އުކުޅަކުން ހޯދާ ބާރަކީ ބޭނުންހާކަމެއް ކުރުމުގެ ލައިސަންސެއްނޫން
ރައްޔިތުން ތަމްސީލު ކުރަން ހޮވާ މެމްބަރުން އެއީ ކައުންސިލްރުން ކަމުގައި ވިޔަސް، މަޖިލިސް މެމްބަރުން ކަމުގައި ވިއަސް ރައީސުލް ޖުމްހޫރިއްޔާ ކަމަށްވިޔަސް އެ މީހުން އަދާ ކުރަންޖެހެނީ ޒިންމާތަކެކެވެ. އެ މީހުންނަކީ އަމާނާތަކާއި ހަވާލުވާ ބައެކެވެ. އާއިލާއެއް ވެގެން ރައްޓެއްސަކަށްވެގެން އެ ޒިންމާއިން ބަރީއައެއް ނުވެވޭނެއެވެ. ދިވެހިރާއްޖޭގެ ގަވާއިދުތަކާއި ގާނޫނު ތަކާއި ގާނޫނު އަސާސީގެ ތަރުޖަމާ އަކީވެސް އެއީއެވެ.
އިސްލާމް ދީންވެސް ބާރުއަޅަނީ ޒިންމާ އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމާއި އަމާނާތްތެރިވުމަށެވެ. މިފަދަ މަގާމުތަކަށް ހޮވާ ފަރާތްތަކަކީ ވެރިންނެވެ. ވެރިކަމަކީ އަމާނާތެކެވެ. ވެރިކަން އަދާކުރަންޖެހެނީ ހެއްދެވި ފަރާތުން ހަވާލުވާ އަމާނާތެއް ކަމަށް ދެކިގެންނެވެ.
ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމުންތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. އިސްލާމް ދީނަކީ ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި ދިރި ދެމި އޮތުމުގެ އެންމެ މުހިންމު އެއް ބަހާއެވެ. މުސްލިމުން ތަކެއްގެ ނަމާއި ލަގަބަކީ ދިވެހީންނަށް ލިބިފައިވާ ރަހުމަތެކެވެ. ދިވެހި ކޮންމެ މީހަކުމެ އިސްލާމް ދީނުގެ އަސްލުތަކަށް އިހުތިރާމް ކުރަން ޖެހެއެވެ.
މުސްލިމަކު ކުރުން ހަރާމް ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން އިސްލާމް ދީން ވަނީ ވަރަށް ރަގަޅަށް އަންގާ ދީފައެވެ. ސުލްހަ މަސްލަހަތާއި އަމަން އަމާން ކަމަކީ އިސްލާމް ދީން އުގަންނައިދޭ ކަންކަމެވެ. މަސްލަހަތު ދެމެހެއްޓުމާއި އިންސާފުވެރިވުމާއި އަނިޔާވެރި ނުވުމަކީ އިސްލާމް ދީނުގެ މަތިވެރިވެގެންވާ ދަރުސުތަކެކެވެ.
އެހެނަސް ދިވެހީންނަށް މޫސުން ތަކެއް އާދެއެވެ. އާންމު އުސޫލުން ކޮންމެ ފަސް އަހަރަކުންނެވެ. އޭގެ ތެރޭގައި ކޮންމެ ކަލަންޑަރު އަހަރެއްގެ ފަހަތަށް 3 ނުވަތަ 8 އަންނަ އަހަރުތަކަކީ ތިޔާގިކަން އަންނަ އަހަރު ތަކެކެވެ. އެއީ ގައުމުގެ ހައްގުގައި ތަފާތު ކުރުމެއް ނެތި ހިދުމަތް ކުރަން ހޮވާ ރައީސަކު ހޮވާ އަހަރު ތަކެކެވެ.
ދެން އަންނަނީ އަނެއްކާވެސް ކޮންމެ ފަސް އަހަރަކުން ހޮވާ ރައްޔިތުން ތަމްސީލު ކުރާ ބައެއްގެ އިންތިހާބު ތަކެކެވެ. އެއީ ކަލަންޑަރު އަހަރުގެ ފަހަތަށް 4 ނުވަތަ 9 އަންނަ އަހަރުތަކެވެ. އެމީހުން އޮންނަނީ ރައްޔިތުން ތަމްސީލު ކުރަން ރައްޔިތުންނަށް ހެވާ ލާބައާއި ރައްޔިތުންގެ އުދާސްތަކާއި ސަރަހައްދުތަކަށް ބޭނުންވާ ބޭނުން ތަކާއި ސަރުކާރާއި ދައުލަތް ޖަވާބުދާރީ ކުރުވާ މެމްބަރުން ހޮވާ އިންތިހާބެވެ.
