަޑައިގެންފާނެ ކަމަށް ބިރުން ހެއްޔެވެ.

ރައީސް ޔާމީނު ވެރިކަމުގައި އެ ހުރިހާ ޖަރީމާއެއް ހިނގާ ދިޔައިރު ފަލާހުމެން ތިއްބެވީ ޔާމީނު އަރިހުގައި އެ ހުރިހާ ކަމެއް ހަލާލު ކޮށްގެންނެވެ. އޭރު އެއިން އެއްވެސް ކަމެއް ނުފެންނަ ވަރަށް ފަލާހު ހުންނެވީ ކަނުވެ ބީރު މަންމަން ވެފައެވެ. 

ވެރިކަމުގައި ޔާމީނު ހުންނެވިއިރު ފަހަތްޕުޅުގައި މުގޯލި އަޅަން ހުންނެވިއިރު އެ ވަރެއް ނެތެވެ. އާރާއި ބާރުގައި ތިބެ ބައިވެރިވެގެން ހެއްދެވިހާ ފަސާދައަކާއި ކޮރަޕްޝަނެއް ހިންގީއެވެ. ޔާމީނުގެ ބާރުކެނޑުމުން ޑރ.މުއިއްޒު އަރިހުގައި ގަދަ ފަޅިއަށް އަރާ ރަތްމަހަށް ނުގޮވާހާ އެއްޗެހި ގޮވާއިރު އެ ހުރިހާ ޖަރިމާއެއް ހިންގީ ތިމާވެސް ބައިވެރިވެގެންކަން ހަނދުމައެއް ނެތެވެ. 

ހިތްވަރު ހުރިއްޔާ ނިކަން ރަނގަޅަށް ޔާމީނުގެ ވެރިކަމުގައި ހިންގިކަމަށް ތިޔަ ވިދާޅުވާ އެތައް ސަތޭކަ މިލިޔަންގެ މައްސަލަތައް ބައްލަވަން ފައްޓަވާ ބައްލަވާށެވެ. ނުކުރޭނެއެވެ. ނުބެލޭނެއެވެ. އިންސާފުވެރި ބެލުމަކުން ބަލައިފިނަ މުއިއްޒު ސަރުކާރު މަތީފަޑީގައި ތިއްބެވި ފަލާހު ކަހަލަ އެތައް ބޭފުޅުން ތިއްބަވަންޖެހޭނީ ޖަލުގައެވެ.