މަޖިލީހުން ގޮނޑިއެއް ސަރުކާރަށް ބޭނުމެއް ނުވާނެ!

މަޖިލީސް ސަރުކާރަށް ހޯދާ ބޭނުމަކީ ކުރާނެ ގޮތަކަށް ކަންކުރަން ރައީސް މަގާމުގައި ދެމިހުރުން

މަޖިލީހުން ގޮނޑިއެއް ސަރުކާރަށް ބޭނުމެއް ނުވާނެ!

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުން އެއްބާރެވެ. މަޖިލީހަކީ އަދުލު އިންސާފު ގާއިމުކުރާ ބާރެއް ނޫނެވެ. ދައުލަތް ހިންގުމުގެ ބާރެއްވެސް ނޫނެވެ. އަދުލު އިންސާފު ގާއިމުކުރާ ބެންޗެއްގައި މަޖިލިސް މެންބަރުންނެއް ނުތިބެއެވެ. ދައުލަތް ހިންގާ ވަޒީރުންގެ މަޖިލީހަކުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ނުތިބެއެވެ.

އަނެއްކޮޅުން އަދުލު އިންސާފު ގާއިމުކުރާ ބާރުގެ މެޖޯރިޓީ އޮތް މަޖިލީހެއް ހޯދާކަށް ޖުޑިޝަރީއަކުން ނޫޅެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރެއް ބާއްވާކަށް މަޖިލީހަކުން ވެސް ނޫޅެއެވެ. އެހެނަސް ސަރުކާރުގެ މަޖިލީހެއް ބާއްވަން ސަރުކާރުން ތެޅެފޮޅެނީ ކީއްވެ ހެއްޔެވެ. ސަރުކާރުގެ ކެންޑިޑޭޓުންނޭ ކިޔައިގެން ބަޔަކު ނިކުމެ މަޖިލީހަށް ވާދަ ކުރަނީ ކީއްވެ ހެއްޔެވެ. ވިސްނާ ފިކުރު ކުރާށެވެ.   

އާންއެކެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ކިބައިން ބާރުތައް ފެށޭ ތަނެވެ. ބާރުތައް ދެމިއޮންނަ ތަނެވެ. އެއީ ގާނޫނު ހަދާ މަޖިލީހެވެ. ބަޖެޓް ފާސްކުރާ މަޖިލީހެވެ. ސަރުކާރު ޖަވާބު ދާރީ ކުރާ މަޖިލީހެވެ. ފާރަވެރި މުއައްސަސާތައް ކޮންޓްރޯލުކުރާ މަޖިލީހެވެ. ފަނޑިޔާރުން ވަކިކޮށް އިސްކުރާ މަޖިލީހެވެ. ވަޒީރުންނަށް ރުހުންދޭ މަޖިލީހެވެ. ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ މަޖިލީހެވެ. ދައުރު ހަމަވަންދެން މަގާމު ކަށަވަރު މެންބަރުންގެ މަޖިލީހެވެ. 

ތިންބާރު ކިތަންމެ ބޮޑަށް ވަކިވެފައި އޮތަސް ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ބާރުތަކުގެ ވެރި ބާރެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ބޭނުންވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ ފޮށިތަންމަތި ބަނދެގެން ގެއަށް ކަނޑާލާށެވެ. އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުންނާއި ވަޒީރުންނަށް ވެސް އޮތީ ހަމަ އެގޮތެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވެސް އެހެން ގޮތެއް ނޯވެއެވެ. 

އެހެން ކަމުން މަޖިލީހުގެ މެޖޯރިޓީ ހޯދޭތޯ ސަރުކާރުންނާއި އިދިކޮޅު ވާދަވެރިން އަބަދުވެސް އުޅެއެވެ. އެބައެއްގެ މީހުން މަޖިލީހަށް ވެއްދޭތޯ ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރެއެވެ. އިދިކޮޅު ވާދަވެރިން މަޖިލީހުގެ މެޖޯރިޓީ ހޯދަނީ ސަރުކާރު ޖަވާބު ދާރީ ކުރުވުމަށެވެ. ވެރިކަމުގެ ނާޖާއިޒު މަންފާ ސަރުކާރުން ނެގިޔަ ނުދިނުމަށެވެ. ރައްޔިތުންގެ ހެވާ ލާބައަށް ސަރުކާރު މިސްރާބު ކުރުވުމަށެވެ.