އަނެއްކާވެސް އިތުރު ބަޔަކު ކަލަންޑަރު އަހަރުގެ ފަހަތަށް 1 ނުވަތަ 6 އަންނަ ކޮންމެ ފަހަރަކު ހޮވައެވެ. ރަށްރަށާއި އަތޮޅުތަކާއި ސިޓީތަކުގެ ތަރައްގީގެ މަސައްކަތް އެންމެ ގާތުން އަދާ ކުރަން ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނާއި ސިޓީތަކުގެ މޭޔަރުން ހޮވާ އިންތިހާބެވެ. އަތޮޅު ކައުންސިލަރުން ހޮވުމަކީ ރައީސުލްޖުމްހޫރިއްޔާ މާ ހިތްރުހޭ ކަމަކަށް ނުވާތީ އަތޮޅު ތަމްސީލު ކުރަން މީހުން ހޮވުން ހުއްޓާލައިފިއެވެ.
ކަލަންޑަރު އަހަރުތަކުގެ ފަހަތަށް 1، 3، 4، 6، 8 އަދި 9 އަންނަ އަންނަ ކޮންމެ އަހަރަކީ ރައްޔިތުން ގައުމާއި ރަށް ރަށާއި ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ވުމަށް އެދި އެކިއެކި މަގާމުތަކަށް އެކި އެކި ނަންނުމުގައި ވެރީން ހޮވާ އަހަރުތަކެކެވެ. ގާތްގަނޑަކަށް ކޮންމެ ދެ އަހަރަކުން ބަޔަކު މީހުން ރައްޔިތުންނަށް ހިދުމަތް ކުރަން ހޮވާ ހޮވުމުން ދިވެހީން އުންމީދު ކުރާފަދަ ފައިދާ ތަކެއް ވޭ ތޯ ސުވާލު ކޮށްލަން ޖެހެއެވެ.
ރައްޔިތުން ރުއްސަން އެކި އުކުޅު ހަދައިގެން އިންތިހާބީ ވެރިން މަގާމުގައި ދެމިތިބުން ނޫން ކަމެއް އޮންނަހެނެއް ހިއެއްނުވެއެވެ. އެކަމަށްޓަކާ ސަރުކާރުގެ ގާބިލުކަން ދަށް ދުވަސްވަރެއް ނަމަ ބޭނުން ކުރަނީ ވަކި އުކުޅެކެވެ, ސަރުކާރުގެ މަގުބޫލުކަން އޮތްނަމަ ވަކި އުކުޅެކެވެ. ސަރުކާރުގެ ޅަފަތަށް ވަކި އުކުޅެކެވެ. ސަރުކާރުގެ ހިމަ ކޮޅަށް ވަކި އުކުޅެކެވެ.
ވެރިކަމަށް އަންނަން މީހެއްގެ ކަރަށް މަޅިފައްތައިގެން ވިއްޔާ އެ އުކުޅުމެެެވެ. މީހެއްގެ ނިވަލުގައި ވިއްޔާ ނިވަލުގައި އަންނަ ގޮތަށް އެމީހާ ބޮލުގައި އަޅާ ކަނޑަށް ފައްތާލުމަކީ ވެސް އުކުޅެކެވެ. ޒަމާނީ އެންމެ ވަރުގަދަ އުކުޅުކަމުގައި އެކަން ވެއްޖެއެވެ.
އުފައްދާ ސުވާލުތަކަކީ މި އުކުޅުތައް މަކަރާއި ހީލަތް ބޭނުންކޮށްގެން ވެރިއަކަށް ވެގެން ވީ ވަކި ކޮންފައިދާއެއް ތޯއެވެ. އަނދަވަޅަށް ވައްޓާލަނީ ހަމަ ނިކަމެތި ވޯޓުދިން ރައްޔިތުންނާއި އެ ރައްޔިތުންގެ އުންމީދު ތަކެވެ.
ކުރިއަށް ރާއްޖޭގައި ދެން އޮތީ ލޯކަލް ކައުންސިލް އިންތިހާބެވެ. އެންމެ ފަހުން ބޭއްވުނީ ރައްޔިތުން ތަމްސީލު ކުރަން ހޮވި މަޖިލިހެއް ކަމަށް ބަޔަކު މީހުން ގަބޫލުކޮށް އަތުގައި އޮތް ބައިރުފިޔާ ފޮތިވެސް ހަރަދު ކުރިއެވެ. ނަތީޖާއަކީ ކޮބާތޯއެވެ. ރައްޔިތުން ތަމްސީލު ކުރަން ހޮވި މަޖިލިސް ބަދަލުވީ ސަރުކާރު މަޖިލިހަކަށެވެ. ސަބަބުވެރި އިންސާނަކަށް ވެސް ނުވިއެވެ. އަމިއްލަ ކަފުން އަމިއްލައަށް ގަނެ ނިންމީއެވެ.
މިއަދުގެ މަޖިލިހަކީ އަމިއްލަ ބާރެއް ހައްގެއް އޮތް ބަޔަކަށް ނުވިއެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގޮންޖަހާ ބޭނުން ގޮތަކަށް ސަރުކާރުގެ އެދުންތަކަށް ރައްޔިތުންގެ މަޖިލިސް ދީލާލީއެވެ. އަމިއްލައަށް ސަރުކާރުގެ އެދުމަށް ފާސްކުރި ގާނޫނަކުން ދެބަސްވެއްޖެ ނަމަ އިށީދެ އިން ގޮނޑި ގެއްލުވާލާނީ އަމިއްލަ އެދުމަށެވެ.
ރަގަޅެވެ. މިއަދު ތިމާ ތަމްސީލު ކުރާ ދާއިރާއަށް ކަމެއް ކޮށްދޭން ބަޖެޓުގައި ކަމެއް ހިމަނާލަން ގޮވާލަން ވެސް ނުކެރޭ ވަރަށް ވަރަ ބިންދާލީއެވެ. ތިމާ ތަމްސީލު ކުރާ ދާއިރާގެ ރައްޔިތަކު ބޭނުންވާ ކަމަކަށް ވަކާލާތުވެސް ކޮށް ނުލެވެއެވެ. ސާފު ބަހުން ނަމަ ރައްޔިތުންގެ މަޖިލިހަކީ ސަރުކާރުގެ ގޮނޑި ކޮށްކޮއަކަށް ވީއެވެ. ސަރުކާރަށް ރަބަރު ސްޓޭމްޕް ޖަހަން ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރާ ބަޔަކަށްވެ ނިމުނީއެވެ. ދިވެހީންނަށް ބޭނުން ބަޔަކަށް ނުވިއެވެ. އެހެން ނަމަވެސް ރައީސްގެ ވައުދުނާމާއަކަށް ހުއްޓުމެއް ނެތެވެ.
ކުރިއަށް އޮތް ލޯކަލް އިންތިހާބަށް ސަރުކާރުގެ އުކުޅަކީ އެކި މީހުންނާއި ހިސާބުގައި އެކި ގޮތެވެ. ކައުންސިލްގެ ޕްރައިމަރީގައި ވާދަ ކުރި ޕީއެންސީ މީހެއްގެ އޭޖެންޓެއް ބުނީތީ އެހީމެވެ. "މުއިއްޒު ރަގަޅެވެ. މިހާތަނަށް ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި ފެނުނީ ރައީސް ޔާމީނެވެ. ދެވަނަ ދައުރެއް ލިބުނު ހެއްޔެވެ. ނުލިބުނެވެ. އެ ހެދި ގޮތެއް ހަދާ ބަލިކުރީއެވެ. ނުވި ތާކަށް ޖަލަށްވެސް ލީއެވެ."
