ކޯލިޝަނުން ގާސިމަށް ނުލިބުނީ ވެރިކަން
ސަރުކާރު ހިންގުމުގައި ޖުމްހޫރުން ބައިވެރި ކުރިކަމަށް ވަނީ ކިހާވަރެއް ކުރީމަ!؟
ވެރިކަން ހިންގާ ކޯލިޝަނުން ލިބުނު ބައިވަރު މަދުވެގެން މޫނު ކުނި ކުރަނީ ގާސިމަށް ކޮން އެއްޗެއް ނުލިބިގެން ހެއްޔެވެ. ކޯލިޝަނުގައި އެޅިބައި ކުޑަވެ މުޅި ސަރުކަރުކާރު އެއްކޮށް ހަޖަމުކޮށްލަން ފުންމައިގަތުމަކުން ހައިރާނެއް ނުވެއެވެ. ޖުމްހޫރީ ވިލާ ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ދަނޑު ބިމަކީ ސަރުކާރުކަން އޮޅިގެން އެކަކުވެސް އެބައުޅޭހެއްޔެވެ.
ކިރިޔާވެސް ހަމައެއް ލަމައެއް ގަބޫލުކޮށް ރައްޔިތަކަށް ހެވެއް އެދޭނަމަ ލިބުނު ބައިކުޑަވެ އަނގަ ހުޅުވަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ. އިބޫ ސަރުކާރުގައި ގާސިމްގެ މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއް އޮތީ ގާސިމުގެ އުނގުތެރޭގައެވެ. ވަޔާ ކަނޑާ އެއްގަމުގެ ދަތުރު ފަތުރާ ގުޅޭ ހުރިހާ ކަމެއް އޮތީ ނިދާ ތަންމަތީގައެވެ. ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުފަޅުގެ މުއްސަދިކަމުގެ ހުރިހާ ކަމެއްހެން އޮތީ ގާސިމުގެ މުށުގައެވެ. ހަކަތައާއި އައިޓީއާއި މުއާސަލާތާއި ސިއްހަތަށް ދާންދެން އެތައް ދުވަހެއް ވަންދެން ހަދާނެ އެއްޗެއް ހަދަން އޮތީ ގާސިމުގެ ފައިކޭޓުގައެވެ. އެކަމަކު ވެސް އެއްޗެއް ލިބުނު ކަމަކަށް ނުވެއެވެ. ކޯލިޝަނުން ގާސިމަށް ނުލިބުނިއްޔާ ނުލިބުނީ ވެރިކަމެވެ.
ރައީސް ސޯލިހު ސަރުކާރު ހިންގުމުގައި ޖުމްހޫރުން ބައިވެރި ކުރިކަމަށް ވަނީ ކިހާވަރެއް ކުރީމަހެއްޔެވެ. އަލީ ވަހީދާއި ކުޑަ އަމީނުމެން ސަރުކާރު ބަދުނާމު ވާވަރުގެ ބޮޑެތި ޖަރީމާ ހިންގީ ކޮންތާކުން ކެބިނެޓަށް ފޮނުވާފައި ތިބެގެން ހެއްޔެވެ. ޓްރަންސްޕޯޓާއި ޓޫރިޒަމާއި ފިޝަރީޒް ގައި މިއަދުވެސް ތިބީ ކާކު ފޮނުވި ބައެއް ހެއްޔެވެ. އެމްޓީސީސީއާއި އެމްޑަބްލިޔުއެސްސީ ފަދަ ކުންފުނިތަކުގައި އެމްޑީންނަށް އެތިބީ ކޮންތާކުން އައި ބައެއް ހެއްޔެވެ. ހަނަފީއާއި އަލީ ސާލިހާ އިކްރާމާ ވަލީދާޔާ އެހެން ގޮސް ނަން ހުސްކޮށް ސިޔާސީ އިސްސަފުގައި ޖުމްހޫރީގެ ކިތައް މީހުން ތިބިކަން ގާސިމު ހަދާނެއް ނެތެވެ.
ޖުމްހޫރުންނަށް ސަރުކާރުގެ ބާރުހުރި މަގާމުތައް ދީގެން އެންމެ ބޮޑަށް ބަނޑު ކެއްކީ ނަޝީދެވެ. ގާސިމުގެ މަސްލަހަތު ސަރުކާރުގައި ބޮޑުވެގެން މުޅި ދައުލަތް ހިންގަން އެންމެ ދުއްޕާންކޮށް އިދިކޮޅަށްވުރެ އިދިކޮޅުވީ ނަޝީދެވެ. އެމްޑީޕީ ސަރުކާރަށް އެމްޑީޕީގެ ރައީސް ނަޝީދު ގެއްލުނީވެސް ގާސިމާ ހެދިއެވެ. އެކަމަކު މިއަދު ގާސިމަށް ނަޝީދު ޖަވާހިރަށްވެ ތިމާމެނަށްޓަކާ ކޯލިޝަން ދަމަހައްޓައިދީ ކެތްތެރިކަމާ އޯގާތެރި ކަމާއެކު ހިތްވަރުކޮށް ދިފާއުކޮށްދިން އިބޫއަށް ދޭން ގާސިމަށް ލިބުނީ ތެޔޮ ހަމެކެވެ. ލަދެއް ހަޔާތެއް ހުރި މީހަކަށް ގާސިމް ނުވިއެވެ.
ވަކި ނުވެވޭ ވަރަށް އެކުނުވެ، އެކުނުވެވޭ ވަރަށް ވަކިނުވެ ކަލާސީންނަށް ނައު ބާނުވާ ފަލްސަފާގައި އަބަދަކު ނުހުރެވޭނެއެވެ. ލުނބޯ ހުތްކިބައަކުން ހުތްފެލާހެން މީހަކު ނުފެލިޔަސް މަތީގަނޑިން ޖެހީމާ ލަހެއް ފަހެއްނުވާނެވެ. ހަސްނެތި ބިކަވެ އަސައެއް ހިފައިގެން މިސްކިތު ދާލައިގައި އިންނާނީކީ ޖީޓީ އެކަންޏެއް ނޫނެވެ.