ސަރުކާރަށް މަޖިލިސް ދިނުމުން ރައްޔިތުން މަތިން ހަނދާންނެތޭ!

ވާދަވެރިންނަށް މެޖޯރިޓީ އޮތުމުން އަޒުލުގެ ބިރަށް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ.

ސަރުކާރަށް މަޖިލިސް ދިނުމުން ރައްޔިތުން މަތިން ހަނދާންނެތޭ!

އިހުލާސްތެރިކަމެއް ނެތްނަމަ މަޖިލީހުގެ މެޖޯރިޓީ ކޮންމެ ބައެއްގެ އަތުގައި އޮތަސް ހަދާނީ ހަދާނެ އެއްޗެކެވެ. އައު ގާނޫނު އަސާސީގެ ފަހުން ރާއްޖޭގައި މަޖިލީހުގެ މެޖޯރިޓީ އޮވެގެން ކަންކަން ވީގޮތް ވަނީ ތަޖުރިބާ ކޮށްފައެވެ. ކިތަންމެ ހިއްޗަސް ހަގީގަތަކީ ހަގީގަތެވެ.

އިދިކޮޅަށް މެޖޯރިޓީއޮވެ ރައީސް ނަޝީދު ރާއްޖޭގައި ވެރިކަން ކުރިގޮތާއި ވީގޮތް ވަނީ ތަޖުރިބާ ކުރެވިފައެވެ. ޑީއާރުޕީގެ ސާފު މެޖޯރިޓީ އޮވެ ރައީސުލްޖުމްހޫރިއްޔާގެ އަތް ބަނދެލިއެވެ. އައު ގާނޫނު އަސާސީއާއި އެކު އައި މަލްޓިޕާޓީ ޑިމޮކްރަސީގައި ސަރުކާރުން އަލަށް ތައާރަފް ކުރަން އުޅުނު ކަންކަމާއި ގައުމަށް ގެންނަން ބޭނުންވި އިންގިލާބީ ބަދަލު މަޖިލީހުން ހުއްޓުވިއެވެ. އެންމެ ފަހުން ވެރިކަމުގެ ދައުރު ފުރިހަމަނުކޮށް ނަޝީދަށް މަޖުބޫރުވީ އިސްތިއުފާ ދޭށެވެ. 

މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް ކުރެވޭ އެންމެ މެންބަރަކު ނެތި ރައީސަކު ވެރިކަން ކުރިއެވެ. ލިބުނުގޮތަކަށް ލިބިގެން ޑރ. ވަހީދު ކުރި ކުރު ވެރިކަމުގައި މަޖިލީހަކާ ރައީސަކާ ބެހޭކަމެއް ނޫން ކަހަލައެވެ. އެކަމަކު ކުރަން ބޭނުން ހުރިހާ ކަމެއް ޑރ. ވަހީދު ވެސް ރައިސް ކަމުގައި ހުރެ ކުރިއެވެ.

މަޖިލީހުގެ މެޖޯރިޓީއާއި އެކު ރައީސް ޔާމީނު ފެށި ވެރިކަމުގެ ފަސް އަހަރު ތެރޭގައި ކުރި ތަޖުރިބާ ތަފާތެވެ. މެޖޯރިޓީ އޮތީ ސަރުކާރަށެވެ. އެކަމަކު ގާނޫނު އަސާސީއަށް ބަދަލު ގެނައުން ކަހަލަ، ކުރަން ޖެހުނު ބޮޑެތި ކަންކަން ކޮއްލެވޭ ވަރުގެ ސްޕަރ މެޖޯރިޓީއެއް ނެތެވެ. އިދިކޮޅު މެންބަރުންގެ ތާއީދު ހޯދި ގޮތަކަށް ހޯދައިގެން ގާނޫނު އަސާސީއަށް ގެންނަން ބޭނުންވި ބަދަލުތައް ސްޕަރ މެޖޯރިޓީ ނެތަސް ޔާމީނު ގެނައެވެ. އެސްއީއީޒެޑް ގާނޫނު ފާސްކުރުމާއި ސްޕްރީމް ކޯޓް ބެންޗް ކުޑަ ކޮށްލުން ފަދަ ބޮޑެތި ކަންކަން ފަސޭހަ ކަމާއެކު ކޮށްލިއެވެ. ނާކާމިޔާބު އެންދެރި އިންގިލާބު ފެށި މަޖިލީހުގައި އޮތް ތާއީދު ނުފުށަށް ޖެހި އިންގިލާބީ ރޫހު ފެށުމުން މަޖިލީހަށް ސިފައިން ވައްދާ މެންބަރުން ފާރުމަތިން އުކާލާ މަޖިލީހުގެ ރިޔާސަތުގައި ފާރެއްލާ، 12 މެންބަރުންގެ ގޮނޑިތަކެއް ގެއްލުވާލައިގެން ހާލަތުއްޒަރޫރާ ދަށުން ދައުރު ނިމެންދެން ޔާމީނު މަޖިލީހާއި ވެރިކަން ހިންގިއެވެ. 

