ރާއްޖެޓީވީ ބަންދުކުރުވުން ނޫންކަމެއް ބްރޮޑްކޮމްއަކަށްނެތް؟!

ރާއްޖެޓީވީ ބަންދުކުރުވުން ނޫންކަމެއް ބްރޮޑްކޮމްއަކަށްނެތް؟!

ރައްޔިތުންގެ މަޖިލިސް މުއިއްޒުގެ ރަބަރު ތައްގަޑަކަށް ހެދިއްޖެއެވެ. ފުލުހުންނާއި މިނިވަން މުއައްސަސާ ތަކަކީ މުއިއްޒުގެ ޖަރީމާތައް ގިރިޓީކޮށްދީ ވާދަވެރިން ޖައްސާ ދަންތުރަތަކަކަށް ހެދިއްޖެއެވެ. ފަނޑިޔާރުގެ މުއިއްޒުގެ ގޮނޑިކޮއްކޮ އަކަށް ވެއްޖެއެވެ. ގިނަ މީޑިއާ އަކީ މުއިއްޒު ބޭނުންވާ ކަމެއް ޕްރަމޯޓްކޮށް ހަގީގަތް އޮޅުވާލުމަށް އޮންނަ ހަތިޔާރަކަށް ހަދާނިމެނީއެވެ. 

ޑިމޮކްރަސީގައި ހަތަރުވަނަ ބާރުކަމަށް ބުނާ މީޑިއާތައް ކޮންޓްރޯލްކޮށް ވާދަވެރިންގެ އަޑު ކަނޑުވާލަން ގިނަ މަސައްކަތްތަކެއް އެބަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން މުއިއްޒު ސަރުކާރަށް ފާރަވެރިވެ ފާޑުކިޔާ ކޮންމެ މީޑިއާއެއް އިނދަޖައްސާލުމަށް ކުރާ މަސައްކަތުގައި ގިނަ މީޑިއާތައް އޮތީ ކަނު ބީރު މަންމަން ބަޔަކަށް ހަދާފައެވެ. 

މުއިއްޒު ރާއްޖޭގައި ސަރުކާރުން މައުލޫމާތު ދިނުމެއް ސަރުކާރު ޖަވާބުދާރީ ކުރުވުމެއް ނެތެވެ. ޖަވާބުދާރީ ކުރުވުން އޮންނަނީ މުއިއްޒުގެ ދޯހަޅި ސިޔާސަތަށް ފާޑުކިޔާ މީޑިއާތަކާއި ސޯޝަލް މީޑިއާ އެކައުންޓުތަކެވެ. ބްރޮޑްކޮމުން ފާރަވެރިވެ ރެއާދުވާލު ބަލަމުންދަނީ މުއިއްޒުވެރިކަމަށް ފާޑުކިޔާ ބްރޮޑްކާސްޓް މީޑިއާތަކަށް އެޅޭނެ ފިޔަވަޅެއް އޮތްތޯއެވެ. 

މުއިއްޒު ފައިސާ ދީގެން ހިންގާ ޗެނެލްތަކުން ބައެއްގެ ކަށިހަފާ ކެޔަސް ބްރޮޑްކޮމަށް ހިލަންވާ ކަމަކަށް ނުވެއެވެ. ޕީއެންސީ ހަރުގޭގައި ކޮންމެ އެއްޗެއް ކޮންމެ މީހަކާ ދިމާއަށް ގޮވާ މީޑިއާތަކުން ލައިވްކުރާއިރު ތިބެނީ ލޮލަށް މިރުސް އެޅިފައެވެ. 

މުއިއްޒު ފުލުހުން ރޭނިދި ނުނިދާތިބެގެން ވަގުތީ ގޮތުންނަމަވެސް އެކްސް އިން ހަސަންކުރުސީ ގެއްލުވާ ލެވިއްޖެއެވެ. މުއިއްޒު އަމާޒު ހިފާފައި އެހުރީ ރާއްޖެ ޓީވީއާއި ޗެނަލް13ގެ ޒަމާން ދުއްވާލާށެވެ. ބޮޑެތި ބޮޑެތި ޖޫރިމަނާތައްކޮށް ވަރަކޮށާލުމަށެވެ. އެވަރުން ނުވެއްޖެއްޔާ ރާއްޖެ ޓީވީއާއި ޗެނަލް13 ބަންދު ނުކޮށެއް މުއިއްޒު ލޮލަކަށް ނިންޖެއް ނާންނާނެއެވެ. 

މުއިއްޒަށް ސަނާ ނުކިޔާ ކޮންމެ ނޫސް މަޖައްލާއެއް ހުއްޓުވާލާ ވާދަވެރިންގެ އަޑު ކަނޑުވާލުމަށްވުރެ އިސްކަންދޭ އެހެންކަމެއް މުއިއްޒުގެ މިހާރަކުނެތެވެ. ވިސްލްބްލޯވަރުންނަކަށް ޖާގައެއް ނެތެވެ. މިނިވަން ނޫސްވެރި ކަމަށާއި ހިޔާލުފާޅު ކުރުމަކަށް މުއިއްޒުގެ ރާއްޖޭގައި ހަގީގަތުގައި ފުރުސަތެއް ނެތެވެ.