މަޖިލީހުގެ ކޮންޓްރޯލް އެއިރަކު އޮންނަ ސަރުކާރަކަށް ހޯދަން، ކޮންމެ ސަރުކާރަކުން ވެސް އުޅެއެވެ. މަޖިލިސް ހޯދުމަށް ކުރެވުނުހާ ކަމެއްވެސް ކުރެއެވެ. ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ދިނުމާ ނުދިނުމަކީ ވޯޓްދޭ ރައްޔިތުންގެ ކަމެކެވެ. އެގޮތުން މަޖިލީހުގެ އަގުލަބިއްޔަތު ދޭންވާނީ ދޭވަރުގެ ސަރުކާރަކަށެވެ. ވަކިކުރެވިފައިވާ ތިންބާރު މަސްހުނިކޮށް ހުދުމުހުތާރު ވެރިކަމެއް ކުރަންއުޅޭ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުން ހެޔޮނުވާނެއެވެ.

ހޭބޯ ނާރާ ސަރުކާރަށް ތާއީދު އޮންނަ މަޖިލީހެއް ހޯދަން ސަރުކާރަކުން އުޅެގެންފިނަމަ އެ ސަރުކާރަކަށް މެޖޯރިޓީ ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯހެވެ. އަމްދުން ތަރުތީބު ވެފައިވާ ގާނޫނީ ހަމަތައް މުގުރާލަން އުޅޭ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ދޭކަށް ނުވާނެއެވެ. އެކަހަލަ ސަރުކާރުތަކުން މަޖިލީސް ހޯދަން ގަދަފައި ވިއްދަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމުގެ ބޭނުމަކު ނޫނެވެ.

މަޖިލިސް ކޮންޓްރޯލު ސަރުކާރަށް އޮތަސް ނެތަސް ގާނޫނު ތަކާއި އެއްގޮތަށް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ސަރުކާރަށް ދެވޭނެއެވެ. މަޖީލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ދައުލަތުގެ ހަރަދު ބަރަދު ހަމަޖައްސައިގެން ދައުލަތް ހިންގޭނެއެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ހަގީގަތުގައި ބޭނުމެއް ނުވާނެއެވެ.

މަޖިލީހުގެ އަގުލަބިއްޔަތުގެ ތާއީދު ސަރުކާރަށް އޮތް މަޖިލީހެއް ބާއްވަން އެހާވަރުން ބަޔަކު އުޅޭ ބޭނުމަކީ ކުރާނެ ގޮތަކަށް ކަންކުރިޔަސް ރައީސުލްޖުމްހޫރިއްޔާ މަގާމުގައި ދެމިހުރުމުގެ ޔަގީންކަން ހޯދުމެވެ. ބޭނުންހާ ބަޔަކު ވަޒީރުންނަށް ލައިގެން ދައުލަތުގެ ނަމުގައި ބޭނުންވާހާ ކަމެއް ބޭނުން ގޮތަކަށް ކުރުމުގެ ފުރުސަތު ހޯދުމެވެ. ރައްޔިތުންގެ ހެވާ ލާބައަށް ކަމެއް ކުރުމަށް ސަރުކާރަށް ތާއީދުކުރާ މެޖޯރިޓީއެއް މަޖިލީހުގައި އޮންނާކަށް ކޮންމެހެން ނުޖެހެއެވެ. 

ކޮންމެ ބަޔަކު މަޖިލީހުގައި ތިއްބަސް ހީލަތެއް އޮޅުވާލުމެއް ނާޖާއިޒު ކަމެއް ނެތި ރައްޔިތުންގެ ހެވާ ލާބަޔަށް ކުރާ ކޮންމެ ކަމަކަށް މަޖިލީހުގެ ރުހުން ސަރުކާރަށް ހޯދޭނެއެވެ. ސަރުކާުން ބޭނުންވެގެން ގާނޫނުނެއް ހަދަން ވިޔަސް ގާނޫނެއް އިސްލާހު ކުރަން ކަމަށް ވިޔަސް ރުހުމެއް ހޯދުން ކަމަށް ވިޔަސް އެކަން އޮންނާނީ އެހެނެވެ.