31 ޖެނުއަރީގެ އެއްވުމުން ބުނެދިނީ ބޮޑެތި ވާހަކަ!

31 ޖެނުއަރީގެ އެއްވުމުން ބުނެދިނީ ބޮޑެތި ވާހަކަ!

ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް 31 ޖެނުއަރީގައި މާލޭގައި ބޭއްވި ހިނގާލުމަކީ އާދައިގެ ކަމެއްނޫނެވެ. މުއިއްޒަށް ތާއީދުކުރާ ކަމަށް ދައްކައިގެން ދައުލަތުން މުސާރައާއި އިނާޔަތް ހޯދާ މީހުންގެ ލޮލަށް ފުސްބުރާފައި ތިއްބަސް އެ ހިނގާލުމުން ބުނެދިނީ ވަރަށް ބޮޑެތި ވާހަކައެވެ. އެއްވެސް ކަމެއް ނޫންކަމަށް ހަދާ އެ އަޑުނާހާ ދޫކޮށްލައިފިނަމަ ފަހުންނަގާ ރާޅު ބޮޑުވާނެކަން ސަރުކާރަށް ނޭނގިއްޖެނަމަ މާ ސަހަލެއް ނުވާނެއެވެ. 

31 ޖެނުއަރީގެ ހިނގާލުމަކީ ބުރަދަނެއް ހުރި އެއްވުމެއްކަމަށް ގަބޫލުކުރާކަށް މުއިއްޒުާއި ސަޕޯޓަރުން ބޭނުމެއް ނުވެއެވެ. ގިނަ އަދަދެއްގެ ބަޔަކު އެ ހިނގާލުމުގައި ބައިވެރިވިކަމަށް ގަބޫލުކުރާކަށްވެސް ބޭނުމެއް ނުވެއެވެ. ހިނގާލުމުގައި ޗަސްޕެއް ހުރިކަމަކަށް އެ މީހުން ނުދެކެއެވެ. ވާނުވާ އެނގޭވަރަށްވުރެ ބޮޑާކަމާއި ހަސަދައާއި ނަފުރަތުން ތިބީ ފޯވެފައެވެ. 

ހުޅުވިފައިވާ ލޮލަކުން ބަލައިފިނަމަ އެ ހިގާލުމަކީ އާދައިގެ އެއްވުމެއް ކަމަކަށް ބެލޭކަށް ނެތެވެ. މުއިއްޒަށް ހުޝާމަދުކޮށްގެން ފައިދާ ނަގަން ބޭނުންވާ ބަޔަކު ހަގީގަތް ގަބޫލުކުރަން އަދިވެސް ބޭނުން ނުވަނީތާއެވެ. އެންމެންގެ ކުރިމަތީން ފެންނަން ހުރި ކަންކަމަކީވެސް ހަގީގަތެއް ނޫންކަމަށް ހަދަނީތާއެވެ. ހަގީގަތް ގަބޫލުނުކޮށް އެންމެނަށް ފެންނަ ކަންކަން އޮޅުވާލައިގެން ކުރި ލިބޭނެކަމަށް ހީކުރާނީ ވަރަށް މޮޔަވީމައެވެ.

މުއިއްޒު ސަރުކާރަށް ގޯސްތަކެއް ހެދޭކަމާއި ސަރުކާރުދެކެ ގިނަ މީހުން ރުޅިއަންނަކަން ގަބޫލުކޮށް ކަންކަން ރަނގަޅު ކުރުވުމުގެ ކުޑަވެސް ވިސްނުމެއް އަދިވެސް ނެތެވެ. ސަރުކާރުން ކުރާހާ ކަމަކީ ރަނގަޅު ކަންކަމުގެ ގޮތުގައި މީހުންނަށް ދައްކަން ވަގުތީ މަންފާއަށްޓަކާ ކުރެވޭ މަސައްކަތަކީ ދައުލަތަށާއި އަމިއްލަ ނަފްސަށް އޮޅުވާލާ އޮޅުވާލުމެކެވެ. 

މުއިއްޒަށް ހުޝާމަދުކޮށްގެން މުއިއްޒަށްވެސް ބަޔަކު އޮޅުވާލަނީތާއެވެ. އެއްވެ އުޅުމުގެ މިނިވަންކަން ތައްމިނަށް ހުޅުވިފައި އޮތީ މުއިއްޒު ސަރުކާރުގައޭ  ބުނުމަކީ ކަންކަން ރަނގަޅުވުން ކަމަކަށް ނުފުދެއެވެ. ގޯސްކޮށް ކުރަމުންދާ ކަންކަމާއި ގޯސްކޮށް ކޮށްފައި ހުރިކަންކަން ރަނަގަޅުކޮށް މައާފަށް އެދުމަކީ ދެރަވުމެއް ނޫނެވެ. އޭގެ ބަދަލުގައި ޖަދަލުކޮށް ފުރައްސާރަކޮށް ގޮތްދޫނުކޮށް ތިބުމަކީ މޮޅުކަމެއް ނޫނެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި 31 ޖެނުއަރީގެ އެއްވުން ވެގެން ދިޔައީ ބައިވެރިން ހަމަ ނުޖެހުމަކަށް ދުއްވާލަން ބޭނުން ނުވީމައެވެ. ބޭނުންވީ ސަރުކާރަށް މެސެޖުދޭށެވެ. ހަމަނުޖެހުމަކަށް ދާކަށްނޫނެވެ. އެއްވުމުގެ ބައިވެރިން ސަރުކާރަށް ދޭން ބޭނުންވި މެސެޖު ކިތަންމެ ރަނގަޅަކަށްވެސް ދީފިއެވެ. ހަމަނުޖެހުމަކަށް ދާން ބޭނުންވި ނަމަވެސް ދެވޭވަރުގެ ހަކަތަ އެއްވުމުގައި ހުއްޓެވެ.

އެހެން އެކަން އޮތްއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބީރުކަންފަތްދީ ފުރައްސާރަކޮށް މުއިއްޒުގެ މުސާރަވެރިންނާއި ކުލީ ގަލަންތަކުން ކުޅަނދުރު ހަތަޔަށް އޮއްގާ އުކަން ނުހަދާށެވެ. ރައްޔިތުންގެ އެތައް ހާސްބަޔަކު މިއަދުތިބީ ވީހާވެސް އަވަހަކަށް މުއިއްޒު ސަރުކާރު ނިމޭނެ ދުވަހަކަށް ބަލަބަލައެވެ. ވެރިން ނިމޭނީ ވޯޓުންތޯ އެހެން ގޮތަކުންތޯ ބަލާކަށް ގިނަ މީހުން ބޭނުމެއްނުވެއެވެ. ގިނަ ބަޔަކު މިހާރު ބޭނުންވަނީ މުއިއްޒުގެ ވެރިކަން ނިމުމެވެ. ގޮތްދޫނުކޮށް މަވެތިކަމުގައި ތިއްބާ ގައުމުފާލުން ނެއްޓުނީމަ މާތާހިރެއް ނުވާނެއެވެ.