މަންޑޭއަށްވުރެ ޔާމީނާ މޯދީ ދެއްކި މުއިއްޒު މާނުބައި

މުއިއްޒު ވެރިކަން ޓަކައިގަތުމެކޭ މަންޑޭ ފްލެޓް ދައްކައިގެން ބައެއްގެ ފައިސާ ތަކެއް ޓަކައިގަތުމެކޭ އޮތީ ކޮން ތަފާތެއް

މަންޑޭއަށްވުރެ ޔާމީނާ މޯދީ ދެއްކި މުއިއްޒު މާނުބައި
  • މަކަރާ ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައިގެން މަންޑޭ ހޯދީ އަގުބޮޑު ދިރިއުޅުމެއް
  • ޔާމީނާއި މޯދީ ދައްކައިގެން މަކަރާ ހީލަތުން މުއިއްޒު ހޯދީ މުޅި ދައުލަތް

ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު މަންޑޭ ވަރުގެ މީހަކު ނެތިގެން މީހުންގަނޑު އުޅުނީ މިދާކަށް ދުވަހުއެވެ. ކާމިޔާބު ޒުވާން ވިޔަފާރިވެރިޔާގެ ގޮތުގައި މަންޑޭއަށް މީހުން އިތުބާރު ކުރީ އިންތިހާއަށެވެ. ހެޔޮކަމުންނެވެ. ކުޅަދާނަ ކަމުންނެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކުން އޭރު މަންޑޭއަށް ޖާގަދިނީ އެވަރެއް ނެތިގެންނެވެ.

ގިނަ ބަޔަކު އުމުރު ދުވަހު ދާ އޮހޮރުވައިގެން ބުރަ މަސައްކަތުން އެއްކުރި ފައިސާކޮޅު މަންޑޭއަށް ދިނީ ފިކުރެއް ހިޔާލެއް ނެތިއެވެ. ނެތް ފައިސާ ބެންކު ތަކުން ލޯނުގެ ގޮތުގައި ހޯދާފައިވެސް މަންޑޭއަށް ދިނީއެވެ. ލަގްޒަރީ އެޕަޓްމަންޓެއްގައި ދިރިއުޅުމުގެ ފޮނި އުންމީދުގައެވެ. 

ވާނީވެސް އެހެންތާއެވެ. ރީތި ގޮތް ގޮތަށް ޑިޒައިންކޮށް ކުރަހާފައިވާ ލަގްޒަރީ އެޕާޓްމެންޓްތައް ހިމެނޭ ކޭ-ޕާރކް ޓަވަރަކީ ފޭކެއް ނޫންވިއްޔާއެވެ. ހުޅުމާލޭން އެކަމަށް ދޫކޮށްފައިވާ ބިމާއި ސަރުކާރާއެކު ކުންފުނިން ވެފައިވާ އެއްބަސްވުމަކީ ވެސް ފޭކެއް ނޫވިއްޔާއެވެ. ކޮންމެ މީހަކާއެކު ވެވުނު އެއްބަސްވުމަކީ، އޭގެ ފަހަތުގައި ކުޑަވެސް ހީލަތްތެރި ކަމެއް މަކަރުވެރި ކަމެއް އޮވެދާނެކަމަށް ހީވެސް ނުވާހާ މޮޅަށް ވެވުނު އެއްބަސްވުމެކެވެ. ކަންކަން ތަރުތީބުވެފާ އެހާމެ ފުރިހަމައެވެ. ވާހަކަ ރީތިވެފާ ކޫރުމެއް ނުހުރެއެވެ. 

