އިހުމާލުގެ ސިލްސިލާ ނިންމަން ތިލަފަތަށް ވޯޓް ދެއްވާ!
މާލޭގެ ރައްޔިތުންނަށް މާލެ ސިޓީގައި ހަގީގީ މޭޔަރެއް ހުރިކަމުގެ އިހްސާސް ފުރިހަމައަށް ވީ މި ދެ އަހަރު ތެރޭގައެވެ. މާލެ ސިޓީ ކައުންސިލަކީ ހަމައެކަނި އިދާރާއެއް ނޫންކަމާއި އެއީ ރައްޔިތުންގެ ހިދުމަތުގައި ތިބެންޖެހޭ ބައެއްކަން އާދަމް އާޒިމް ވަނީ ފާއިތުވެ ދިޔަ 2 އަހަރު ތެރޭ އަމަލުން ދައްކުވައިދީފައެވެ.
މާލޭ ރައްޔިތުންގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ ވެސް އާދަމް އާޒިމާއެވެ. އާދަމް އާޒިމަކީ ޓެސްޓްކޮށް ފާސްވެފައިވާ ކެންޑިޑޭޓެކެވެ. ނޫން ގޮތެއް ހޯދައިގެން ތަޖުރިބާ ކުރުމަށް ވަގުތު ދުއްވާލެވޭ ވަރަށްވުރެ މާލޭގައި ހައްލުކުރަން ހުރި މައްސަލަތައް ގިނައެވެ. ހައްސާސެވެ.
ސަރުކާރުން ވަމުންދާ އިހުމާލުގެ ސިލްސިލާ ނިމުމަކަށް ގެނައުމަށް މާލެސިޓީ ރައްޔިތުން ތިބީ ރައްޔިތުންގެ ކަންކަން ކައިރިން ބަލާ ހައްލު ހޯދަދޭނެ ޓީމެއް ކައުންސިލަށް ހޮވަން ހޭވައްލާ ތައްޔާރަށެވެ. މާލެ ސިޓީއަކީ ހުނަރުވެރި، ހޭލުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ތަނެކެވެ. މާލެ ސިޓީއަކީ ރާއްޖޭގެ މޫނުބަލާ ލޯގަޑެވެ.
މާލޭގެ ހަތަރު އަވަށު ރައްޔިތުންގެ ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިފައިވާ މީހަކަށް މާލޭ މޭޔަރު ވާންޖެހެއެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ނަތީޖާ ނެރެދެވޭނެ މީހަކަށް ވާން ޖެހެއެވެ. ބޯދިގުކޮށް ކަރުގައި ފަށްއަޅައިގެން ހާލީ ޑޭވިޑް ސަން ސައިކަލުގައި މާލޭ މަގުތައް ކުޑަކުރި އަސްކަރީ ކޮމާންޑަރަކަށް މާލޭގެ މައްސަލަތަކެއް ހައްލެއް ނުކުރެވޭނެއެވެ.
ވިހިފަންސަވީސް އަހަރު ގައުމުގައި ހިންގިހާ ޖަރީމާތަކަށް ލޯމަރައިގެން ހުރެ ސަރުކާރުން މުސާރަ ނަގައިގެން އޮޑީޓްކުރަން އުޅުނު ބަނޑުފަޅާ ގޯލްކީޕަރަކަށް ވެސް އެކަމެއް ނުވާނެއެވެ. މާލޭގެ ކަންކަން ހަމަ މަގަށް އެޅުވޭނީ ހާލަތު އެގި ތަޖުރިބާކޮށް ނަތީޖާ ނެރެދީފައިވާ މީހަކަށެވެ. އެ މީހަކީ އާދަމް އާޒިމެވެ.
އަމާނާތްތެރިކަމާއެކު ހިދުމަތްކުރާނެ، މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނެ މަންދޫބުން ހޮވަންވީ ވަގުތަކީ މިއެވެ. ދާއިރާގެ ތަރައްގީއަށް، އިހުލާސްތެރި ހިދުމަތަކަށް އެދޭނަމަ މާލެ ސިޓީ އެންމެން އެކީގައި ނުކުމެ ތިލަފަތަށް ވޯޓް ދޭށެވެ.




