ޓިކެޓެއް ލިބި ވާދައެއް ކުރެވޭނީ ފައްކާވާ ހުދުމުހުތާރު ވެރިކަން ވެއްޓިގެން!

ޓިކެޓެއް ލިބި ވާދައެއް ކުރެވޭނީ ފައްކާވާ ހުދުމުހުތާރު ވެރިކަން ވެއްޓިގެން!

އަމާޒުން ކައްސާނުލާ އެމްޑީޕީގެ ހުރިހާ ހަކަތައެއް ހުސްކުރަންވީ މުއިއްޒުގެ ހުދު މުހުތާރުކަމުން ރައްޔިތުން ސަލާމަތް ކުރުމަށެވެ. ވަކީން ފަހި އެހެން ދަނޑިވަޅެއް އެކަމަކަށް މިއަށްވުރެ ނެތެވެ. ލީޑަރުން ކުޑަކުދިންހެން ފޫކަހާ ބޮޑާ ހާކަންވީ ވަގުތަކީ މިއެއް ނޫނެވެ. ކާކުކުރީ ކީއްކަން ނޭނގޭ ވަރަށް އެމްޑީޕީ މެންބަރުން ގަމާރެއް ނޫނެވެ. އެކަން އެހަށް ބާއްވާށެވެ.

ހަމަތެދެކެވެ. އެމްޑީޕީގެ ކޮންމެ ކާމިޔާބީއަކީ ވަކި އެކަނި މީހެއްގެ މަސައްކަތެއްނޫނެވެ. އަމްދުން ނިމިގެން ދިޔަ އިންތިހާބުގައި ބޮޑު ބައްޔަކުން މުއިއްޒު ބަލިކޮށްލެވުނީ ވަކިއެކަކު ދެމީހަކު އެކަނިކުރި މަސައްކަތަކުން ނޫނެވެ. އެމްޑީޕީއަކީ ވަކި މީހެއްނޫނެވެ. ވަކި ބައެއްވެސް ނޫނެވެ. މީހަކު ހުރުމަކުން ނެތުމަކުން އެމްޑީޕީ ނެތިގެން ނުދާކަން ތާރީހު ހެކިދެއެވެ. 

އެމްޑީޕީއަށް ނިސްބަތްވީ ސިޔާސީ އެއްވެސް މީހަކަށް އެމްޑީޕީއާއި ނުލާ ސިޔާސީ ދަނޑުގައި ގަދަކޮށް ފައިހަރުކޮށް ލެވޭތީއެއް ނުފެނެއެވެ. ހަމައެހެން ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އެމްޑީޕީއާ ނުލާ ދެމިއެއް ނުއޮންނަކަން ވެސް ވަރަށް ސާފެވެ.

އުފެދުނީއްސުރެ އެއް ފިކުރެއްގެ ގޮތުގައި އެއް ނަމެއްގައި އެއް އަމާޒެއްގައި އެމްޑީޕީ ދެމިއޮތީ ސިޔާތީ ހަކަތަ ހުރުމުންނެވެ. ވާދަވެރި ލީޑަރޝީޕެއް އެމްޑީޕީގައި އޮންނަ އޮތުމަކީ އެމްޑީޕީގައި ސިޔާތީ ހަކަތަ ހުރިކަން ދައްކާދޭ އެންމެ ވަރުގަދަ ހެއްކެވެ. ދެބަސްވުމުގެ ތެރެއިން އެއްބަސްވާން އެނގޭ ތަސައްރަފު ފުދިފައި އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީއަށް ވީތީއެވެ. އުފެދޭ އޮއިވަރުގައި ލީޑަރުން އެތެރެވެ ބޭރުވުމަކީ އެމްޑީޕީގެ ތޮބީއަތެވެ. ކާމިޔާބުގެ ވަގުތުތަކުގައި ކުރި ބޯއްޓަކީ ތިމާކަމަށް ވުމަށް މަސައްކަތް ކުރުމަކީ ލީޑަރުންގެ ލީޑަރޝިޕްގެ ހަރުދަނާކަމެވެ.

ތަސައްރަފު ފުދިފައިވާ ބިޔަބޮޑު ސިޔާސީ ޕާޓީއެއްގެ ތެރޭގައި ހިޔާލުތަފާތުވުން ނެތުމަކީ ފައިނު ވައްޑެ ބުނާހެން އޮޔާދާ ދިރުމެއްނެތް ވިންދެއް ނެތް މުޅަ މަސްގަނޑަކަށް ވުން ފަދަކަމެކެވެ. އެކަކަށްވުރެ އަނެކަކު ކުރިއަރާ ދިއުމަށް މަސައްކަތް ކުރުމަކީ އެމްޑީޕީގައި ދިރުން ހުރިކަމުގެ ރަމްޒެކެވެ. ދުޅަހެޔޮ ވާދަވެރި ސިޔާސީ ޕާޓީީއެއްގެ ގޮތުގައި އެމްޑީޕީ އޮންނަނީ އެތެރޭގެ ތޫނު ހޫނު ވާދަވެރިކަމާއި ދެބަސްވުންތަކާއެކުގައެވެ. 

އެތެރޭގެ ވަރުގަދަ ވާދަވެރިކަން ކިތަންމެ ބޮޑަސް މުއިއްޒުގެ ލެޖިޓެމަސީ ގެއްލިފައިވާ ގައިރު ގާނޫނީ ސަރުކާރުގެ އަތްދަށުން ރައްޔިތުން ސަލާމަތް ކުރުމަށްވުރެ މުހިންމު އެހެން ކަމެއް މިހާރަކު ނެތެވެ. އެކަމަށްޓަކާ ކޮންމެ މީހަކާވެސް އެއްބަސްވެ އަތުގުޅުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ޕާޓީ ޓިކެޓް ލިބިގެން ރިޔާސީ ވާދައެއް ކުރެވޭނީ ފައްކާވަމުން އަންނަ ހުދުމުހުތާރު ވެރިކަން ވެއްޓިގެންނެވެ.