އެހެން ނަމަވެސް މިހާރުގެ ރައީސް ތަފާތެވެ. ރައްޔިތުން ކުރިމައްޗަށް އަރާ ބުނަނީ އަބަދުވެސް އައު ކަމެއް ކޮށްދޭނެ ކަމަށެވެ. އެ ބުނާ ކަމެއް ނުވާނެ ކަން އޭނާއަށް ވެސް އެގެއެވެ. މި ސަރުކާރުން ރައްޔިތުން ދަސްކުރީއެވެ. އެއްވެސް މީހަކު އެ މީހެއްގެ ނަފުސުން ބޭރަކަށް ނުވިސްނާނެއެވެ. އެންމެ ވަރުގަދައަށް ޖަދަލު ކުރާ މީހާވެސް ވަޒީފާއަކަށް ގުޑައެވެ.
އެންމެ ނުފޫޒުގަދަ މީހާއަށްވެސް ގިނަ ވެގެން ދޭން ޖެހޭނީ ދެތިން ލައްކަ ރުފިޔާއެވެ. ފަސް އަހަރަށް ހަނު ކޮށްލެވޭނެއެވެ. ވަޒީފާ ބޭނުންވާ މީހާއަށް ޓޯކަން ކައުންޓަރުން ނަމްބަރު ނަގަން ހަވާލު ކޮށްލާ 10،000ރ ދިނީމާ އެއްޗެއް ބުނާކަށް ނުކެރޭނެ ކަމަށްވެސް އެ މީހާ ބުންޏެވެ.
އަދިވެސް އެމީހާ ބުންޏެވެ. މީޑިއާތަކަށް މާގިނަ ހަރަދެއް ކުރާކަށް ނުޖެހެއެވެ. ކުޑަ ކުންފުންޏަކުން މަހަކު ތިރީހަކަށް ހާސް ރުފިޔާ ދިނުމުން މުއިއްޒަށް ސަނާ ކިޔަން ފަށާނެއެވެ. އެ ހިސާބުން ފިލްމު ނިމުނީއެވެ.
ބައެއް ރަށްރަށުގެ މަގުހަދަން މަގުގައި މިން އަޅާން ފަށައިފިއެވެ. އެ ހިސާބުން ސަރުކާރުގެ އޭޖެންޓުން ފަށާ މަސައްކަތަކީ އެ މިން އެޅީނު ދެން މަސައްކަތް ފެށުނީ ކަމަށްބަލާށާޭ ކިޔުމެވެ. ކޮންނަން ފަށަން ހައިމާކު އައީނުންހޭ ބުނެއެވެ. ދެން ބިން ހިއްކާ، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެެއެވެ. އެހެނަސް މިއީ މަކަރުވެރި ރޭވުމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް އޮތީ މަރުގެ ތުންފަތް މަތީގައެވެ. ކަމެއް ކުރެވޭނެ ހަކަތައެއް ނެތެވެ. އޮތީ ދަރާ ވިކިފައެވެ.
ކައުންސިލް އިންތިހާބު ބޯމަތި ވަނީއެވެ. ސަރުކާރުގެ ގާބިލުކަން ވިއްކަން ދެއްކޭނެ އެންމެ ވާހަކަ އެއްވެސް ނެތެވެ. މިހާލަތުގައި ކައުންސިލް އިންތިހާބަށް އުކާ އެމަކީ އާއިލާ ބޮޑެތި މީހުންނާއި ރައްޓެހިން ގިނަ މީހުން ތަމްސީލު ކުރުވުމެވެ. ބައެއް ފަހަރު ސަރުކާރު ތަމްސީލު ކުރާ މީހުން ބުނެއެވެ. ކަމެއް ނުކޮށްދިނެންނު، ނުވެސް ކޮށްދޭނެއެވެ.
އެހެން ވީމާ މިފަހަރު ބަލާނީ އާއިލާއަށް ކަމެއް ވޭތޯއެވެ. ބޭބެ، ޅިޔަނު، ކޮށްކޮ، ދައްތަ، ނޫނީ ފަހަރި ހޮވަން މިފަހަރު މި ނިކުންނަނީ މިހެންނެވެ. ސަރުކާރުން ކަމެއް ކޮށެއް ނުދޭނެއެވެ. ކަރުގައި އެޅޭ މަޅިއަކީ ހޮވުމަށް ފަހު ދެކޮޅު ހަދައިފިއްޔާ ގޮނޑި ގެއްލުމެވެ. އަޅުގަނޑުމެން ރައްޔިތުން ތަމްސީލު ކުރަން ހޮވާ މީހުންގެ ޒިންމާއެއް ނެތީއެވެ. އަމާނާތަށް ހިޔާނާތްތެރި ވަނީއެވެ. ރައްޔިތުންނަށް ގައްދާރު ވެވުނީއެވެ.