އެމްޑީޕީގެ ޓިކެޓްގައި ވެރިކަމަށް އައި ރައީސް ސޯލިހު ވެރިކަމުގެ ބޮޑު ބައެއްގައި މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީއަށް އޮތެވެ. އެމްޑީޕީއަށް އޮތް ސްޕަރ މެޖޯރިޓީ ވެގެން ދިޔައި ރައީސް ސޯލިހުގެ ވެރިކަމުގެ ކަތުރު ފަންޏަށެވެ. އެމްޑީޕީގައި އޮތް ސްޕަރ މެޖޯރިޓީގެ އެތައް މެންބަރުންނާއި ރިޔާސަތު އިދިކޮޅަށް ވުރެ އިދިކޮޅެވެ. މަޖިލީސް މެދުވެރިކޮށް ސަރުކާރުން ކުރަން ބޭނުންވި އެއްވެސް ކަމެއް ދިޔައީ ނުކުރެވިއެވެ. އެމްޑީޕީއަށް ސްޕަރ މެޖޯރިޓީ ގެއްލި މެޖޯރިޓީ ކޮންޓްރޯލު ސަރުކާރަށް އޮތަސް ރައީސް ސޯލިހާ ދެކޮޅަށް އެންމެ ގިނަ ޗަރުކޭސް ކުޅުނީ މެޖޯރިޓީ އޮތް މަޖިލީހުގެ ތަޅުމުގައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުމުގެ ސަބަބަކަށްވީ އޭރު ލިބުނު ސްޕަރ މެޖޯރިޓީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މަޖިލީހުގެ މެޖޯރިޓީ ހޯދަން ރައީސް މުއިއްޒު ވެސް މިހާރު އެޖަހަނީ މަރުފައްޔެވެ. ހޯދާ މެޖޯރިޓީއެއްގެ މާނައެއް ނެތްކަން 13 މެންބަރުން ގަނެލެވުމުންވެސް މުއިއްޒަށް ނުވިސްނެނީ ތާއެވެ. އަޒުލު ކޮށްފާނެތީ ގަންނަ ބިރަކުން މެޖޯރިޓީ ލިބޭތޯ މުއިއްޒު އެހެން އުޅެނީތާއެވެ. އެއިއްޔަކީ ރައްޔިތުންނަށް ހެވެއް އެދިގެން ދާއިރާތަކުގެ ލާބައަށްޓަކާ އުޅޭ ގޮތެއް ނޫނެވެ. 

މަޖިލިހުގެ މެޖޯރިޓީ ހޯދަން ހޭވައްޓާނުލާ މުއިއްޒު އުޅޭއިރު ޕީއެން ސީޓިކެޓް ލިބުނު ގިނަ މީހުންނަކީ މުއިއްޒު ނޫން ގޮތެއްގައި ތިބި ބައެއް ކަމަށް ވެއެވެ. ގިނަ ދާއިރާތަކުގައި ސަރުކާރު ކެންޑިޑޭޓަކީ ކާކުކަން ނޭނގި ސަޕޯޓަރުން ތިބީ ވަނުވާގައެވެ. ބައެއް ދާއިރާތަކުގައި ފާޅުކަން ބޮޑުކޮށް ސަރުކާރުގެ ދެތިން ކެންޑިޑޭޓުން އެބަ އުޅެއެވެ. މުއިއްޒު ކެންޑިޑޭޓައި ސާޖިދާ ކެންޑިޑޭޓާއި އަދުރޭ ކެންޑިޑޭޓެވެ. ޕީއެންސީ ޓިކެޓް ގިނައިން ލިބުނީ ޔާމީނު ކެންޑިޑޭޓުންނަށް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެހެން ކަމަށް ވާނަމަ މުއިއްޒަށް އެފުރެނީ ފޫނެއް ފަޔަށް ފެނެވެ. 

ބުނެވި ދިޔަ ކަންކަމުން އެނގެނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯދުމަށް މަޖިލީހުގެ މެޖޯރިޓީއަކީ މުހިންމު އެއްޗެއް ނޫންކަމެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ސަރުކާރަށް ރައްޔިތުން މަތިން ހަނދާން ނެތޭ ކަމެއް ކަމެވެ. ވާދަވެރިންގެ އަތުގައި މެޖޯރިޓީ އޮތުމުން އަޒުލުގެ ބިރައްޓަކާވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ސަރުކާރަށް މަޖުބޫރު ވާނެކަމެވެ. ތަޖުރިބާއިން ދައްކަނީ މިހަގީގަތެވެ.