އާހިރުގައި ކޭޕާރކް ފްލެޓް ތަކުގެ މުއާމަލާތް ވެގެން ދިޔައީ އަލިފުން ޔާއަށް ވެސް މަކަރާ ހީލަތަށެވެ. އެތައް ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ފޫބެދުމެއް ނެތް ވޭންދެނިވި އަނިޔާ އަކަށެވެ. މަންޑޭގެ ފުށުން ފެނުނު ހެޔޮކަމާއި އުފެއްދި އިތުބާރަކީ އެތައް ބައެއްގެ ދިރިއުޅުން ފޭރިގަތުމަށް ދެއްކި ދަޅައެއް ކަމެއް އޭރަކު އެކަކަށް ވެސް ނޭގުނެވެ. މަންޑޭގެ ޖާދޫގައި ޖެހުނު އެންމެން ހަފުސްވީއެވެ. 

ޑރ. މުއިއްޒާ މަންޑޭ އާއި އޮތީ ވަކީން ކޮން ތަފާތެއް ހެއްޔެވެ. ތަފާތެއް އޮތިއްޔާ އޮތް ތަފާތަކީ މަންޑޭއަށް ވުރެވެސް މަކަރާ ހީލަތުގައި މުއިއްޒު އަރާ ހުރުމެވެ. މަންޑޭގެ އަވާގައި ޖެހުނީ ދުއިސައްތަ ފަންސާހެއްހާ އާއިލާއެވެ. މުއިއްޒުގެ ހީލަތުގައި އެއްލައްކަ ތިރީހަކަށް ހާސް މީހުން ޖެހުމުގެ ނަތީޖާއަކީ މުޅި ދިވެހި ދައުލަތް މުއިއްޒުގެ އަންބޮނޑިއަށް ޖަހާލުމެވެ. 

މަންޑޭ މުއްސަދިކަމާ ފައިސާ ހޯދަން ދެއްކީ ކޭ-ޕާކް ފްލެޓްތަކެވެ. މުއިއްޒު ދައުލަތް ދަވާލަން ދެއްކީ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ފިކުރާއި ނަމާއި ފޮޓޯއާއި ރައީއީސް ޔާމީނަށް ހިތްތަކުގައި އޮތް ލޯތްބައި ހަމްދަރުދީއެވެ. މުއިއްޒު އަމިއްލަ ސަހުސު އޮޅުވާލާ ރައީސް ޔާމީނަށް ވެގެންނެވެ.

މަންޑޭ ފައިސާ ހޯދީ ނެތް ފްލެޓް ގުނަގުނައަށް ހުރިކަމަށް ހަދާ އޮޅުވާލައިގެންނެވެ. މުއިއްޒު ވެރިކަން ޓަކައިގަތީ ނެތް ސިފައިން ތިބިކަމަށް ހަދާ އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ކަމަށް މޯދީ ދައްކައިގެންނެވެ.

ކޯޓުން ކުޅަ ހުކުން ހަރާން ވެގެން ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ދޫކޮށްލަން ބުނި ރައީސް ޔާމީނު އަދިވެސް ހުންނެވީ ބަންދުގައެވެ. ގައުމު އަޅުވެތި ކޮށްގެން ތިބިކަމަށް ވެގެން ފުރަތަމަ ދުވަހު ބާލަން ބުނި އިންޑިއާ ސިފައިން ބޭލީ ކޮށި ރޭޒަރަކުންނެވެ. މޯދީގެ ކުރިމަތީ ބޯ ގުދުކޮށް އިސްއުފުލާލަން ނުކެރޭވަރަށް ކުޑަވެ މޯދީގާތު ސިފައިން ކީއްކުރަން ހެއްޔެވެ. "ސިފަ"އޭވެސް ބުނެލެވޭވަރުގެ ހަކަތައެއް މުއިއްޒުގެ ދުލަކަށް ނުލިބުނެވެ.

ވެރިކަން ހޯދުމަށް މަކަރާ ހީލަތް ހަދައިގެން މުއިއްޒު ވެރިކަން ޓަކައިގަތުމެކޭ މަންޑޭ ފްލެޓް ދައްކައިގެން ބައެއްގެ ފައިސާ ތަކެއް ޓަކައިގަތުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ.