ރައީސް މުއިއްޒަށް ލައިގަތީ މެމްބަރު އިންތިގެ ދުލުވިހަތަ!؟

ކަންކަން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލިކޮށް ހިންގާލުން

ރައީސް މުއިއްޒަށް ލައިގަތީ މެމްބަރު އިންތިގެ ދުލުވިހަތަ!؟

2013 އިން  2018 އަށް ރާއްޖޭގެ ވެރިކަމުގައި އޮތް ޕީޕީއެމްގެ ވެރިކަމުގައި އިދިކޮޅު އެމްޑީޕީ އޮތީ މަގުމަތީގައެވެ. ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައެވެ. ރައީސް މުއިއްޒު ހުންނެވީ ހައުސިންގ މިނިސްޓަރ ކަމުގައެވެ.

މަގުތަކަށް ފަރިތަ، އިހުތިޖާޖަށް މޮޅު، ސީދާ ހަރަކާތަށް ކުޅަދާނަ އެމްޑީޕީގެ ތެރޭންވެސް ނަންހުރި ފާޅުކަން ބޮޑު އަލިގަދަ އެމްޑީޕީގެ އުޖާލާވި ރަންތަރިއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރ އަލްއުސްތާޒް އިމްތިޔާޒު ފަހުމީއެވެ.

އިންތިއަކީ އެމްޑީޕިސްޓުންގެ މެދުގައި ގޮތްއެނގި ގޮތުގައި ހުންނަވާ ކަމަށް ނަން އަރާފައިވާ އެޕާޓީގެ ވަރުގަދަ އެސެޓެކެވެ. ބަލާގާތްތެރިކަމާއި ފަސާހަތްތެރި ކަމުގެ ތޫނު ހަމަލާ ތަކުން ވެރިކަމުގައި އޮތް ޕީޕީއެމް ސަރުކާރު ފޮތިވެ ކުދިކުރަމުން ދިޔަ އެއް ފަހުލަވާނެވެ. 

އެތެރޭގައި ލީ ފުޅާ ރެނދުގައި އެމްޑީޕީ އިރިގެން ދިޔައިރު އިންތި ސޮއްސާލީ، ފޭވެގެން ދުރަށް ވެއްޓުނު ފަޅި ކަމަށްވާ ދަޑިމޮކްރެޓްސްގެ ފެންފިލާ މައްޗަށެވެ. އޭގެ ފަހުން އެމްޑީޕީގެ ފެންފިލާ މަތީގައި އޭރުގެ ސަރުކާރު ސައިޒް ކުރުމަށް އިންތި ދޮށި އެޅި ގޮތަށް ޑިމޮކްރެޓްސްގެ އޮޑީގައި އިންތި ދޮށިއަޅާ ތަނެއް ނުފެނެއެވެ. އެެހެން ނަމަވެސް އިންތިގެ ކިބައިން އިންތިކަން ކެނޑިއްޖެ ކަމަށް ބުނާކަށް ނުކެރޭނެއެވެ.

ރައީސް ޔާމީން ސަރުކާރު ހިންގެވި އިރު އެމްޑީޕީގެ މައިކް އިންތި އަތަށް ހެޔޮވަރު ކޮށްލާ ގޮތް ހަނދާން ކޮށްލީމާ އިންތިގެ ބައެއް ހާއްސަ ބަސްތަކެއް މިއަދުވެސް ހަނދާން ވާނެއެވެ. އެއީ "އެކޮޅުކޮޅުން، ބަޅުކޮށް، އިދިކީލިކޮށް" އޭރުގެ ސަރުކާރު ހިނގާ ވާހަކައެވެ. އޭރު އިންތި އެވިދާޅުވި ސިފަ އޭގެ ފަހުން ފެންނަން މިފެށީ އަދި މާސާފު ކޮންނެވެ.

މާލެ ސިޓީކައުންސިލްގެ ލޯގޯގައި ކުރިން އިންނަނީ މާލޭގެ ހުކުރު މިސްކިތު މުންނާރެވެ. އިސްލާމް ދީނާ ތާރީހާއި ސަގާފަތާއި ގައުމިއްޔަތާއި މާލެ އެއަށްވުރެ ރަނގަޅަށް ރަމްޒުވާ ލޯގޯއެއް މަދުވާނެއެވެ. 

ޕީޕީއެމަށް ވެރިކަން ގެއްލި އެމްޑީޕީ ވެރިކަމަށް އަރާ އޮއްވާ ޕާޓީ ތެރޭގައި ޖެހި ހަޅައިގާ ދެވިލާގަނޑު ދޭތެރެެއިން މާލޭގެ މޭޔަރުކަމަށް ވަޑައިގަތީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ. މަގާމު ލިބިވަޑައިގަތުމާ އެކު އިންތިގެ "ދުލުވިހައިން" ކަމެއް ނޭނގެއެވެ. މޭޔަރު އެކޮޅުކޮޅުން ބަޅުކޮށް އިދިކީލިކޮށް ނިންމެވީ މާލެ ސިޓީ ކައުންސިލްގެ ލޯގޯ ބަދަލު ކުރައްވާށެވެ. 

މިހާރުގެ ގައުމިއްޔަތު މިނިސްޓަރ އާދަމް ނަޞީރަށް ކޮންސަލްޓެންޓް ކަމުގައި ހުރެ އެކަމުގައި މުއިއްޒަށް ދެއްވުނު ލަފައެއް އިރުޝާދެއް ނެތެވެ. މުއިއްޒު ނިންމެވީ ލޯގޯގައި އިން މުންނާރު ތަޅާލާ، ތާރީހާއި ސަގާފަތު އެކޮޅުކޮޅުން ޖަހާ، މާނައެއް މަތުލަބެއް ގައުމިއްޔަތެއް ދީނެއް ރަމްޒު ނުވާ އެކި ކުލައިގެ ރޮނގު ނުވަތަ މަގުތަކަކަށް މާލެ ސިޓީގެ މިހާރުގެ ހުތުރު ލޯގޯ ބަދަލު ކުރާށެވެ. 

މުއިއްޒު ގައުމިއްޔަތު އުވާލި ވާހަކަ އޭރު ބަޔަކު ނުދެއްކީ މިހާރު ފަދައިން ގައުމިއްޔަތުގެ ދަވާދު ލައިގެން އޭރުގެ މޭޔަރު އުޅުއްވާތަން ނުފެންނާތީ ކަމަށް ވެދާނެއެވެ. އަލަށް ހެދި ލޯގޯ މަގުތަކެއްހެން ސިފަކުރެވުނު ފަހުން އިވެންފެށި އަޑަކީ މާލޭގެ މަގުތައް ވިއްކާ ވާހަކައެވެ. 

ކޮންމެ އަކަސް މާލެ ސިޓީ ކައުންސިލްގެ ގައުމިއްޔަތުގެ ލޯގޯގެ ކަންތައް އެކޮޅުކޮޅުން، ބަޅުކޮށް އިދިކީލިކޮށް ނިމިދިޔަ ގޮތަކީ މިއީއެވެ.

ގައުމިއްޔަތާ ދީނާ ހުއްބުލް ވަތަނާ ދިވެހި ދިދައިން ކަޅިވެގެން ވެރިކަމަށް ވަޑައިގަތުމަށް ފަހު ގިނަ ކަންތައް ތަކެއް މެންޑޭޓް ކުރެވުނު އާބަންކޯގެ ނަމާ ލޯގޯ ވެސް ކުރީގެ  ގޮތަށް ހަމައެކަނި ގެދޮރުވެރިކަން ތަމްސީލުވާ ކުރީގެ ފުރާޅު ފެންނަ އެޗްޑީސީގެ ލޯގޯއަށް ދުއްވާލީ އިންތި ވިދާޅުވާހެން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލި ގޮތަށެވެ. 

ފަތުރުވެރިކަމުގެ މަސައްކަތުގައި އަނބި ދަރިންނާ ވަކިން މުޅިއަހަރު އުޅެންޖެހޭ ރިސޯޓްތަކުގެ މުއައްޒަފުންނަށް އެންމެ ބުރަ ދުވަސް ވަރަކީ ޑިސެމްބަރު މަހާއި ޖެނުއަރީ މަހެވެ. ކްރިސް މަހާއި ނިއުޔިއަރއަށް އަންނަ ފަތުރުވެރިންނަށްޓަކާ އެދުވަސްވަރު ރިސޯޓުތައް ހާއްސަވެގެން ދާތީ މުއައްޒަފުންނަށް ޗުއްޓީއަކީ ލިބޭ އެއްޗެއް ނޫނެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރާ ދިމާވާތީ ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މީހުނަށް ދަރިންގެ ޗުއްޓީގައި ދަރިންނާއެކު މުޅި އުމުރުގައިވެސް ޗުއްޓީ ހޭދަކޮށްލާނެ ފުރުސަތެއް ނުލިބުމުގެ ކަންބޮޑުވުން ހައްލުކޮށް ސްކޫލު ބޮޑު ޗުއްޓީ ޑިސެމްބަރުން އަހަރުގެ މެދުތެރެއަށް ބަދަލު ކުރީ ވަރުގަދަ ދިރާސާއަކަށް ފަހު ކުރީގެ ސަރުކާރުންނެވެ. ވެރިކަމަށް އެރުއްވުމާއެކު ތަނެއް ދޮރެއް ބައްލަވާ ލެއްވުމެއްނެތި ސްކޫލު ބޮޑުޗުއްޓީ ވެސް އެކޮޅުކޮޅުން ބަޅުކޮށް އިދިކީލި ކޮށް ބަދަލުކޮށް ނިންމަވާ ލެއްވީއެވެ. 

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ 3 ބާރުން އެއްބާރެވެ. ކޮންމެ އަހަރަކަށް އެމަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑައެޅުއްވުމަކީ ރާއްޖޭގެ އަންދުވަހު އާދައެވެ.

ސަރުކާރު ބަންދުކޮށް ހުޅުވުމުގެ ބާރު އަބަދުވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ. ރައްޔިތުންގެ މަޖިލިހަށް ހައްގު ގަދަރާއި އިހުތިރާމަށްޓަކާ މީގެ ކުރިން ހުންނެވި ކޮންމެ ވެރިޔަކު މަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ.

މަޖިލިހުގައި ތަޅުއަޅުވާ، ނުވިތާކަށް މެމްބަރުން ފާރުމަތިން އުކާލި ވެރިކަމުގައި ވެސް މަޖިލިސް ހުޅުވާ ދުވަސް ބަންދު ދުވަހަކަށް ހެއްދެވިއެވެ. މަޖިލިހުގެ މުހިންމުކަން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލި ކޮށް ޖަހާލާ، މަޖިލިސް ހުޅުވާ ދުވަހަކީ މާބޮޑު ދުވަހެއް ނޫންކަމަށް ނިންމި ވެރިޔަކު ދިވެހިން މިއޮތީ ހޯދައިފައެވެ. އެއީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ. 

ކަންކަން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލިކޮށް މިހާރު ހިންގާލަނީ އިންތިގެ މަތިން ހަނދާން ނުވާ ވަރަކަށް ނޫނެވެ.