ޕޯޓަލްގެ މައުލޫމާތާ ކުޅެވޭވަރަށް އެކްސަސް ނުވެވޭ: އޭސީސީ

ޕޯޓަލްއަށް އެކްސަސް ހޯދީ މައުލޫމާތު ބަދަލުކުރާކަށް ނޫން

ޕޯޓަލްގެ މައުލޫމާތާ ކުޅެވޭވަރަށް އެކްސަސް ނުވެވޭ: އޭސީސީ

ގެދޮރުވެރިޔާ ޕޯޓަލަށް އެކްސަސްވެވެނީ ހަމައެކަނި މައުލޫމާތުތައް ބަލާލެވޭ ވަރަށް ކަމަށް އެންޓިކޮރަޕްޝަން ކަމިޝަން (އޭސީސީ) އިން ބުނެފިއެވެ. އޭސީސީން ބުނި ގޮތުގައި އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވެގެން ގެދޮރުވެރި ޕޯޓަލްގެ އެކަސަސް ހޯދީ ހަމައެކަނި މައުލޫމާތުތައް ބަލާލެވޭ މިންވަރަށެވެ.

ޕޯޓަލްގެ އެއްވެސް މައުލޫމަތަކާ ކުޅެ ބަދަލުކުރެވޭ މިންވަރަށް ގެދޮރުވެރި ޕޯޓަލަށް އެކްސަސް ލިބިފައި ނުވާކަމަށް ވެސް އެސީސީން ބުނެއެވެ. މައުލޫމާތާއި ކުޅެ ބަދަލުކުރެވޭ ވަރަށް ޕޯޓަލަށް އެކްސަސްވާން ބޭނުން ނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

މައުލޫމާތުތައް ބަލާލެވޭ ވަރަށް ގެދޮރުވެރި ޕޯޓަލަށް އޭސީސިއަށް އެކްސަސްވެވުމުން ތަހުގީގަށް ޕޯޓަލުން ހޯދަން ބޭނުންވާ މައުލޫމާތު ލިބޭކަމަށް މިނޫހަށް އޭސީސީން މައުލޫމާތު ދީފައިވެއެވެ. އޭސީސީން ޕޯޓަލްއަށް އެކްސަސް ހޯދީ މައުލޫމާތު ބަދަލުކުރަން ނޫންކަމުން މައުލޫމާތުތައް ބަލާލެވޭވަރު ވުމުން ތަހުގީގުގެ ބޭނުން ފުރިހަމަ ވާކަމަށް އޭސީސީގެ މީޑިއާ އޮފިސަރ ވިދާޅުވިއެވެ. 

އޭސީސީއަކީ ވަކިބަޔަކަށް ފްލެޓްދޭން ކަނޑައެޅުމާއި އިސްކަންދޭ ތަރުތީބު ކަނޑައެޅުމުގެ ހައްގު އޮތް ފަރާތެއް ނޫންކަމުން ވަކިފަރާތަކަށް ފުލެޓް ދޭން އޭސީސީން ނާންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭސީސީން ކުރާ ކަމަކީ ހުށަހެޅިފައިވާ މައްސަލަތައް އަވަހަށް ތަހުގީގްކޮށް ނިންމުން ކަމަށް އޭސީސީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ގެދޮރުވެރި ސްކީމާ ގުޅިގެން އެސީސީއަށް ހުށަހަޅާފައިވާ މައްސަލަތަޢް ބަލަމުން ދާތީ މައްސަލަތައް ނިންމާލެވޭނެ ވަކި ތާރީހެއް ކަނޑައަޅާ ބުނަން އަދި ވަރަށް ދަތިކަމަށް އޭސީސީން ބުނެއެވެ. 

ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސަސް އޭސީސީން ހޯދީ ރައީސް ސޯލިހުގެ ވެރިކަމުގައި ހިންގަވަން ފެއްޓެވި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ބަޔަކު ހުށަހެޅި ޝަކުވާތަކެއް ތަހުގީގު ކުރުމަށެވެ.