މުއިއްޒަށް ބޮޑުވަނީ ކައުންސިލަރުން ބެންކޮކަށް ދިޔުން

މުއިއްޒަށް ބޮޑުވަނީ ކައުންސިލަރުން ބެންކޮކަށް ދިޔުން

ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ވެރިމީހާ ހުކުރުދުވަހު ރާއްޖެ ވަޑައިގަތެވެ. ރަސްމީ ދަތުރުފުޅެއްގައެވެ. ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސްރީ ނަރަންދުރަ މޯދީ އަރިހުގައި ވަޒީރުންގެ ބޮޑުފައުޖެއް ނުގެންނަވައެވެ. އިންޑިއާ ސަރުކާރުގެ މަތީފެންވަރުގެ މާބޮޑު ޓީމެއް ނުގެންނަވައެވެ. ކޮންމެހެން ދަތުރުގައި ބައިވެރިކުރަންޖެހޭ މަދު އޮފިޝަލުން ކޮޅެއްނޫނީ ދަތުރުގައި ބައިވެރިއެއް ނުކުރައްވައެވެ. 

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ (އޭކޭޑީ) މިހާރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އެއުޅުއްވަނީއެވެ. އަރިހުގައި ވަޒީރުންނާއި ވެރިންގެ ބޮޑު ލަޝްކަރެއް ނެތެވެ. ގިނަ ވަޒީރުންތަކަކާއި ވެރިންގެ ފައުޖެއް އަރިހުގައި ނެތިގެން ކުރައްވަންޖެހޭ ކަމެއް ނުކުރެއްވިގެން ނޫޅުއްވައެވެ. 

މާ ބޮޑު ފައުޖެއް އަރިހުގައި ނެތުމަކުން އެބޭބޭފުޅުންގެ ހައިބަތާއި ޝަރަފަކަށް އުނިކަމެއް ލިބޭކަމަކަށް ނުވެއެވެ. ދެގައުގެ ދެމެދުގައި ދެކެވޭ ވާހަކަތަކާއި އުފެދޭ ގުޅުމަކާއި އެއްބަސްވެވޭ އެއްބަސްވުމަކަށް ހުރަހެއް އެޅެތީއެއް ނޫޅުއްވައެވެ.

އެހެނެއްކަމަކު ރާއްޖޭގެ ކިބުރުވެރި ރައީސް ޑރ. މުއިއްޒުގެ އަމަލުތައް ހުންނަނީ އެހެން ހެއްޔެވެ. މުއިއްޒު ވެރިކަމަށް އެރިފަހުން ރާއްޖޭން ބޭރަށް ކުރި ކޮންމެ ރަސްމީ ދަތުރެއްގައި ވަޒީރުގެ ފައުޖެއް ގެންދެއެވެ. ވަޒީރުން ފެންވަރުގެ އެތައް ބަޔަކާއި އެކިވަރުވަރުގެ ވެރިންގެ އެތައް ބަޔަކު ދަތުރުގައި ބައިވެރި ކުރެއެވެ. ޔޫޢެޢީ ޢާއި ތުރުކީއާއި ޗައިނާއާއި އެމެރިކާއާއި އެސްޓޯނިއާ އާއި އިގިރޭސި ވިލާތަށް މުއިއްޒު ކުރި ދަތުރުތަކަށް އެކަނި ބަލާލިޔަސް ގެންދިޔަ ފައުޖުގެ ބޮޑުކަން ހާމަވާނެއެވެ. އިންޑިއާ ދަތުރާއި މެލޭޝިޔާ ދަުތުރުންވެސް އެހުރީ އެހަގީގަތް ފެންނާށެވެ. 

ބޭރާއި އެތެރޭގެ ދަރަނި އިންތިހާއަށް ބޮޑުވެ ދެންމެ ދެންމެ ބަނގުރޫޓްވެދާނެ ކަމުގެ ބިރުވެރި ކަމުގައި ރާއްޖެ އޮތްކަމެއް މުއިއްޒަކަށް އިހުސާސެއް ނުވެއެވެ. ދައުލަތުގެ ރިކަރަންޓް ހަރަދު ބޮޑުވެ ރައްޔިތުންނަށް ބޭސްވަރުވާއަޢި ކަރަންޓާއި ބޯފެން ފޯރުކޮށް ނުދެވޭ ހިސާބަށް ގައުމު ވެއްޓިފައިވާއިރު ޖީ8 ގެ ގައުމެއްގެ ވެރިއަކަށްވުރެ މުއިއްޒުގެ ހައިބަވެތިކަން ބޮޑުވެ ދައުލަތުން ހަރަދުކުރުމުގައި ގޮތެއް ފޮތެއް ނެތެވެ. 

ވަރުގެކޮޅަށް ހޭދަކޮށްގެން މުއިއްޒާއި އޭނާގެ އައުވާނުން ދުނިޔެބަލައިލަން ދައުލަތް ނޮޅާ ހުސްކުރިޔަސް އެއްޔަކީ ބޭކާރު ހަރަދަކަށް އިސްރާފަކަށް ނުވެއެވެ. ބޭކާރު ހަރަދަށާއި އިސްރާފަށް ވަނީ ކައުންސިލަރުން ތަޖުރިބާ ދަތުރުގައި ބެންކޮކަށް ދިޔުމެވެ.