އަދިވެސް ޒިންމާއަކާއި ނުލާ ފުރުސަތު ދޭންވީތޯއެވެ. ރައްޔިތުންގެ ޓެކްސްފައިސާ ބޭކާރުބަޔަކަށް ހަރަދު ކުރަން ވީހެއްޔެވެ. ހެއްދެވި ފަރާތަށް އުރެދޭ މީހެއްގެ ހުކުމަކީ ކޮބާ ހެއްޔެވެ. ވެރިކަމަކީ ކޮންމެ ފެންވަރެއްގައި ނަމަވެސް އިލާހުގެ ފަރާތުން ހަވާލުވާ އަމާނާތެކެވެ. އެ އަމާނާތަށް ހިޔާނާތްތެރިވާން ވީ ތިމާ ތާއީދު ކުރާ ޖަމާއަތެއް ރުއްސަން ތޯއެވެ. ޖަވާބު ދާރީ ކުރުވާ ދުވަހު ދޭނެ ޖަވާބެއް އޮންނަން ވާނެއެވެ.
އިރާދަ ކުރެއްވި ވެރިކަން ކުރީ މަކަރުވެރިއެއްގެ ގޮތުގައި ކަމުގައި ވުމަކީ އޮޅުވާލުމެކެވެ. ހެއްދެވި ފަރާތަށް އޮޅުވާ ލެވޭނެ ކަމަށް ދެކިގެން ނުވާނެއެވެ. އެކަމެއް ނުވާނެއެވެ. ބިރުވެތި ވާށެވެ. މި ނޫން ދުވަހެއް އޮތްކަން ހަނދާން ކުރާށެވެ. އަމިއްލަ މަސްލަހަތަށް އެހެން މީހުންގެ ހައްގުތަކާއި އުންމީދަށް އަރައި ނުގަންނާށެވެ.
މި ސަރުކާރުން ފެންނަނީ އަވަށްޓެރި ގައުމެއްގެ ފިލްމު އިންޑަސްޓްރީއެކެވެ. އެ ފިލުމުތަކުގައި އަބަދުވެސް ފެންނާނީ ބަތަލުގެ ކުޅަދާނަކަމެވެ. ހަގީގަތަކީ ގައުމު އަމާން އައްސޭރިއަކަށް ގެންދިޔުމަކީ އެންމެންގެ ބޮލުގައި އެޅޭ ޒިންމާއެއް ކަމެވެ.
ކައުންސިލަރު ޒިންމާ އަދާ ނުކުރާނަމަ ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރަން ޖެހޭނެއެވެ. މަޖިލިސް މެމްބަރު ޒިންމާއިން ރެކޭ ނަމަ ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރަން ޖެހޭނެއެވެ. ސަރުކާރު ފާލުން ނެއްޓި ހަމައިން ނެއްޓޭނަމަ ހަމަ މަގަށް އަޅުވާ ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރަން ޖެހޭނެއެވެ. ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންނަށް ހިޔާނާތްތެރިވާނަމަ ރައީސުލްޖުމްހޫރިއްޔާވެސް ހަމަ މަގަށް އަޅުވާ ޒިންމާދާރު ކުރުވަން ޖެހޭނެއެވެ.
ވެރިކަމަކީ އެމީހަކު ބޭނުން ކަމެއް ކުރުމަށް ލިބޭ ލައިސަންސެއް ނޫނެވެ. ވެރިންނަކީ ރައްޔިތުންގެ ހާދިމުންމެވެ. އަދި އެންމެހާ ބާރުތަކެއް ފެށި ދެމިއޮންނަނީ ރައްޔިތުންނާއި ހަމައިގައެވެ. ގަދަ ކީރިތިވަންތަ އިލާހުގެ ދަރުބާރުގައި އެވެރިންނާއި ހާދިމުންނާއި ރައްޔިތުން އެ މީހެއްގެ ޒިންމާ އަދާކުރާ މިންވަރު މިނާނެއެވެ. ބިރުވެތި ވާށެވެ. އަމިއްލަ ނަފުސަށް އަނިޔާވެރި ވާކަށް ނުވާނެއެވެ.




