އަމިއްލައަށް ޑައިރެކްޓްކުރާ ގޭ-ފެންޑާ ޝޯތަކުން މުލުވަގު ފޮރުވުން

ކިތަންމެ ވަރަކަށް އެމްޑީޕީ ސަރުކާރަށް ކޮރަޕްޝަނާ ފަސާދައިގެ އިނގިލި ދިއްކުރިޔަސް ޔާމީނަކީ ބޮޑު ވަގެއް ނޫންކަމަކަށް ގިނަ ދިވެހިން ނުދެކޭނެއެވެ. މިޒަމާނުގެ ރާއްޖޭގެ ކޮރަޕްޝަނާއި ފަސާދައިގެ ބައްޕަ ކަމަށް ނުވެއެއް ނުދާނެއެވެ. އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މުލުވަގު ނޫން ކަމަކަށްވެސް ނުވާނެއެވެ.
ޔާމީނާ މެދު އެންމެ ހިތް ހެޔޮ މީހުންވެސް ޔާމީނު ސިފަކުރަނީ ވައްކުރިޔަސް ވެސް ގައުމަށް ކަންތައްތަކެއް ކޮށްދިން މީހެއްގެ ގޮތުގައެވެ. އެކަކުވެސް ޔާމީނު ދައުލަތް ދަވާނުލާ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ޔާމީނު ކުރާ ގިނަ ތުހުމަތަކީ ވެރިކަމުގައި ހުރެގެން ކުރިހާ ވައްކަމާއި ފަސާދައާއި އަނިޔާ ފޮރުވަން ކުޅޭ ޑްރާމާއެވެ.
އަމިއްލައަށް ސްކްރީން ޕްލޭ ލިޔެ އަމިއްލައަށް ޑައިރެކްޓްކުރާ ގޭ-ފެންޑާ ޝޯތަކުގައި ރަކްޝަކް ހެދުނަކަސް ދިވެހިންނަށް ޔާމީނަކީ ކާކުކަމެއް ނޯޅެއެވެ. ގޭ-ފެންޑާ ޝޯތަކުގައި ކުރީސަފު ބަލައިލުމުން ފެންނަ އެކަކީ ނައިބަކަށް ބަހައްޓަން ބޭނުން ނުވެގެން ގަދަކަމުން މަގާމުން ބޭރުކޮށްލި ޖަމީލެވެ. އިތުރަށް ފެންނަނީ ޕޮލިސް ކޮމިޝަނަރ އަކަށްހުރެ އިންޓެލިޖެންސް ރިޕޯޓް ނުދީގެން ދިރުބާކޮޅު އެއްގަމަށް އެހެލި ހޭޅި ހުސޭނުގެ އިތުރަށް ހަތިޔާރު ގުދަނާ ހަވާލުވެ ހުއްޓާ ޖަލުގޮޅިއަށް ވައްޓާލި ޕާޕާ ކަހަލަ ސްޓާރުންނެވެ.
ވައްކަމާއި ފަސާދައިގައި ޔާމީނު ހިނގި މަގާ ކައިރިންވެސް އެހެން ދިވެއްސަކަށް އަދި ނުހިނގެއެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުންނަކީވެސް ޔާމީނުގެ އުފެއްދުމެވެ. މުއިއްޒު ސަރުކާރުން ނަގަހައްޓާ ދަމަހައްޓަމުން އެދަނީވެސް ޔާމީނުގެ ލެގަސީއެވެ. މުއިއްޒު ޖެހިފިތި ބާރުވެގެން އެއުޅެނީވެސް ޔާމީނު ޖެހި ދަންތުރައިގައެވެ. އިންޑިއާ އައުޓާއި ވިއްކާލި ކަނޑުން މުއިއްޒަށް ސަލާމަތް ނުވެވިގެން އުޅެނީ ޔާމީނުގެ ދަންތުރާގައި ބެދިގެންނެވެ.
އަޑަށް ބާރުލާފައި ކިތަންމެ ވަރަކަށް ބުންޏަސް ދައުލަތުން އެންމެ ބޮޑެތި ވައްކަމާއި ހިޔުާނާތް ހިންގާފައިވަނީ ޔާމީނު ވެރިކަމުގައެވެ. އެމްޑީޕީ ވެރިކަމެއްގައެއް ނޫނެވެ. އެހެރަ ކޮރަޕްޓް މުއިއްޒަށްވެސް ޔާމީނު ކުރިވަރުގެ އެންމެ ވައްކަމެއްވެސް އަދި ކުރެވުނު ހެނެއް ހުޔެއްނުވެއެވެ.
ނޭވަޔަކު ދެކޮޅު އެމްޑީޕީއަށް ވައްކަމާއި ހިޔާނާތުގެ ތުހުމަތު އަޅުވާ އަޑުހަރު ކުރަނީ ޔާމީނުކުރި ވައްކަމުގައި މަތިއަޅާ ފޮރުވާ ހަނދާން ނައްޓާލަން ވެގެންނެވެ. މުއިއްޒު ސަރުކާރު ލައްވާ ބޮޑެތި ޖަރީމާ ހިންގުވައިގެން ޔާމީނުގެ އައުވާނުން ބާރުވެރި ކުރުވަން ވެގެންނެވެ.