އެވެސް ޑިމޮކްރަސީ! މިވެސް ޑިމޮކްރަސީ!

ޑިމޮކްރެޓިކް ވެރިކަމުގެ ތަފާތު މޮޑެލްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވޭ.

އެވެސް ޑިމޮކްރަސީ! މިވެސް ޑިމޮކްރަސީ!

ޑިމޮކްރަސީ މި ލަފުޒު އުފެދިފައިވަނީ ޔޫނާނީ ބަހުން "ޑެމޯސް"އާއި "ކްރެޓޯސް" އާއއި ދެލަފްޒު އެކުވެގެން ކަމަށް ވެއެވެ. "ޑެމޯސް"ގެ މާނައަކީ "މީހުން"އެވެ. އަދި "ކްރެޓޯސް" ގެ މާނައަކީ "ބާރު"އެވެ. އެހެންކަމުން ޑިމޮކްރަސީއަކީ "ރައްޔިތުންގެ ބާރު"އެވެ. އެ ގޮތަކީ ރައްޔިތުންގެ އިހުތިޔާރަށް ބަރޯސާވާ ވެރިކަން ހިންގުމުގެ ގޮތެކެވެ.

ޑިމޮކްރެޓިކް ވެރިކަމުގެ ތަފާތު މޮޑެލްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވެއެވެ. ޑިމޮކްރަސީގެ މަފްހޫމު ވިސްނައިގަނަން ވަރަށް ފަސޭހައެވެ. ޑިމޮކްރަސީއަކީ، ޔަޤީނުންވެސް ހުދުމުހުތާރު ވެރިކަމެއް ނޫނެވެ. ރަނގަޅަށް ވިސްނިއްޖެނަމަ، ޑިމޮކްރަސީއަކީ "މެޖޯރިޓީގެ ވެރިކަން" ކަމުގައި ވެސް ނުވެއެވެ. އޭގެ މުރާދަކީ މައިނޯރިޓީ ތަކުގެ މަސްލަހަތަށް މުޅިން އަޅާނުލާ ކަމަށް ވާނަމަ ހަގީގީ ޑިމޮކްރަސީއަކަށް ނުވާ ނުވުމެވެ. ޑިމޮކްރަސީއަކީ އެންމެ ކުޑަމިނުން، ހުރިހާ ރައްޔިތުންގެ ފަރާތުން، އެމީހުންގެ "އިހުތިޔާރަށް" ވެރިކަން ކުރުން ކަމުގައި ބުނެވިދާނެއެވެ.

ދިވެހިރާއްޖޭގައި 30 އަހަރުވީ ދިގު މާޒީން އަރައިގަތުމަށް ދިވެހީންގެ ތެރެއިން ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުން އައި ޑިމޮކުރަސީގެ ނަމުގައެވެ. ރާއްޖެއަށް ޑިމޮކުރަސީ ގެނައުމަށްޓަކައި އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ދިވެހި ގަދީމީ ވެރިކަމުގެ ގޮތްގަނޑު ބަދަލުކުރުމަށް ބަޔަކު ކުރިމަތިލާ ގިނަގުނަ މަސައްކަތްތަކެއް ކުރިކަން ތާރީހުން ސާބިތުވާން އެބަހުއްޓެވެ. ސިޔާސީ ކުއްވެރިން ތަކެއްގެ ގޮތުގައި ޖަލުގެ ތޭރިތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކޮށް ޑިމޮކުރަސީއަށްޓަކައި ގުރުބާނީތަކެއް ވަމުން އައި ހިތްވަރުގަދަ ފަހުލަވާނުން ތަކެއްވެސް ރާއްޖޭގައި އެބަތިއްބެވެ.

ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރެވި ގާނޫން އަސާސީ އިސްލާހު ކުރެވި ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގާއި ބަސްބުނުމުގެ ހައްގާއި ހިޔާލް ފާޅު ކުރުމުގެ ހައްގު ދިވެހިންނަށް ލިބިއްޖެއެވެ. ދިވެހިން ކަސްތަޅުތަކުން މިނިވަންވެ ސިޔާސީ މިނިވަންކަން ލިބިގެން ދިޔައީ ހަގީގަތުގައި 07 އޮގަސްޓް 2008 ގައެވެ. މިދެންނެވި މިނިވަންކަމާއިއެކު ރާއްޖޭގެ ހާންދާނީ ވެރިކަން ފޮރިޅިގެން އެމްޑީޕީގެ އަތްމައްޗަށް އެރިއެވެ.

