ޖަލުހުކުމް ލުއިކޮށް މިނިވަންކުރުމަކީ އިންސާނީ ހައްގު ގެއްލުން؟
ކޮރަޕްޝަން ނައްތާލުމަކީ ހިއުމަން ރައިޓްސް ކަމިޝަނުގެ ކަމެއް!
ބަންދެއްގައި ތިބި ބަޔަކު ދޫކޮށްލައިގެން ކަންބޮޑުވެ ހާސްވެ ފަޔަށް ހިނިއަރައިގެން އުޅުނު ހިއުމަން ރައިޓްސް ކޮމިޝަނެއް ދުނިޔޭގެ ތާކުން ނުދެކެވެ. އިންސާނީ ހައްގަށް މަސައްކަތް ކުރާމީހުން އުޅޭތަން ފެންނަނީ ކިތަންމެ ބޮޑު ކުށްވެރިއެއް ނަމަވެސް މިނިވަންކޮށް ދޫކޮށް ނުލައިގެންނެވެ. ހައްގަކާނުލާ އަނިޔާވެރި ކަމާއެކު މީހަކު މަރާފައި ހުރި މީހަކު މަރާލުމަކަށް ވެސް އިންސާނީ ހައްގަށް މަސައްކަތްކުރާ މީހުން އެއްބަހެއް ނުވެއެވެ.
ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަކީ އެކަމަކުވާ ހާދަ ފާޑެއްގެ ތަނެކެވެ. އެ މީހުން ކަންތައް ބޮޑުވީ ޖަލު ބަންދުގައި ތިބި ދެމީހަކަށް މާފުކޮށް ދިނުމާ އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ލުއިދީ މާފުދީ ދޫކޮށްލައިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްލާ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ މިނިވަންކުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަން ބަލައިގަންނަ ކަމަކަށް ނުވެއެވެ.
ރާއްޖޭގެ ހިއުމަން ރައިޓްސް ކަމިޝަންގެ މޭންޑޭޓް ބަދަލުވީ ހެއްޔެވެ. އަދީބާއި ޒިޔަތު ދޫކޮށް ލުމަކީ ރައީސް ސޯލިހު ޒީރޯ-ޓޮލަރެންސް ސިޔާސަތާ މުޅިން ހިލާފުވުން ކަމަށް އެޗްއާރުސީއެމުން ކަނޑައަޅައިފިއެވެ. އަހުމަދު އަދީބާއި އަބްދުއްލާ ޒިޔަތުގެ ޖަލު ހުކުން ލުއިކޮށްދީ މިނިވަންކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ގެންގުޅު ސިޔާސަތަށް އެޅުނު ހުރަހެއް ކަމަށް ހިއުމަންރައިޓް ކޮމިޝަނުން ބުނެފިއެވެ. ކޮރަޕްޝަނާ ފަސާދަ ނައްތާލުމުގެ މަސައްކަތަކީ ހިއުމަން ރައިޓްސް ކަމިޝަނުގެ ކަމަކަށް ވީހެއްޔެވެ.
އަދީބާއި ޒިޔަތު ގެ އަދަބު ލުއިކޮށްދީ މިނިވަން ކުރުމުން އިންސާނީ ހައްގެއް ގެއްލުނީ ކާކުގެ ހެއްޔެވެ. ކޮރަޕްޝަން މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް ފިޔަވަޅު އަޅަން ނުކުޅެދިފައިވާ ކަމަށް ހިއުމަން ރައިޓްސް ކަމިޝަނުން ބުނީ ކޮންކަމެއް ކިހިނެތް ބަލާ ތަހުގީގް ކޮށްގެން ހެއްޔެވެ. ކޮރަޕްޝަން މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި މަންޒަރު ބަދަލުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކަމިޝަނަށް އެނގުނީ ކިހިނެއް ހެއްޔެވެ. އަމްދުން އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި މަންޒަރު އޮތީ ދިމާ އިދިކޮޅަށް ކަމަށް ބުނީ ކޮން އަސާސެއްގެ މައްޗަށް ހެއްޔެވެ.
އިދިކޮޅު ސިޔާސީ ޕާޓީއަކުން ދައްކާ ޒާތުގެ ވާހަކަ ބަޔާން ނެރެގެން ދައްކަނީ ކާކު ރުއްސަން ކަމަށް ހެއްޔެވެ. ޓްރާންސިޝަން ޕީރިއަޑްގައި އައު ސަރުކާރުގެ ރުހުން ހޯދައިގެން މަގާމު ކަށަވަރުކުރުމުގެ އުންމީދު މާބޮޑީތާއެވެ. އެކޮޅު މިކޮޅު ނުބަލާ ފަޔަށް ހިނި އަރައިގެން ތެޅިގަންނައިރު މަގާމު ކަށަވަރު ކޮށްދެވޭނީ ރައީސުލްޖުމްހޫރިއްޔާއަށް ނޫންކަން ހަނދާނެއް ނެތް ދޯއެވެ.
ބުނަން ހެއްޔެވެ. ކޮރަޕްޝަނާ ފަސާދައިގެ ކަންކަން ބަލާ ފިޔަވަޅު އަޅަން ހާއްސަ ވެފައިވާ މުއައްސަސާތައް ރާއްޖޭގއި އެބަހުއްޓެވެ. ހިއުމަން ރައީޓްސް ކަމިޝަނަކީ އެ މުއައްސަސާއެއް ނޫނެވެ.