ހުސްނީމުބާރަކަށް: ނަމްރޫދުގެ ޖައްބާރުކަން ނިންމާލީ މަދިރިއެއް!

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު ހުސްނީ މުބާރަކުގެ ނުބައި ނުލަފާކަން މުއިއްޒަކަށްވުރެ ވަކީން ކުޑައެއް ނޫނެވެ. ހުސްނީ މުބާރަކު ކަހަލަ އިންސާފެއްނެތް މީހަކު ރިޔާސަތު ބަލަހައްޓާ ޖުޑިޝަރީ ކޮމެޓީއަކުން ލިބޭނެ އިންސާފެއް ނުއޮންނާނެއެވެ. އެކަން އިއްޔެ ފެނިގެން އެދިޔައީއެވެ. އެކަމަކު ބުނަންހެއްޔެވެ. ނިމެންވީމާ ނަމްރޫދަށް ވެސް މަދިރިއަކަށްވުރެ ގަދައެއް ނުވެވުނެވެ. އޭނާގެ ޖައްބާރުކަން ނިންމާލީ މަދިރިއެކެވެ.
ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ އާއި އުސްތާޒު މަހާޒު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފިއެވެ. ދެފަނޑިޔާރުންނަށް ދިފާއުގައި ބަސްބުމުގެ ފުރުސަތުނުދިއެވެ. ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ލަފާދިނީ އިޖުރާއީ ހަމަތަކާ ހިލާފަށް ކަމަށް ބުނެބުނެ އޮއްވައެވެ. ޖޭއެސްސީގެ ނިންމުން ހަލާލުކޮށް ޖޫޑިޝަރީ ކޮމެޓީން ގޮތް ނިންމީ އަދުލު އިންސާފުގެ ހުރިހާ ހަމަތަކެއް ބޮލާލާ ޖެހުމަށް ފަހުގައެވެ.
ބައިނަލް އަގުވާމީ ޖަމާއަތްތަކާއި ރާއްޖޭގެ ބާ ކައުންސިލާއި އެތައް ގާނޫނީ ވަކީލުންގެ ގޮވާލުންތަކަށް ވެސް ދިނީ ބީރު ކަންފަތެވެ. ޖޭއެސްސީން އަމަލުކޮށްފައި ވަނީ އިޖުރާއީ އަދާލަތާ އެއްގޮތަށް ނޫންކަމަށް ހެކިތަކާ ގަރީނާތަކާއި ފަނޑިޔާރުންގެ ޝަކުވާތައް ހުއްޓާ ޖުޑީޝަރީ ކޮމެޓީން އެއްވެސް ބެލުމެއް ނެތި ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށް ނިންމީ ބޭއިންސާފުންނެވެ.
ޖުޑިޝަރީ ކޮމެޓީގެ އެ މުޑުދާރު ނިންމުން ހަލާލުކުރަން ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު ދައްކާ ހުއްޖަތް އެއަށްވުރެ މުޑުދާރެވެ. 19 ވަނަ މަޖިލީހުން ސްޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރި ކުރުމާ ހަވާލާދީ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު ހުސްނީ މުބާރަކު ކަނޑައެޅިގެން ހަދަނީ ދޮގެވެ. 19 ވަނަ މަޖިލީހުން ފަނޑިޔާރުން ވަކިކުރީ ޖަވާބުދާރީ ވުމަށް ފުރުސަތުދީ އިޖުރާއީ ހަމަތަކުގެ ތެރެއިންކަން ސާފުކޮށް އެހުރީ ފެންނާށެވެ. އޭރު ފަނޑިޔާރުން ވަކިކުރި ކުރުން ގައުމީ މައްސަލައަކަށް ނުވީ ހަމަޔާ އުސޫލުން އެކަން ކުރީމައެވެ.
19 ވަނަ މަޖިލީހުން ވަކިކުރި ފަޑިޔާރުންނަކީ މުޅި ބެންޗުގެ އިއްތިފާގުން ނެރުނު ފެބްރުއަރީ އެކެއްގެ އަމުރުގެ ސަބަބުން އުއްތަމަ ފަޑިޔާރާއި އެހެން ފަޑިޔާރަކު ޖަލަށްލުމުން އިއްތިފާގުން ނެރުނު އަމުރު އަމިއްލައަށް ބަދަލުކުރުމުން އިތުބާރާއި ނަޒާހަތްތެރިކަން ގެއްލިފައިވާ ބައެކެވެ. އެ ފަނޑިޔާރުން ވަކިކުރީ ޖުޑިޝަރީ ކޮމެޓީން ދިފާއުވާން ފުރުސަތުދީ ރަނަގަޅަށް އެމައްސަލަ ބަލާފައެވެ. އޭރު ރައްޔިތުންނަށް އެކަން އޯކޭވީ އެހެންވެއެވެ. އެކަމާ ދެކޮޅަށް ބައިނަލް އަގުވާމީ ޖަމާއަތްތަކާއި ވަކީލުންނެއް ނުތެދުވެއެވެ.
ހުސްނީ މުބާރަކުމެންގެ އިންސާފެއް ނެތްވަރުން ޖަވާބުދާރީ ވުމުގެ ފުރުސަތުނުދީ ސްޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް އެންމެ ބޮޑަށް މިހާރު ވަކާލާތު އެކުރައްވަނީ 19 ވަނަ މަޖިލީހުން ވަކިކުރި އޭރުގެ އުއްތަމަ ފަނޑިޔާރެވެ. މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހުގެ ބޭއިންސާފުކަން އެކަމުން އެކަނިވެސް ސާބިތުވެއެވެ.