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ތިބޭ ސިވިލް ސާވިސް މުވައްޒަފުންނާއި ކޯޕަރޭޝަންތަކާއި ޔުޓިލިޓީޒް ތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ގަދީމީ 30 އަހަރުގެ ފިކުރުގެ މުވައްޒަފުންގެ ބަރުހެލި މަސައްކަތުގެ ސްޕީޑުގެ ސަބަބުން ރާއްޖޭގައި 11 ނޮވެމްބަރ 2008 (އަންގާރަ) ދުވަހު އުފެދުނު އެމް.ޑީ.ޕީ އިއްތިހާދުގެ ވެރިކަން ދަމަހައްޓަން ތަފާތު އުދަގޫތައް އެކި ދިމަދިމާލުން އައީ ކުރަމުންނެވެ. ސިޔާސީ ލީޑަރުން ބައިވެރިވެގެން ވަކިން ހާއްސަކޮށް ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ފަރުދާގެ ފުރަގަހުންނާއި ރޯމާދުވާލު އެންމެންގެ ކުރިމަތީ ތިއްބަވައިގެން ރާއްޖޭގެ ރައްޔިތުން އިންތިހާބު ކުރި ވެރިކަން 07 ފެބުރުއަރީ 2012 ގައި ފިރުކާލިއެވެ.

ޑިމޮކްރަޓިކް ވެރިކަމެއް އުފެދިގެން އަންނާނީ ރައްޔިތުންލާ ވޯޓު ކަރުދާހަކުންނެވެ. ސިޔާސީޕާޓީތަކުން ވެރިކަމަށް ކުރިމަތި ލުމުގަޔާއި ، ރައްޔިތުންގެ މަޖިލިސްއަށް ކުރިމަތިލުމުގައި އަދި ކައުންސިލްތަކަށް ކުރިމަތި ލުމުގައިވެސް ކެނޑިޑޭޓުން ނެގުމުގައި ގެންގުޅެނީ ޕްރައިމަރީ ބޭއްވުމުގެ އުސޫލެވެ. އެއީ އެންމެ ޑިމޮކްރެޓިކް ގޮތްވެސް މެއެވެ. ޕްރައިމަރީން ބަލިވާ މީހާ މޮޅުވާމީހާ ފަހަތައް އަރައި އިންތިހާބުން މޮޅުވާން މަސަތްކަތް ކުރުމެވެ.

ރާއްޖޭގެ ޑިމޮގްރަސީގެ ބައްޕަކަމަށް ގިނަބަޔަކު ބަލައިގެން އުޅުނު އެމްޑީޕީ އާއި ރައީސް ނަސީދުވެސް ރައްޔިތުންނަށް ދަސްކޮށްދިނީ މިދެންނެވި ޑިމޮކްރަސީއެވެ. އެހެންނަމަވެސް މިއަދު މި ފެންނަނީ ޑިމޮކްރަސީގެ ތެރޭން ބަލަން ހުތުރު އަޑު އަހަން އުނދަގޫ މަންޒަރުތަކެވެ. ރޯމާދުވާލު އެންމެންގެ ކުރިމަތީ ތިއްބަވައިގެން ރާއްޖޭގެ ރައްޔިތުން އިންތިހާބު ކުރި ވެރިކަން 07 ފެބުރުއަރީ 2012 ގައި ފިރުކާލުމުން ދެންވެސް ރައްޔިތުމީހާ ބުނަމުންދިޔައީ މަޗިސްޗިސް ކޮސްލިޔަސް ފިސްފިސްކޮށްލިޔަސް ނެތޭ ވެވޭކަށް ބާގީއަކަށް މިހެނެވެ. އެހެން ނަމަވެސް މިއަދު އަހަރެމެން މިކިޔާ ޑިމޮކްރަސީގެ ބަފައިންނަށް މިދެންނެވި ކޯޓްތައް ތުރުކުރަށްވަން ހެޔޮވަރެވެ. ހަމައެކަނި ތިމާގެ ޖާހާ ވެރިކަމުގެ ލައްޒަތުގެ ބޭނުމުގައެވެ.

ބޭނުންވީމާ މަޖިލީހުގެ ވިޕްލައިނެތްވެސް ނެތެވެ. ޕްރައިމަރީން ވަކިމީހަކު މޮޅުވުމުން އެކަމެއްވެސް ބަލައެއް ނުގަނެވެއެވެ. ރައްޔިތުން ގުރުބާންވެގެން ދެމެހެއްޓި ޕާރޓީގެ ނަން ކިލަންބުކޮށް ފިކުރެއްދިރުވަންވީމައި ބާގީންގެ ކޯޓްވެސް ހަމަ ހެޔޮވަރެވެ. ޕާރޓީއަކަށްބެލުމެއްނެތެވެ. ޕާރޓީގެ މެންބަރުންނަކަށް ބެލުމެއްނެތެވެ. އެބަޔަކަށްޓަކައި ޖާނާމާލު ގުރުބާންކުރި ރައްޔިތުމީހާގެ ބަހެއްވެސް ނުވިކެއެވެ. އެމީހުން ބޭނުންވީމައި އެވެސް ޑިމޮކްރަސީއެވެ. ފިކުރެއްދިރުވަންވީމައި މިވެސް ޑިމޮކްރަސީއެވެ. ހުރިހާ ހުތުރެއް ރައްޔިތުމީހާއަށެވެ.