މުއިއްޒު ސްޕީޑްގައި ކުރިކަމެއް ޝިޔާމަށް ބުނެއެއް ނުދެވުނު!
މުއިއްޒު ސްޕީޑަކީ ކުރާނަން އަޅާނަން ދޭނަން
ރާއްޖޭގައި މީގެކުރިން އެހެން ވެރިޔަކު ނުގެންގުޅުއްވާ ވަރުގެ މާބާރު ސްޕީޑެއް ރައީސް މުއިއްޒު ގެންގުޅުއްވާ ވާހަކައެއް މިހާރަކަށް އައިސް އެބަ ދައްކައެވެ. މުއިއްޒު ސްޕީޑްގައި މާގިނަ ކަންތައްތަކެއް މުއިއްޒު ސަރުކާރުން ކުރެވޭތީ އެބަ އުޅެއެވެ. މުއިއްޒު ސްޕީޑްގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ރައީސް އޮފީހުގެ މިނިސްޓަރ ހޯރަފުށީ ހަލީލްއެވެ. މުއިއްޒު ވެރިކަމުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. އޭރުއްސުރެ އެބުނާ މުއިއްޒު ސްޕީޑްގައި ހިނގަނީ ކޮންކަމެއްތޯ ބެލުމުގެ ޝައުގު ވަރަށް ބޮޑުވުއެވެ.
ފަހަކަށް އައިސް ސޯސަލް މީޑިއާގައި މާގިނައެއްކޮށް މައިއްޒު ސްޕީޑްގައި ކަންތައް ތަކެއް ކުރާ ވާހަކަ ދައްކާފައި އޮންނަ ތަން ފެނެއެވެ. ސޯސަލް މީޑިއާގައި މި ވާހަކައެއް ދައްކަނީ މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމުތައް ދީފައި ތިބޭ މީހުންކަން ފާހަގަ ކުރެވެއެވެ. ވެރިމީހާއަށް ހުޝާމަދުނުކޮށް މަގާމުގަ ދެމިނުތިބެވޭނެތީ ކޮންމެހެން ބަޔަކަށް ދައްކަން ޖެހިގެން އެވެރިން ދައްކާ ވާހަކައެއް ކަމަށް ބަލައިގެން އެކަމަކާ ނުވަމެވެ. އެކަން ކޮށްގެންވެސް ބަޔަކަށް މުސާރައެއް ލިބެންޏާ ރަނގަޅުތާއެވެ.
ދައުލަތުގެ ހަރަދުގައި މިހާރު މުއިއްޒު މިހާރު ކުރަމުންދާ ޕީއެންސީ ކެންޕޭނު ދަތުރާއެކު މުއިއްޒު ސްޕީޑްގެ އަޑު އަނެއްކާވެސް ގަދަވެއްޖެއެވެ. މިވަނީ ކިހިނެތްތޯ ބަލައިލަން ހދ. ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލު ކުރުމަށް ރައީސް ބޭއްވި ޖަލްސާގައި މަޑުކޮށްލީމެވެ. އަހާނ ސަހަރޯއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެއްކަލަ މުއިއްޒު ސްޕީޑްގެ ވާހަކަ ދައްކަން ފަށައިފިއެވެ. ރާއްޖޭގައި މީގެ ކުރިން އެހެން އެއްވެސް ވެރިޔަކު ނުގެންގުޅުއްވާ މާބާރު ސްޕީޑެއް ރައީސް މުއިއްޒު ގެންގުޅުއްވާ ކަމަށް ބުނެ ނޮޅިވަރަންފަރު ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން އުޅެނީ ރައްޔިތުންގެ މަޖިލީހަށް މުއިއްޒުގެ އައުވާނުން ހޮވުމަށެވެ.
ޝިޔާމް ދޮޅިކެނޑެންދެން ހުއްޓާނުލާ ކޯތެޅުވި އިރުވެސް މުއިއްޒު ސްޕީޑްގައި ކުރެވުނު ކަމެއް ޝިޔާމަކަށް ބުނެއެއް ނުދެވުނެވެ. ހައްތަހާވެސް ބުނެވެނީ ރައްޔިތުންގެ ކަންކަމުގެ އިތުރުން ދާއިރާތަކަށް ތަރައްގީ ގެނައުމަށް މުއިއްޒު ސްޕީޑްގައި މަސައްކަތް ކުރާ ވާހަކައެވެ. ކުރެވުނު ކަމެއް ކުރާކަމެއްގެ ވާހަކަ ނުދައްކާ ދެއްކީ ކުރީ ސަރުކާރުގެ ވާހަކައެވެ.
ކުޑަ ރަށެއް ބޮޑު ރަށެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށް ބުނަމުން ނޮޅިވަރަމާ މެދު އަޅާނުލާ އޮތްކަމަށް ބުނީމާ އެރަށު މީހުން ޝިޔާމަށް ކުރީ މަލާމާތެވެ. އެ ރަށު ރައްޔިތުންގެ ކުރިމަތީގައި ހާމަވެގެން ދިޔައީ ޝީޔާމްމެންގެ ދޮގުވެރިކަމެވެ. ކުރީ ސަރުކާރުން އެރަށުގައި ކުރީ ކީއްކަން އެންމެ ރަނގަޅަށް އެނގޭނީ އެރަށު ރައްޔިތުންނަށެވެ. މައްސަލައެއް ނެތެވެ. ކުރީ ސަރުކާރުން އެއްވެސް ކަމެއް ކޮށެއް ނުދެއެވެ. އެކަމަކު އެބުނާ މުއިއްޒު ސްޕީޑްގައި މި ސަރުކާރުން ކުރި ކަމެއް އޮންނަން ވާނެތާއެވެ.
ޝިޔާމްމެން އެކިޔާ މުއިއްޒު ސްޕީޑަކީ ކުރާނަން އަޅާނަން ދޭނަމެވެ. ކުރި ކަމެއް އެޅިތަނެއް ދިން އެއްޗެއް އަދި ނެތެވެ. ޝިޔާމް ވާހަކަ ދައްކާ ދައްކާ ކަރުން ލޭ ލީއިރުވެސް މުއިއްޒު ސްޕީޑްގައި ކުރެވުނު އެއްކަމެއް ވެސް ބުނެއެއް ނުދެވުނެވެ. މާމޮޅު ވާހަކައަކަށް ވެގެން ދެއްކީ ބާލަން އުޅޭ ސިފައިންގެ ޔުނީފޯމް ވާހަކައެވެ. ގެއްލިގެން އުޅޭ ކަނޑެއް ހޯދާ ވާހަކައެވެ. އަނގަފުރާ މީހުންގެ ތެރޭގައި ޝިޔާމު އެ ވާހަކަ ދެއްކި އިރު އެއްޔަކީވެސް އެ ބުނާހެން ވާކަށް އޮތް ކަންކަމެއް ނޫންކަން އާޖުފާޖު އެނގޭ އެންމެނަށްވެސް އެނގެއެވެ.