މޭޔަރުކަމަށް ޓެސްޓަކަށްވެސް އާޒިމް ނޫނީ ހޮވަންކަމުދާ މީހަކުނެތް

މޭޔަރުކަމަށް ޓެސްޓަކަށްވެސް އާޒިމް ނޫނީ ހޮވަންކަމުދާ މީހަކުނެތް

މާލެ ސިޓީއަށް ހިދުމަތް ކުރާނެ މޮޅު ޕްރޮޑަކްޓް ހޯދަން އިތުރު ބަޔަކު ޓެސްޓްކުރުމުގެ ބޭނުމެއް ނެތެވެ. ޓެސްޓްކޮށް ފާސްވެ ކަށަވަރު ޕްރޮޑަކްޓެއް މާލެ ސިޓީއަށް ލިބިފައި އެބައޮތެވެ. މޭޔަރ އާޒިމް ދޫކޮށް ޓެސްޓަކަށްވެސް ހޮވަން ކަމުދާވަރު މީހަކު މާލެސީޓީ މޭޔަރު ކަމަކަށް މިފަހަރަކު ވާދައެއް ނުކުރެއެވެ. 

މާލެސިޓީ ރައްޔިތުން އެއްރޫހެއްގައި ނިކުމެ ވޯޓުދީގެން މޭޔަރުކަމަށް ދެންވެސް ގެންނަން އޮތް ހިދުމަތްތެރިއަކީ އާދަމް އާޒިމެވެ. ގޮތްބަލަން އެހެން މީހުން ހޮވައިގެން ވަގުތު ނަގާލެވޭ ވަރަށްވުރެ މާލޭގައި ހައްލުކުރަން ހުރި މައްސަލަތައް ގިނައެވެ. ރަނގަޅުގޮތް އޮއްވާ އޮތްގޮތް ނޫން އެހެން ގޮތެއް ހޯދަން އުޅުމުން ދިވެހީން ވަނީ ލައްކަ ބޮނޑި ބޮއެފައެވެ. 

މާލެ ސިޓީގެ 17 މެންބަރުންގެ ތެރެއިން 14 މެންބަރުންނަކީ ރައީސް މުއިއްޒުގެ ޕީއެންސީ މެންބަރުންނެވެ. ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ކައުންސިލް ހިންގުމުގައި އެ މީހުން މޭޔަރަށް އެއްބާރުލުމެއް އެހީތެރިކަމެއް ނުދެއެވެ. މޭޔަރަކީ އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ވެފައި ހުރި މީހަކަށް ވާތީއެވެ. 

އެއްބާރުލުން ނުދޭ 14 މެންބަރުންގެ ބޮޑު މެޖޯރިޓީއެއް ޕީއެންސިއަށް އޮތް މާލެ ސިޓީ ކައުންސިލުން ދެ އަހަރުތެރޭގައި ހޯދި ބޮޑެތި ކާމިޔާބުތައް ހޯދުނީ މޭޔަރގެ ކުޅަދާނަކަމާއި ކެތްތެރިކަމާއި ދުރުވިސްނުމާ ނަތީޖާ ނެރެދިނުމުގެ ގާބިލްކަން ބޮޑުކަމުންނެވެ. ތަފާތު ފިކުރުގެ މީހުންނާ އެކުގައި ގުޅިގެން އުޅުމުގެ ހިތްވަރު ހުރީމައެވެ. 

މާލެ ސިޓީ ރައްޔިތުން ދިން ޓެސްޓުން ފާސްވެ އާދަމް އާޒިމު ވަނީ އޭ ސްޓަރ ހޯދާފައެވެ. ބަހަނާ ނުދައްކާ މައްސަލަތައް ހައްލުކުރާނެ މީހަކަށް ވޯޓުނުދީ ވޯޓުދޭން އޮތީ ކާކުހެއްޔެވެ. ސިވިލިއަނުންގެ ވިސްނުމުން ސިވިލިއަނުންނަށް ހިދުމަތްދެވޭނީ ހީވާގި ސިވިލިއަނަކަށެވެ. ކުށްހޯދާ ކުށްދައްކަންއުޅޭ އޮޑިޓަރުންނާއި މިލިޓަރީ ކޮމާންޑަރުންނަކަށް ސިވިލިއަނުންގެ އިހުސާސެއް ނޭގޭނެއެވެ. ޑިކްޓޭޓްކުރާ ކޮމާންޑަރުންނާއި ކުށްހޯދާ މީހުނަށް އޯގާތެރި ހިދުމަތެއް ނުދެވޭނެއެވެ. ދޭކަށް ނުވެސް އެނގޭނެއެވެ. 

ލަންބާ ޗޯލާ ވާހަކަތަކަށް ރައްޔިތުން ނުހެއްލި އާދަމް އާޒިމަށް ވޯޓުދީ މޭޔަރުކަމަށް މިފަހަރުވެސް އާދަމް އާޒިމް ހޮވަމާ ހިނގާށެވެ. މާލެ ސިޓީއަކީ ފަސޭހަ ރައްކާތެރި ހިންގައިމު އަމާން ސިޓީއަކަށް ހެދުމަށެވެ. އެދޭ ހެޔޮބަދަލު މާލެ ސިޓީން ފެނިގެންދާނީ އޭރުންނެވެ.