އާޒިމް މަގުބޫލުކަން ހޯދަނީ އަމަލީ މަސައްކަތާއި ހިދުމަތުން

ސިޔާސީ ވާދަވެރި ކަމުގައި އެކަކަށްވުރެ އަނެކަކު ކުރިއަރާ ދިޔުމަށް މަސައްކަތް ކުރުމަކީ ގޯހެއް ނޫނެވެ. ސިޔާސީ ގޮތުން މީހަކު ކުރިއަރާ ދަނީ މީހުންގެ ލޯބި ހޯދައިގެންނެވެ. އިތުބާރު އުފައްދައިގެންނެވެ. ހިދުމަތްތެރިކަން ސާބިތުކޮށްދީގެންނެވެ.
މާލޭ މޭޔަރ އާދަމް އާޒިމަކީ އަމަލީ މަސައްކަތާއި ހިދުމަތުން މަގުބޫލުކަން އިތުރުކޮށް މީހުންގެ ލޯތްބާއި އިތުބާރު ހޯދަމުންދާ މީހެކެވެ. ހަވާލުވާ ކޮންމެ ކަމެއް ޒިންމާދާރުކަމާއި އަވަސްކަމާއެކު ނަތީޖާ ހާސިލްކޮށްދިނުމުގައި ރާއްޖެދުށް ދެވަނަ އުމަރު ޒާހިރެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސްފިހާރަ ގާއިމުކޮށް ރައްޔިތުންނަށް އެމީހަކު ހުރިތާކުން ބޭސް ލިބޭނެ ގޮތް ހަމަޖައްސާދިން އާރުކާޓީއަކީ އާޒިމެވެ.
ރާއްޖޭގެ އެތައް ރަށެއްގެ ލަފާފުރުން ފަސޭހަކޮށްދީ ބަނދަރުތަކާއި ބޭރު ތޮށިތަކާއި އެއްގަމުތޮށިތައް ޖަހާ ރަށު ބަންދުން ރަށްރަށު މީހުން ނެރެދިނުމުގެ އަމަލީ މަސައްކަތް ކުރި ފަހުލަވާނަކީ އާދަމް އާޒިމެވެ. އެތައް ރަށެއްގެ ރަށްގިރުން ހައްލުކޮށްކޮށް ރަށްރަށް ވެލިން މުއްސަދިކޮށް ރަށްރަށުގެ ރައްޔިތުންނަށް އަމާންވެއްޓެއް އޭނާ އިސްވެހުރެ ހޯދާދިނެވެ. ކިތަންމެ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ކުރު މުއްދަތެއްގައި ބޮޑު ހެޔޮ ބަދަލެއް ރަށްރަށަށް ގެނެސްދިނުމުގައި އާޒިމްގެ މުރާލިކަމާއި ހިއްވަރު ފެނިގެން ދިޔައެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (ޢާރުޓީއެލް) ފައްޓާ ބާރު ސްޕީޑްގައި މުޅި ރާއްޖެ ގުޅުވާލުމުގެ ހިއްވަރުގަދަ ކައްޕިތާނަކީ އާދަމް އާޒިމެވެ. މާލޭގައި ދިރިއުޅޭ މީހުން ދަތުރުގޮސް ހަދާނެ ރަށެއް މާލެ ސަރަހައްދުގައި ނެތުމުން ކުޑަގިރި ހިއްކާ ވުޖޫދުގައި ނެތް ހިތްގައިމު ރަށެއް މާލޭ މީހުނަށް ހަދާދިނުމުގައި އަލިފުން ޔާއަށް ކުރެވުނު ހުރިހާ ކަމެއް ކުރެވުނީ އާދަމް އާޒިމުގެ ހިއްވަރާ ފަންވަރުންނެވެ.
އަނެއްކޮޅުން މިހާރު މާލެ ސިޓީގެ މޭޔަރު ކަމުގައި ހުރެ މާލެ ސާފުކުރުމުގެ މަސައްކަތް ރެޔާއި ދުވާލުކުރިއަށް އެބަގެންދެއެވެ. ގަސް އިންދާ ފެހިކޮށް އެކި އެކި މައިޒާންތައް ތަރައްގީ ކުރަނީއެވެ. ކާނުތައް ސާފުކޮށް ޕަމްޕް ގެނެސް މާލޭގެ ފެންބޮޑުުވާ މައްސަލަ ހައްލުކޮށްދެމުން ދަނީއެވެ. ހުއްޓި ފައިއޮތް އާސަހަރާ މިސްކިތް ނިންމާ ހުޅުވައިފިއެވެ. ކެޓް ޝެލްޓަރ ނިންމާ ހުޅުވައިފިއެވެ.
ދުވަހަކުވެސް އިންޓަރނަލް އޮޑިޓަރެއް ނެތް މާލެ ސިޓީ ކައުންސިލަށް އޮޑިޓަރެއް ނަގާ އިންޓަރނަލް އޮޑިޓް ދަނީ ހަދަމުންނެވެ. އޮޑިޓް އޮފީހުގައި އެދިގެން ފައިނޭންޝަލް އަދި ޕާރފޯރމެންސް އޮޑިޓް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މާލެ ސިޓީ ކައުންސިލް 2015 ގައި އޭރުގެ ސަރުކާރުން ބިއްލޫރި ޖެހިގެއިން ނެރެލުމުން ކައުންސިލް ގެ ޑިޕާޓްމެންޓްތައް ހިނގަމުން އައީ މާލެގެ 9 ތަނެއްގައެވެ. އެހެންކަމުން މިހާރު ކައުންސިލް އެއްތަން ކުރުމުގެ ގޮތުން ކައުންސިލްގެ އާ އޮފީސް އިމާރާތް އެދަނީ ނިންމަމުންނެވެ. މިހާރުވެސް 6 ޑިޕާޓްމެންޓެއް އެއްތަން ކޮށްފިއެވެ.
ހަމަ އެހެންމެ މާލޭގެ 30 އަށް ވުރެ ގިނަ މިސްކިތުގެ މަރާމާތު މަސައްކަތް ކުރިއަށް އެބަދެއެވެ. މިސްކިތްތަކުގެ ފާހާނާތައް އާކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މާލެ ސިޓީގައި މިއަހަރުގެ މިހާތަނަށްވެސް 4000 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.
މިހެން ކިޔާފައި ނުކިޔާނެ ކަމެއްނެތެވެ. ސިޔާސީ ގޮތުން ވާދަވެރިކަމުގައި ޢާދަމް އާޒިމުގެ އޮފު ކަނޑުވާލަން އެތެރެއިން ވިޔަސް ބޭރުންވިޔަސް ކުރެވޭ މަސައްކަތް ވާނީ ބޭކާރެވެ. މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެކަން އާޒިމަށް އެނގެއެވެ. ހިތާމަ ހުރި ކަމަކީ ވާތުން ކަނާތް ބުރިކޮށްލަން އުޅުމެވެ. އަމިއްލަ ހަށިގަނޑުގެ ހަރަކާތްތެރި ގުނަވަނެއް އަމިއްލައަށް ބުރިކޮށްލުމުން ހަކަތަ ހުސްވާނީ އަމިއްލަ ނަފުސްގެކަން ނޭނގުމެވެ.